Wednesday, August 18, 2010


މިއީ އަޅުގަނޑުގެ ޚިޔާލު!
އަޙުމަދު މަޢުޞޫމު،
 ފެންފިޔާޒުގެ، ހއ. ވަށަފަރު
        މިއަދު އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގައި ލިޔުންތެރިންގެ މަސައްކަތްތައް އާއްމުވާން ފަށައިފިއެވެ. ވަރަށް ހަރުދަނާ ޢިލްމީ ލިޔުންތަކާއި އިބުރަތްތެރި ވާހަކަތައް ފެންނަން ފަށައިފިއެވެ. ދިވެހި އަދަބީ ޤުލްޝަނުގައި ހިތްގައިމު ޅެންތަކާއި އަދަބުން ފުރިގެންވާ ކުރުވާހަކަތައް އުދުހެން ފަށައިފިއެވެ. ފޮތްހަރުގަނޑުތައް ފަޅުފިލުވާލާނެ ގިނަ
އަދަދެއްގެ ދިވެހި ފޮތްތައް ޝާއިޢު ކުރެވެން ފަށައިފިއެވެ. މިބަދަލު ދިވެހި އަދަބިއްޔާތަށް އަންނަމުންމިދަނީ މިއަދުގެ ލިޔުންތެރިން، އަދީބުން، ޝާއިރުންގެ ބުރަ މަސައްކަތުންނެވެ. އެބޭފުޅުންގެ ފިކުރާ ޚިޔާލުފުޅަށް ލިބިފައިވާ ތަނަވަސްކަމުގެ ސަބަބުންނެވެ. މިކަމަށްޓަކާ އަޅުގަނޑުގެ އަމިއްލަ ޙައިޘިއްޔަތުން އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ޙައްޤު ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ އުންމީދަކީވެސް އެބޭފުޅުން ފަދައިން ދިވެހި އަދަބިއްޔާތަށް އިތުރު ޖޯޝެއް ގެނައުމެވެ. މިކަމަށްޓަކާ އަޅުގަނޑު ވަރަށް ކުޑަކުޑަ މަސައްކަތެއް ކޮށްލީމެވެ. މަޒުމޫނުގެ "ގުނަވަންތައް" ދެނެގަތުމަށް ކުރި މި މަސައްކަތުގެ ނަތީޖާ، ކިޔުންތެރިންނާ ހިއްސާކޮށްލިއަދޭށެވެ.  
                      ކިޔަވައިދިނުމުގައި "ނަމޫނާއަކަށް" ބަލާ ކުދިންނަށް ދައްކާލާނެ މަޒުމޫނެއް ވަރަށް މަދުންނޫނީ ނުފެނެއެވެ. މިހެން މިދެންނެވީ ދަރިވަރުންގެ ފޮތްތަކުގައި ވަރަށް ފުރިހަމައަށް މަޒޫމޫނު ލިޔަންވީ ކިހިނެއް ކޮން ގޮތަކަށް ކަމާ، މަޒުމޫނެއްގައި، މަޒުމޫނުގެ ފެށުން އަދާކުރާ ދައުރާ، މަޒުމޫނުގެ ޕެރެގުރާފްތައް އަތުރަންވީ ގޮތާއި މައުލޫމާތުތައް ހުށަހަޅަންވީ ތަރުތީބާ، ނިންމުން ގެންނަންވީ އެންމެ ފުރިހަމަ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށް އޮޅުންފިލުވައިދެއްވާފައި ހުންނައިރު، އެފަދަ ނަމޫނާ މަޒުމޫނެއް ދަރިވަރުންނަށް ދައްކާލަން، މަތާރަންފިލާ މަތި ހޯދާ ބެއްޔަސް، ބޮޑުފޮށި އެފުށް މިފުށަށް ޖެއްސަސް އަދި ފޮތް ހަރުގަނޑު ކޮޅިއަސް ނުފެންނާތީއެވެ. އެއްވެސް ހާލެއްގައި ލިޔުންތެރިންގެ ލިޔުންތައް/ މަޒުމޫނުތައް ފެންނަން ނެތް ވާހަކައެއް އަޅުގަނޑު ނުދަންނަވަމެވެ. މިއީ ހަމަޔާއި އުޞޫލަށް ފައްތަވައިގެން މަޒުމޫނު ލިޔުއްވާ ބޭފުޅުންނަށް ދަންނަވާ ކުޑައިމީސް ބަހެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކީވެސް ލިޔުމެއް ލިޔާއިރު އެ ލިޔުމެއް ލިޔުމުގައި ގެންގުޅޭ ހަމަތަކާ އުޞޫލުތައް ދަނެ އެއާއި އެއްގޮތަށް ލިޔުން ބައްޓަންކުރާ މީހަކަށް ވާންޖެހެއެވެ.  
                       މަޒުމޫނެއްނަމަ، ފެށުމުގައި "ތީސީސް ސްޓޭޓްމަންޓެއް" އޮންނަންވާނެއެވެ. އެއީ މުޅި މަޒުމޫނު، އެ ޖުމުލައެއްގެމައްޗަށް ބިނާވެފައި އޮންނަ ޖުމުލައެވެ. މަޒުމޫނުގެ މައިގަނޑު ޖުމުލައެވެ. މި ޖުމުލަ ކިޔާލުމުން މުޅި މަޒުމޫނުގައި ގެނެސްދީފައި ހުންނާނެ ވާހަކަތައް/މައުލޫމަތުތައް ހިތަށް ތަސައްވުރުކޮށްލެއްވޭނެއެވެ. މިސާލަކަށް އަޅުގަނޑު މި ލިޔުމުގެ ފެށުމުގައި އިބާރާތްކޮށްފައި އޮތް އެންމެ ފަހުޖުމުލަ ބައްލަވާލައްވާށެވެ. "މަޒުމޫނުގެ "ގުނަވަންތައް" ދެނެގަތުމަށް ކުރިމަސައްކަތުގެ ނަތީޖާ، ކިޔުންތެރިންނާ ހިއްސާކޮށްލިއަދޭށެވެ." މިޖުމުލައިން، އަޅުގަނޑު މިލިޔުމުގައި ހިމަނާފައި ހުންނާނެ ވާހަކަތައް ކޮންމެވެސްވަރަކަށް ހިތަށް ތަސައްވުރުކޮށްލެއްވޭނެއެވެ. މައިގަނޑުޖުމުލަ މަޒުމޫނުގައި ހިމެނުމުން ކިޔުންތެރިންނަށްވެސް ފަސޭހަވާނެއެވެ. މައުލޫމާތެއް ހޯދުމަށް މުޅި މަޒުމޫނު ކިޔުމުގެ ބަދަލުގައި، ކިޔުންތެރިޔާ ބޭނޫންވެލައްވާ މައުލޫމާތު އެ މަޒުމޫނެއްގައި ހިމެނިފައި ވާނެތޯ ނުވަތަ ނޫންތޯ ވަޒަންކޮށްލެއްވުމަށް ފަސޭހަވާނެއެވެ. އެއީ ފެށުން ހަރުދަނާވުމަށް އެޅޭ އިތުރު ބާރެކެވެ. އެހެންކަމުން ކޮންމެ މަޒުމޫނެއްގެވެސް ފެށުމުގައި މައިގަނޑު ޖުމުލައެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.  
                       މަޒުމޫނުގެ މައިގަނޑު ޖުމުލައެކޭ އެއްފަދައިން ކޮންމެ ޕެރެގުރާފެއްގައިވެސް މައިގަނޑު ޖުމުލައެއް އޮންނަންވާނެއެވެ. އެއީ ލިޔުންތެރިޔާ ކަނޑައަޅާ ނިންމާ ގޮތެވެ. މި ޖުމުލައަށް ފަހު ދެން ގެނެސްދީފައި ހުންނާނީ ލިޔުންތެރިޔާ ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ދައްކަން ބޭނުންވާ ވާހަކަތަކެވެ. އެއީ ތަފްސީލީ ޖުމުލަތަކެވެ. މަޒުމޫނުގެ މައިގަނޑު ޖުމުލައެކޭ އެއް ފަދައިން، ޕެރެގުރާފުގެވެސް މައިގަނޑު ޖުމުލަ ކިޔާލައިފިނަމަ، އެ ޕެރެގުރާފުގައި ދައްކާފައިހުންނާނެ ވާހަކަތައް ހިތަށް ތަސައްވުރުކޮށްލައްވަން ދާދި ފަސޭހަވާނެއެވެ. މިލިޔުމުގެ ފެށުން ދޫކޮށް، ފުރަތަމަ ޕެރެގުރާފް ގެ ފުރަތަމަ ޖުމުލަ ބައްލަވާލައްވާށެވެ. އެ ޕެރެގުރާފުގެ މައިގަނޑު ޖުމުލައަކީ، "މަޒުމޫނެއްނަމަ، ފެށުމުގައި "ތީސީސް ސްޓޭޓްމަންޓެއް" އޮންނަންވާނެއެވެ." މިއެވެ. މަޒުމޫނެއްނަމަ ފެށުމުގައި ތީސީސް ސްޓޭޓްމަންޓެއް އޮންނަން ޖެހޭނެކަން، އެއީ އަޅުގަނޑު ނިންމި ނިންމުމެވެ. ދެން އެ ޕެރެގުރާފުގައި ދައްކާފަހުންނަނީ އެނިންމުން އަޅުގަނޑު ނިންމި ސަބަބާ ބެހޭގޮތުންނެވެ. އެގޮތަށް ނިންމި ސަބަބު ތަފްސީލުކޮށްދީފައެވެ.  ކޮންމެ ޕެރެގުރާފެއްގައިވެސް ދައްކާފައި ހުންނާނީ މައިގަނޑު އެއް ވާހަކައެއްކަމަށްވާތީ، އަޅުގަނޑު އެޕެރެގުރާފުގައި ގެނެސްފައިހުރި ވާހަކަތައް ކިޔުންތެރިންގެ ހިތަށް ތަސައްވުރުކޮށްލެއްވުމަށް ދާދި ފަސޭހަވާނެއެވެ. އެހެންކަމުން، އަޅުގަނޑަށް ބުރަވެވެނީ މަޒުމޫނެއްގެ ކޮންމެ ޕެރެގުރާފެއްގައިވެސް މައިގަނޑު ޖުމުލައެއް އޮތުމަށެވެ.
                       މައިގަނޑު އެއް ޚިޔާލެއްގެމައްޗަށް ޕެރެގުރާފު ބިނާވެފައި އޮތުމަކީވެސް މަޒުމޫނު ފުރިހަމަވުމުގެ ޝަރުޠެކެވެ. ތެދުފެޅެއްމެއެވެ. ބައެއް މަޒުމޫނުތަކުން، އެއް ޕެރެގުރާފެއްގައި ދެތިން ވާހަކައެއް ގެނެސްދެއްވާފައިހުއްޓާ އެބަފެނެއެވެ. އެއީ އެކަމަކު އެންމެ ރަނގަޅު ގޮތްކަމަކަށް ނުވާނެވެ. މިސާލަކަށް ބިސް ކައްކާނެގޮތް އޮޅުންފިލުވައިދެއްވުމަށް ލިޔުއްވާފައިވާ އޮޅުންފިލުވައިދޭ މަޒުމޫނެކެވެ. މަޒުމޫނުގެ ތަޢާރަފުން ފަށާ ފުރަތަމަ ޕެރެގުރާފުގައި ފެންހޫނުކުރަން ހަދާނެގޮތް ބުނެދީ، ދެވަނަ ޕެރެގުރާފުގައި ފެންގަނޑު ފުރިހަމައަށް ކެކެންފެށުމުން ބިސް ފެންގަނޑުތެރެއަށް ލައި، ހޫނުމިން ވަކިމިންވަރެއްގައި ބަހައްޓައިގެން ވަކިވަގުތެއް ހަމަވަންދެން ކައްކަން ބުނެ، ޖެހިގެން އަންނަ ޕެރެގުރާފުގައި ބިސްނަގާ ތޮށި ފިލުވާލުމުން އޮއޮތީ ބިސް ތައްޔާރުވެފައި ކަން ބުނެދިނުމުގެ ބަދަލުގައި، އޮތީ އެއްޕެރެގުރާފަކުން އިރުޝާދުދީ މަޒުމޫނު ނިންމަލާފައެވެ. ނަމަވެސް މިއީ މަޒުމޫނެއްގެ ޒަރީއާއިން އެކަން އޮޅުންފިލުވައިދިނުމުގައި އެންމެ ފުރިހަމަގޮތެއް ނޫނެވެ. ނަމަވެސް ބިސްކެއްކުމުގައި ކަނޑަތުކުރަންޖެހޭ ކޮންމެ ހަރުފަތެއް ވަކި ޕެރެގުރާފެއްގައި ގެނެސްދީފައި އޮތުމުން މައުލޫމާތު ހުށައެޅުމުގައި ހަރުދަނާ ގޮތެއް ފާހަގަވާނެއެވެ. ކިޔުންތެރިޔާގެ ޚިޔާލު އެއްމިސްރާބަކަށް ގެންގޮސްދޭނެއެވެ. އެހެންކަމުން ކޮންމެ ޕެރެގުރާފެއްވެސް މައިގަނޑު އެއް ޚިޔާލުގެމައްޗަށް ބިނާކޮށް އެއްޕެރެގުރާފު އަނެއް ޕެރެގުރާފާ އެމުނެމުންދާގޮތަށް ހުށައަޅައިދިނުން ކޮންމެހެން ބޭނުމެވެ.
                        ކޮންމެ ޕެރެގުރާފެއްގައިވެސް ވާހަކަތަކެއް ދެކެވިފައި ހުންނައިރު، ދެކެވިފައި ހުންނަ ވާހަކަތައް ބުރަބުރައިގެން ދިއަ ނުދިނުމަށްޓަކާ ވަށާޖަހާ ޖުމުލައެއް އޮތުން ކޮންމެހެން ބޭނުމެވެ. ޕެރެގުރާފެއްގައި ވަށާޖަހާ ޖުމުލައަކީ، ވަލަށްގޮސް އެއްކޮށް ޖަމާކުރި ދަރުތައް ބަދަހިކޮށް ބޮނޑިބަނދެލާން ގެންގުޅޭ ވަކަފަށް ފަދަ އެއްޗެކެވެ. އެއްކޮށް ޖަމާކޮށް ޕެރެގުރާފެއްގެ ސިފައިގައި ހުށަހެޅި މައުލޫމާތުތައް ވިއްސިވިހާލިވެގެން ދިއަ ނުދިނުމަށްޓަކާ ޕެރެގުރާފު ނިންމާލުމުގެ ގޮތުން ވަށާޖަހާ ޖުމުލައެއް ބޭނުންކުރެއެވެ. ދެކެވުނު ވާހަކަތަކުގެ ޚުލާޞާ ޖުމަލައެއް އިބާރާތްކުރަމުއެވެ. މި ލިޔުމުގެ ފެށުން ދޫކޮށް، ހަތަރުވަނަ ޕެރެގުރާފުގެ އެންމެ ފަހު ޖުމުލަ ބައްލަވާލައްވާށެވެ. "އެހެންކަމުން ކޮންމެ ޕެރެގުރާފެއްވެސް މައިގަނޑު އެއް ޚިޔާލުގެމައްޗަށް ބިނާކޮށް އެއްޕެރެގުރާފު އަނެއް ޕެރެގުރާފާ އެމުނެމުންދާގޮތަށް ހުށައަޅައިދިނުން ކޮންމެހެން ބޭނުމެވެ."  މިއީ އެ ޕެރެގުރާފުގެ ވަށާޖަހާ ޖުމުލައެވެ. މިޖުމުލަ ގެނައުމުން އަބަދުވެސް ކިޔުންތެރިޔާ ޕެރެގުރާފް ނިންމަމުން މައުޟޫއަށް އެނބުރި އަންނާނެއެވެ. އެއްޕެރެގުރާފް އަނެއް ޕެރެގުރާފަށް ވާގި ދެވޭނެއެވެ. ޕެރެގުރާފު ތަކުގެ މެދުގައި އަރާ އޮޅުން ކުޑަވާނެއެވެ. ޕެރެގުރާފުގައި ދެކެވިފައިހުރި ވާހަކަތަށް ކިޔުމަށް ފަހު، ކިޔުންތެރިޔާ އެއާއިމެދު ގޮތެއް ނިންމުމަށް އެންމެބޮޑަށް ބާރުއަޅާ ޖުމުލައަކީ ވަށާޖަހާ ޖުމުލަކަމަށްވާތީ، މިޖުމުލަ ވަނީ މަޒުމޫނުގެ މިސްރާބު ދައްކައިދޭ "ސަމްގާ" އަށެވެ.
                         މަޒުމޫނު ދިގުވިއަސް، މަޒުމޫނުގެ ނިންމުމާމެދު ކޮންމެވެސް އެއްޗެއް ދަންވާލާފައި މެނުވީ، ނިންމާލުމަކީ މަޒުމޫނު ނުނިމެނިސް ނިންމަލުންކަމުގައި ނޫނީ ނުވާނެއެވެ. އާދޭހެވެ. މަޒުމޫނުން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް އިޝާރާތްކޮށް ކުރެވޭ އިލްތިމާހަކުންވެސް މަޒުމޫނު ނިންމާލެވިދާނެކަމަށް ފޮތްތަކުގައި ހުންނާތީ އަޅުގަނޑު ދެކެމެވެ. ނޫނީ ކަމެއް އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދަންބޭނުންވާ ކަމަކާ ބެހޭގޮތުން ލިޔާ މަޒުމޫނުތަކުގައި، ލިޔުންތެރިޔާ ބޭނުންވާގޮތް ހާމަކުރަމުން މަޒުމޫނު ނިންމާލުމަށް ބައެއް ލިޔުންތެރިން ބާރުއަޅުއްވައެވެ. މަޒުމޫނުގެ ބާވަތް ތަފާތުވާ ފަދައިން މަޒުމޫނުގެ ނިންމުން ގެނެވޭ ގޮތްވެސް ތަފާތުވެއެވެ. މިގޮތުން އަޅުގަނޑުވެސް ދެއްކި ވާހަކަތައް ޚުލާޞާކޮށްލަމުން އަޅުގަނޑުގެ މަޒުމޫނު ނިންމާލާނަމެވެ.
                         އަޅުގަނޑު މި ލިޔުމުގައި އިޝަރާތްކޮށްފައިވާ ކަންތައްތައް ނޫނަސް ތަފާތު އެތައްކަމެއް، އަޅުގަނޑުމެން މަޒުމޫނު ލިޔަމުންދާއިރު ސަމާލުކަމަށް ގެންނަންޖެހެއެވެ. މިކަހަލަ އެންމެ ލިޔުމަކުން އެ ހުރިހާކަމެއް ސާފުކޮދެވުމަކީ ދަތި އުނދަގޫކަމެކެވެ.  ނަމަވެސް މަޒުމޫނު ލިޔުމުގައި ކޮންމެ ބޭފުޅަކުވެސް އަޅުގަނޑު މި އިޝާރަތްކުރި ކަންތައްތަކަށް ތާޢީދުކުރެއްވޭނަމަ/ ޤަބޫލުފުޅުކުރެއްވޭނަމަ އެގޮތަށް ޢަމަލުކުރެއްވުމީ ހަމަ ގައިމުވެސް ކިޔަވައިދެއްވާ މުދައްރިސުންނަށާއި ކިޔަވަން ތިއްބެވި ދަރިވަރުންގެ މުސްތަޤުބަލަށްޓަކާ ކޮށްޓެވޭ ސަރާސަރު މަގެއް ކަމުގައި ނޫނީ ނުވަނެއެވެ. އަދި ދިވެހި އަދަބީ ޖައްވުގައި ތިއަ އެންމެ ބޭފުޅުން ތިއަ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ލިބޭ އިތުރު ކުރިއެރުމެއް ކަމުގައި ނޫނީ ނުވާނެއެވެ.  
                                      -         ނިމުނީ -

No comments:

Post a Comment

embedded below post