Thursday, August 19, 2010

 
ބުކް ރިވިއު
ދިވެހިރާއްޖޭގައި ކަނޑުމަތީ ދޫނި
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
          ހ. ޝަފީގުގެ ، އަޙުމަދު ޝަފީޤަކީ ރާއްޖޭގެ މަސައްކަތްތެރިކަމާއި ބެހޭގޮތުން ތަފާތު މަޢުލޫމާތު ތަކެއް ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ބަލާއިރު ޝަފީޤު ލިޔުއްވަފައިވާ "ދިވެހި މަސައްކަތްތެރިކަން" ފާހަގަ ކޮށްލެވެއެވެ.
އަޙުމަދު ޝަފީޤަކީ ދިވެހި ތާރީހަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ދިވެހިންގެ ތަރިކައިގެ ތެރޭގައި ހިމެނޭއެތައް މައުލޫމާތެއް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވާ ލިޔުންތެރިއެކެވެ.   " ދިވެހިރާއްޖޭގައި ކަނޑުމަތީ ދޫނި " މިފޮތަކީ، ރައްޖޭގެ ތިމާވެށީގެ މައްޗަށް ލިޔާ މީހުންންގެ ޖަމްއިއްޔާގެ މަސައްކަތަށް އިތުރުކޮށްދިން ބޮޅެއްކަމުގައި ނޫނީ ނުވެ ނުދާނެއެވެ. އެތައް ދުވަހެއްގެ ދިރާސާއަކަށްފަހު ޝަފީގުގެ ޝަފީޤު ލިޔުއްވާފައިވާ މިފޮތުގެ އަސްލު ލިޔުއްވާފައިވަނީ 1993މ ގައެވެ. މިފޮތް މި ވުޖޫދަށް ނެރެފައިވަނީ ، 1993 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންއިން ފާސްކުރުމަށްފަހު 2004 ވަނަ އަހަރު،ދިވެހިރާއްޖޭގެގެ ތިމާވެށީގެ މައްޗަށް ލިޔާމީހުންގެ ޖަމްޢިއްޔާ " ވީ " މެދުވެރިކޮށެވެ.
           ފޮތުގެ އިސްބަހުގައި ޙަސަން އަޙުމަދު މަނިކް ލިޔުއްވާފައިވަނީ،  " ދޫންޏަކީ ހޫނު ލޭހިނގާ އޭތީގެ ގައިގެ ހަމުގެ މަތިން ފަތްގަނޑަކުން ނިވާކަން ލިބިގެންވާ، ހަތަރު ވަތްގަނޑަށް ބައިވެގެންވާ ލޭހިނގުމުގެ ގުނަވަންކަމަށްވާ، ހިތެއްލިބިގެންވާ، ހެލިފެލިވާން ބޭނުންކުރާ ހަތަރު އަނގުނުގެ ތެރެއިން ކުރީގެ ދެއަނގުނު ފިޔައަކަށް ވެފައިވާ، ތޮށިލީ ބިހެއް އަޅާ ހައިވާނަކަށް ކިޔާ ނަމެކެވެ. " ތަފާތު ވައްތަރުގެ، ތަފާތު މިޒާޖުގެ، ތަފާތު ފަންތީގެ ތަފާތު ހުނަރު ލިބިގެންވާ ދޫނި ހުންނަކަމަށް އިސްބަހުގައި ސުރުހީ އަޅާލާފައިވުން ވެގެން ދިއައީ އަޅުގަނޑު މިފޮތް ކިޔުމަށް ޝައުޤުވެރިވި ސަބަބެއް ކަމުގައެވެ. މިގޮތުން އިންސާނުންނާއި ދޫންޏާއި ވަރަށް ބޮޑުގުޅުމެއްވާކަމަށް  މިފޮތުގައި ލިޔެފައި ވުމުން މިފޮތް ކިޔާ ނުލާ ދޫކޮށްލާހިތްނުވެ އިތުރު  ނަޛަރެއް ފޮތައް ހިންގާލުން، ވެގެން ދިޔައީ އަހަރެންނަށް ހަމަ ރަނގަޅަށްވެސް މިފޮތުގެ މައުލޫމަތާއި ގަޔާވެވުނު ކަމަކަށެވެ. އެއީ ދޫންޔާއި ދިވެހިންނާވެސް ވަރަށް ބޮޑު ގުޅުމެއް ވާކަމަށް ބުނެފައިވާތީއެވެ.
          1680މ ވަނަ އަހަރުން ފެށިގެން 1993ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 80 ވައްތަރުގެ ދޫނި މިދުނިޔެއިން ނެތިގޮސްފައިވާކަމަށް ލިޔެފައިވާ މިފޮތް ކިޔުމުން، ބައެއް ވައްތަރުގެ އަސްދޫންޏަކީ ގޭގޭގެ ފާރަވެރިންގެ ގޮތުގައިވެސް ގެންގުޅެފައިވާއެއްޗެއްކަން އަޅުގަނޑަށް އެނގުނެވެ. މިނޫންވެސް މިފަދަ ތަފާތު އިތުރު މައުލޫމާތު ދޫންޏާއި ބެހޭގޮތުން ހުރި މިފޮތުގައި ދޫންޏަށް ކިޔާ ދިވެހިނަމުގެ އިތުރުން، މައުލޫމާތު ގެނެސްދީފައިވާ ކޮންމެ ދޫންޏެއްގެވެސް، އެދޫންޏަށް ކިޔާ އިނގިރޭސި ނަމާއި ސައިންޓިފިކް ނަންވެސް ހިމަނާފައިވުމީ، ދޫންޏާއި ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ހޯދަން ފަސޭހަވާނެ މަގެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. ދޫންޏަކީ ކޮބައިކަމާއި "ދޫނި" މިބަސް އައިސްފައިވަނީ ކިހިނެތް، ކޮންގޮތަކުންކަމާއި، އޭގެ މާނައަށްވެސް މިފޮތުގައި ބައްލަވާ ލައްވާފައިވެއެވެ.
         މިފޮތް އަމާޒު ކުރެވިފައިވާ ވަކިފަރާތެއް ހާމަވެ އެނގެންނެތްކަމުގައި ވީނަމަވެސް މިފޮތަކީ ރާއްޖޭގެ މަސްވެރީން ނޫނަސް ދޫނި ގެންގުޅެން ޝައުޤުވެރިވެލައްވާ ކޮންމެ ބޭފުޅަކަށްވެސް ވަރަށް މުހިންމުފޮތަކަށް ވާނެކެމީ ޝައްކެއްހުރިކަމެއް ނޫނެވެ. ސަބަބަކީ މިފޮތުގައި ދޫންޏާއި ބެހޭގޮތުން ގެނެސްދީފައި ހުރި މައުލޫމާތުގެ މުއްސަނދުކަމެވެ. މައުލޫމާތުގެ ހަރުދަނާކަމެވެ.
          ދުނިޔޭގައި ދޫނި އުޅެންފެށިތާ 130 މިލިޔަން އަހަރުވެއްޖެކަމަށް ބުނާ ޢިލްމީ މިފޮތް ކިޔާލައިފިނަމަ އަދި މިވީތަނަށް ދުނިޔެއިން ފެނިފައިވާ ދޫނީގެ ވައްތަރުތަކުގެ އަދަދަށް ދާންދެން އެނގޭނެއެވެ. މިފޮތަކީ އެހާވެސް ދޫންޔާއިބެހޭ މަޢުލޫމާތު މުއްސަނދި ފޮތެކެވެ. މި ފޮތުގައި، ދުނިޔެގައި އުޅޭ އެންމެ ބޮޑުދޫންޏަކީ ކޮބައިކަމާއި، އަދި އެންމެ ކުޑަ ދޫންޏަކީ ކޮބައިކަން ހަމައެކަނި ބުނެލާފައި ހުއްޓާލީކީއެއް ނޫނެވެ. އެސޮރުމެންގެ ބޮޑުމިނާއި، ސުލޫކާއި، އެ އެސޮރުމެންނަށް ގުދުރަތުން ލިބިފައިވާ ހުނަރުތަކުގެމައްޗަށްވެސް ވަރަށް ތަފްސީލްކޮށް ބައްލަވާލައްވާފައިވެއެވެ. ގޮނޑުދޮށު ދޫންޏާއި ކަނޑުމަތީ ދޫނީގެ ތަފާތުތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައިވާ މިފޮތުގައި ތަފާތުވައްތަރުގެ ދޫނީގެ ފޮޓޯ، މައުލޫމާތާއި ގުޅުވައިގެން ގެނެސްދީފައިވެއެވެ. ދޫނި ސޫފާސޫފީގެ ތެރޭގައި ތަފާތު ގޮތްގޮތަށް ދަރިމައިވާ ދޫނި ހުރިކަމަށާއި، އެގޮތްތަކަކީ ކޮބައިކަމާއި، ތަފާތު ދޫނީގެ ކާނާގެމައްޗަށާއި، ދޫނީގެ ވައްތަރުން އެސޮރުމެންގެ މަހައުލަކީ ކޮބައިކަމާއި، އެސޮރުމެން އާންމުގޮތެއްގައި ބިސްއަޅަނީ ކޮން ގަޑިތަކެއްގައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ، މި ފޮތުގައި އާންމުގޮތެއްގައި ދޫނި ބިސް ހުންނަ ކުލަތަކަށް ދަންދެން ކިޔައިދިފައިވެއެވެ.
          ދިގު މުއްދަތެއްގެ ދިރަސާއަކަށްފަހު އަޙުމަދު ޝަފީޤު ލިޔުއްވާފައިވާ މިފޮތުގައި ދޫނި އާންމުގޮތެއްގައި އެންމެ އަވަހަށް ވިއްސަސް ވިހާނީ 11 ދުވަހުން ކަމަށް ބުނެފައިވެއެވެ. އެސޮރުމެންގެ ސުލޫކު (Behaviour  ) ވަރަށް ތަފްސީލުކޮށް ގެނެސްދީފައިވެއެވެ. ޠަބީޢީގޮތުން ދޫނީގެ އެކިވައްތަރުގެ އާއިލާތައް އުޅޭނީ އެއްވައްތަރު އަނެއް ވައްތަރާ ވަކިވެގެން ކަމުގައިވީނަމަވެސް އެކިއާއިލާތަކުގެ ނުވަތަ ދަރިކޮޅުގެ މައިގަނޑު ގުޅުމެއް ހުންނަކަމަށް ބުނަމުން، ދޫނި އާލާވަމުން ދަނީ ކިހިނެތް، ކޮންކަހަލަ ތަންތަނެއްގައިކަންވެސް މިފޮތުގައި ވަރަށް ތަފުސީލުކޮށް ގެނެސްދީފައިވެއެވެ. ދޫނިތަކަށް އެސޮރުމެން ދަތުރުކުރާ މިސްރާބުން ކަސިޔާރުނުވެ، އެނބުރިއަންނަން އެނގެނީ ކީއްވެގެންކަން ކިޔައިދިފައިވަނީ އަޅުގަނޑުމެން އިންސާނުންނަށް، ދޫނި ނިހާޔަތަށް ބެނުންވާކަން އަންގައިދެމުންނެވެ. " ދިވެހިރާއްޖޭގައި ދޫނި " މި ސުރުހީގެ ދަށުން ރާއްޖޭގައި އުޅޭ ދޫނި މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ކޮންމެބައެއް ވަކިވަކިން އެހާމެ ތަފްސީލުކޮށް ކިޔައިދިފައިވާކަމީ މުސަންނިފުގެ މައުލޫމާތު މުއްސަނދިކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
           ދޫނި ހިފާނެ ތަފާތު ގޮތްތަކާއި ދިވެހިރާއްޖެގައި އަޅުގަނޑުމެންގެ ގޭގެގައި ދޫނިގެންގުޅެފައިވާ ތަފާތު ގޮތްތަކުގެ މައްޗަށް އަލި އަޅުވާލަފައިވާ " ދިވެހިރާއްޖޭގައި ކަނަޑުމަތީ ދޫނި" މިފޮތުގައި   ދޫނީގެ ކަށި ހަށިގަނޑެއް ދައްކާ އެކި ކަށިކޮޅު ވަކިވަކިން ފާހަގަކޮށް ނަންޖަހާފައިވުމީ،  އޭގެ ސަބަބުން ކިޔުންތެރިން ފޮތާއިމެދު އިތުރަށް ޝައުޤުވެރިވާނެ ކަމެއްކަން ޔަޤީނެވެ.  ދޫނި އާންމުގޮތެއްގައި ހިޖުރަ ކުރަނީ އަވަށްޓެރި ކަރަތަކުން ކަމަށް ބުނާ މިފޮތުގައި ޖިއޮގުރަފީ އަދި ސިޔާސީ ގޮތުން ދިވެހިރާއްޖެއާއި އަދި ދެކުނު އިރު އުތުރު އަވަށްޓެރި ކަރަތައް ދައްކާފައިވާ ޗާޓަކާއި، ދިވެހިރާއްޖެއާއި މަލިކު އަދި އުތުރު އަވަށްޓެރި ދެކަރަ ދައްކާފައިވާ ޗާޓެއްވެސް ހިމަނާފައިވެއެވެ. ދޫނީގެ ބޭރުފުށުގެ ބައިތަކަށް ބައްލަވާލައްވަވާ، ތަފާތު ބައިތައް ތީރުން ގުޅުވައިގެން އެކިބައިބައި ވަކިވަކިން ދައްކާފައިވާކަމީ މިފޮތް ކިޔާލި  ކޮންމެބޭފުޅަކަށްވެސް ކުރިން ނޭނގޭ، ދޫނީގެ އެތައްބައިތަކެއް އެނގިގެން ދާނެކަމެއް ކަމާއިމެދަކު ޝައްކެއް ނުކުރަމެވެ.
           ދޫނީގެ ސުލޫކުގެމައްޗަށް ފުންނަޛަރެއް ހިންގާފައިވާ މިފޮތުގައި ދޫނި ހިޖުރަކުރާކަމާއިހިޖުރަކުރަން ދިމާވާ ސަބަބާއި ހިޖުރަކުރަނީ ކޮންވައްތަރެއްގެ ދޫންޏެއްކަމާއި، ހިޖުރަކުރަނީ ކީއްވެގެން ކޮންބޭނުމެއްގައިކަން މިފޮތް ކިޔާލައިފި ކޮންމެ މީހަކަށްވެސް އޮޅުންފިލާނެއެވެ. އަދި މީގެއިތުރުން މޫސުމާއި ގުޅިގެން އެސޮރުމެންނަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ވާހަކަދައްކާފައިވާ މިފޮތުގައި ދިވެހިރާއްޖެގެމޫސުމީ ވައި ދައްކުވައިދޭ ޗާޓެއް ހިމަނާފައި ވެއެވެ. އެހެންނަމަވެސް ފޮތުގައި ސަފްހާނަންބަރު ޖަހަފައިނެތުމުގެ ސަބަބުން އެ ޗާޓު އޮތީ ކޮންސަފްހާއެއްގައިކަމެއް ބުނެދޭކަށް ނޭނގެއެވެ. މިއީ މިފޮތުގެ އުނިކަމެއްކަމުގައި ދެކެމެވެ. ކަނޑުމަތީ ދޫންޏާއި ގޮނޑުދޮށު ދޫނީގެ ތަފާތު ދެނެގަންނާނެ ގޮތް ވަރަށް ހަރުދަނާ ގޮތެއްގައި އެހާމެ ތަފްސީލުކޮށް  ގެނެސްދީފައިވުމީ ކޮންމެ ބޭފުޅަކުވެސް މިފޮތާއިމެދު ޝައުޤުވެރިވާނެކަމެއްކަން ޔަޤީނެވެ.
           ދޫނީގެ ފޮޓޯއާއި ތަސްވީރު ދައްކައިގެން މައުލޫމާތު ހުށަހަޅައިދީފައިވާ މިފޮތުގައި ކަނޑުމަތީ ދޫނީގެހާއްސަ ތަންތަން ބަޔާންކޮށްދީފައިވާ ތާވަލެއް ހިމަނާފައިވެއެވެ. މިތާވަލުގައި އެދޫނިތައް އުޅޭ ސަރަހައްދާއި، ބިސްއަޅާ ވިހާ ދޫނި އެސޮރުމެންގެ މަންޒިލާއި އެއްގަމަށް ނިދަންއަރާ ދޫނީގެ ވައްތަރުތަކާއި، ދިވެހިރާއްޖޭގައި އެންމެ އާންމުކޮށް އުޅޭކަމަށް ބެލެވޭ ދޫނީގެ ނަންތައްވެސް ހިމަނުއްވާފައިވެއެވެ. މީގެ އިތުރުން ކަނޑުމަތީ ދޫންޏާއި، ގޮނޑުދޮށު ދޫންޏާއި އެއްގަމު ދޫނީގެ ނަމާއި ވައްތަރުތައް ހިމެނޭގޮތަށް ވަރަށް ފުރިހަމަ ލިސްޓެއްވެސް ތައްޔާރުކޮށް ގެނެސްދީފައިވެއެވެ. މި ލިސްޓުގައި ހިމަނުއްވާފައިވާ ދޫނީގެ ތަފްސީލަށްވެސް ވަރަށް އިލްމީ ގޮތެއްގައި ބައްލަވާލައްވާފައި ވެއެވެ. އެސޮރުމެންގެ ކާނާއާއި، އުޅޭ ގޮތާއި، ސުލޫކާއި، ބިސްއަޅާ މޫސުމާއި، ދަރިފަސްކޮޅު އާލާވާ ގޮތާއި، އުޅޭ މާހައުލާއި، ކިޔާނަމާއި، ބޮޑުމިނާއި،  ކުލައާއި ވައްތަރަށް ދަންދެން ކިޔައިދީފައިވާކަމީ މުސަންނިފް، ކިޔުންތެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އަގުހުރި މަސއްކަތްތަކެއް ކޮށްފައިވާކަމުގެ ކުލަގަދަ ހެއްކެކެވެ.
        މިފޮތުގައި ހިމަނުއްވާފައިވާ ބައެއްހަޤީގަތްތަކަކީ ހުދު މުސަންނިފު އަމިއްލައަށް ތަޖުރިބާ ކުރައްވާފައިވާ ކަންތައްތައްކަން ފާހަގަކުރެވެއެވެ.  "1952 ވަނައަހަރު އޯގަސްޓުމަހު ފެލިދެއަތޮޅު އާހުރައިން އަޅުގަނޑު ނެގި މާރަނގަ ބިހެއް ކުކުޅު ބަނޑުދޮށުގައި ފީކޮށް ވިއްސާ ނަގައިގެން ބޮޑުކޮށްގެން އޮޅުކޮށްގެން އަހަރެއްހާ ދުވަހު ގެންގުޅުނީމެވެ. "މިއީ އެބާފުޅަގެ އަމިއްލަ ތަޖުރިބާއެކެވެ.
        މިފޮތުގައި އެފަންނުގެ ވަރަށް މުއްސަނދި ބަސްކޮށާރެއް ބޭނުންކޮށްފައިވެއެވެ. އަދި ކިޔުންތެރިންނަށް އެހީއެއްގެ ގޮތުން މިދެންނެވި ފަދަ ބަސްކޮށާރުގެ ލިސްޓެއް އޭގެ މާނައާއި އެކު ހިމަނަފައިވަކަމީ މިފަދަ ކޮންމެ ކޮންމެ ފޮތަކުން ފެންނަ ކަންކަމެއް ނޫނެވެ. މިފޮތް ކިޔާލުން މުހިންމެވެ.               – ނިމުނީ -

No comments:

Post a Comment

embedded below post