Thursday, August 19, 2010


ޖަލްސާތަކުގައި ވާހަކަ ދައްކާއިރު ކުރިމަތިވާ ހާސްވުމާއި ކަންބޮޑުވުމުން އެއްކިބާވެވޭނީ ކިހިނެއް؟
               މިއީ ވާހަކަދެއްކުންތެރިންވެސް ވަރަށް އާއްމުކޮށް އަމިއްލަ ނަފްސަށް ކުރާ ސުވާލެކެވެ. ކުރަން ޖެހޭ ސުވާލެއްވެސް މެއެވެ. އެހެންކަމުން ވާހަކަ ދައްކަން ފަރިތަކޮށް، އެކަންކުރަން ދަސްކުރާ ކުދިބަޔަކަށް މި ސުވާލު މުހިއްމު ނުވެއެއް ނުދާނެއެވެ. ކާމިޔާބު ވާހަކަދެއްކުންތެރިޔަކަށް ވުމަށް އެދޭ މީހާ ކުރާ މިސުވާލުގެ ޖަވާބު، މިފަންނުގެ މާހިރުން ދެއްވަނީ ވަރަށް ކުރުކޮށެވެ.
އެއީ "ވާހަކަދައްކަން ރަނގަޅަށް ތައްޔާރުވާށެވެ." އަބަދުވެސް "9P" އަށް ސަމާލުކަން ދިނުން މުހިއްމެވެ. އެއީ:
Prior Proper Preparation           *
Prevents Poor Performance         *
of the                
 Person Putting on the Presentation *
      މިގޮތުން ވާހަކަދެއްކުމުގެ ތެރޭގައި ލިބޭ ހާސްކަން ފިލުވާލުމަށް ސަމާލުކަންދެވިދާނެ ދެތިންކަމެއް ހިއްސާކޮށްލާނަމެވެ.
·        މުޚާޠަބުކުރަން ހުންނަންޖެހޭ ތަން ދެނެގަތުން: ވާހަކަދައްކަންޖެހެނީ ކޮންތާކު، ކިހިނެއް ހުރެގެންތޯ ބަލާ އެކަމަށް ވަރަށް އަހުލުވެރިވެ ތައްޔާރުވާންޖެހެއެވެ. އެތަނަކަށް ވާހަކަދެއްކުމުގެ ކުޑައިރުކޮޅެއް ކުރިން އައިސް/ގޮސް އެތާ އެތެރޭ(ހޯލްތެރޭ) ހިނގާލާ ވާހަކަދައްކަން ހުންނަންޖެހޭ ސަރަހައްދަށްގޮސް އުޅެލަންވާނެއެވެ. އެތަނަކީ އައުތަނެއްކަމުގެ އިހުސާސް ނުކުރެވޭވަރަށް ތަން ދެނެގަންނަންވާނެއެވެ. ޕޯޑިއަމްކައިރީ ހުއްޓިލާ ކޮންމެވެސްވަރަކަށް ވާހަކަދެއްކުމުގެ ގޮތްގަނޑު ދައްކާލަންވާނެއެވެ. ވާހަކަދައްކަން ދާންޖެހެނީ ކޮންހިސާބަކުން ތެދުވެގެންތޯ ބަލާ އެކަމަށްވެސް ކުޑަ ރިހާސަލެއް ބާއްވާށެވެ. އޭރުން އިސާހިތަކު ބިރުކެނޑޭގޮތްވެދާނެއެވެ.
·        އަޑުއަހަންތިބޭނީ ކޮންބައެއްކަން ދެނެގަތުން: އެންމެ ފުރަތަމަ ހޯލަށް އަންނަ މީހުންގެތެރެއިން ކޮންމެވެސް ބަޔަކާ ވާހަކަދައްކާލާ، ހީ ސަމާސާކޮށްލާ އެމީހުންނާވެސް ކޮންމެވެސް ވަރަކަށް ގުޅުން ބަދަހިކޮށްލާށެވެ. މިކަމުގައި ރައްޓެހި ރަހުމަތްތެރިން އުޅޭނަމަ އެމީހުންނާއެކު ހީމަޖާކޮށްލެވޭލެއް ތަންކޮޅެއް ބޮޑުވާނެއެވެ. އޭރުން ރަނގަޅުވާނެއެވެ.
·        ދައްކާނެ ވާހަކަ ނޯޓުކޮށްފައިވާ ގަނޑު ވަރަށްބޮޑަށް އެނގެންވާނެ: ދައްކާނެ ވާހަކައަށް، ނުވަތަ އެ ވާހަކަތައް ނޯޓުކޮށްގެން ގެންގުޅޭ ގަނޑާ އެހާ އަހުލުވެރި ނުވާނަމަ، ތިބާގެ ހާސްކަން އިތުރުވާނެއެވެ. އެހެންކަމުން އެ ނޯޓުކުރިގަނޑުގައި ނޯޓުތައް ހަދާފައިހުރީ ކޮންތަރުތީބަކުން، ކިހިނެއްކަންއެނގި އެއަށް އަހުލުވެރިވުން ވަރަށް މުހިއްމެވެ. ވާހަކަދައްކަން ޕްރެކްޓީސްކުރުމަށްޓަކާ ބޭނުންކުރި ގަނޑު ގެންގުޅުން މިއީ މިދެންނެވި ކަންކުރުމަށް ކުރެވިދާނެކަމެކެވެ.
·        ހަށިހިމޭންކުރަން އެނގެންވާނެ: ލިބިފައިވާ ނުތަނަވަސްކަމާއި ހާސްކަން ފިލުވާލުމަށް އަތްފައިން ކުދިކުދި ހަރަކާތްކޮށްލެވިދާނެއެވެ. ހަށިގަނޑު ހިމޭންކޮށްލުމަށްޓަކާ މައިހަށި ތެދަށް/ކޮޅަށް ވާނެހެން ގޮނޑީގައި ހަމަޖެހިލައިގެން އިށީނދެލައިގެން އިނދެ މަޑުމަޑުން ނޭވާލާށޭވެ. ނޭވާ އެތެރެއަށް ދަމާލުމަށްފަހު ހަތަރު ފަސް ސިކުންތެއް ވަންދެން ހިފަހައްޓާލާ، މަޑުމަޑުން ނޭވާބޭރަށްލާށެވެ. މޫނުމަތީގެ މަސްތައް ހަމަޖައްސާލުމަށް، އަނގައާއި ދެލޯ ބޮޑަށް ހުޅުވާލާ، ބާރަށް ލައްޕާލާށެވެ.
·        ތިބާ މިހާރު ވާހަކަދައްކަނީކަމުގައި ހިތާށެވެ:  ލޯމަރާލާށެވެ. މިހާރު ވަރަށް ކާމިޔާބުކަމާއެކު ވާހަކަދައްކަން ހިތުލައިގެން، ވަރަށް އިތުބާރާއި ޔަގީންކަމާއެކު ޕޯޑިޔަމްދޮށަށް ތިބާ ތިއަދަނީއެވެ. އޯޑިއަންސް އެކުގައި ތަރުހީބުގެ އަތްތިލަބަޑިން ގުގުމާލައިފިއެވެ. މިހާރު ތިބާ ތިއަ ވާހަކަދައްކަވަނީއެވެ. ތިއަ ވާހަކަދައްކާލެއް މަޑެވެ. އޯޑިއެންސަށް އިވޭވަރަށް ބާރުކޮށްލެވުނުކަން ޔަގީންކޮށްލާށެވެ. މިގޮތަށް ހިތާހިތުން ވާހަކަދައްކާއިރު ތިބާއަށް ކާމިޔާބުވެއްޖެނަމަ ހަގީގަތުގައިވެސް ވާހަކަދެއްކުމުގައި ތިބާއަށް ކާމިޔާބުވާނެއެވެ. ވާހަކަދައްކަން ޕޯޑިއަމްދޮށަށް ދިއުމުގެ ކުރިން މިފަދަގޮތަކަށް އަމިއްލަ ނަފްސު ވަޒަންކޮށްލުން ވަރަށް މުހިއްމެވެ.
·        އަޑުއަހަންތިބޭމީހުންވެސް އެދޭނީ ތިބާއަށް ކާމިޔާބުވުމަށް ކަމުގައި ހީކުރާށެވެ: ދައްކާ ވާހަކަ އަޑުއަހަންތިބޭ އެންމެންވެސް އުންމީދުކުރާނީ ވާހަކަދައްކަން ޕޯޑިއަމްދޮށަށް ހުއްޓޭ މީހަކީ ވަރަށް މޮޅު މީހެއްކަމުގައި ވުމަށެވެ. އަޑުއަހަންތިބޭ މީހުން ޝައުގުވެރިވާކަހަލަ، ހެއްވާލާކަހަލަ ވާހަކަތަކެއް ދައްކާނެ މީހެއްކަމުގައި ވުމަށެވެ. މުހިއްމު ގިނަ މައުލޫމާތުތަކެއް ދޭނެ މީހެއްކަމުގައި ވުމަށެވެ. އެހެންކަމުން އެމީހުން އަބަދުވެސް އުންމީދުކުރާނީ ވާހަކަދައްކާ މީހާއަށް ކާމިޔާބުވުމަށެވެ. ފެއިލްވުމަކަށް ނޭދޭނެއެވެ.
·        ހާސްވެ ބިރުގަތްފައި ހުއްޓަސް އެކަމާ މާފަށް ނޭދޭށެވެ: ވާހަކަދެއްކުމުގެ ތެރޭގައި ކިތަންމެވަރަކަށް ތިބާ ހާސްވެ ބިރުގަތްފައި ހުއްޓަސް އެކަމާ އެހުންތެރިންގެ ކިބައިން މާފަށް ނޭދޭށެވެ. ގިނަފަހަރަށް ވާހަކަދައްކާމީހާ ހުރީ ހާސްވެ ކަންބޮޑުވެފައިކަމެއް ނުވަތަ ބިރުގަތްފައިކަމެއް އަޑުއަހާ މީހުންނަކަށް ނޭނގޭނެއެވެ. ފާހަގައެއް ނުކުރެވޭނެއެވެ. އެކަމާބެހޭގޮތުން އެއްޗެއް ނުބުނަންޏާ، ގިނަފަހަރަށް އެއްވެސް މީހަކަށް އެކަން ފާހަގައެއްނުކުރެވޭނެއެވެ. އެކަހަލަވާހަކައެއް ނޭނގުމުގެތެރޭގައި ނަމަވެސް ދައްކަމުންދާ ވާހަކައިގެ ތެރެއިން ބުނެވިއްޖެނަމަ، އަޑުއަހާމީހުން އެކަމަށް ވަރަށްބޮޑަށް ސަމާލުކަން ދޭނެއެވެ. އޭރުން އަޑުއަހާމީހުން ފާހަގަކުރާ ކުށްތައް މާގިނަވާނެއެވެ.
·        ދައްކާ ވާހަކައަށް ސަމާލުކަންދޭށެވެ: ތިމާ ކިތަންމެވަރަކަށް ހާސްވެ ކަންބޮޑުވެފައި ހުއްޓަސް އެކަމަށް ސަމާލުކަން ނުދޭށެވެ. ސަމާލުކަންދޭނީ ބުނާ ބަހަށެވެ. ބުނަންބޭނުންވާ އެއްޗަކަށެވެ. އެކަމަށް ސަމާލުކަން ނުދޭނަމަ ބިރުންގޮސް ކޮންމެފަދަ އެއްޗެއްވެސް ބުނެވިދާނެއެވެ. އޭރުން އަޑުއަހަންތިބިމީހުންނަށް ތިބާހުރީ ބިރުންކަން ކަށަވަރުވާނެއެވެ. އަބަދުވެސް އޯޑިއެންސަށް ސަމާލުކަންދޭށެވެ.
·        ތަޖުރިބާ ހާސިލްކުރާށެވެ: ވާހަކަދައްކަން ލިބޭ ކޮންމެ ފުރުސަތެއްގައި ލިބޭ ފީޑްބެކް އެއީ ލިބޭ ކުރިއެރުންކަމުގައި ދެކިގެން އެކަންކަން ރަނގަޅުކޮށް ކުރިއަރަން މަސައްކަތްކުރާށެވެ. ވާހަކަދެއްކުންތެރިން ވާހަކަދެއްކުންތެރިންނަށް ވަނީ އެގޮތަށް މަސައްކަތްކޮށްގެންނެވެ. ވާހަކަދައްކަން ފަށައިގަންނަ ދަރިވަރުންގެ ކިބައިންވެސް، ފަހަރަކަށްވުރެ ފަހަރެއް ރަނގަޅުވަމުން އަންނަކަން އެ ފާހަގަވަނީ ހަމަ މިބީދައިންނެވެ.
·        ހާސްކަމާ ކަންބޮޑުވުމުގެ ސަބަބުން ތިމާގެ ހަށިގަނޑުގައި ކެކިއަރާ ހަކަތަ އެނޫން ކަމަކަށް/ގޮތަކަށް ބޭނުންކުރޭ: ވާހަކަދައްކަން ޕޯޑިއަމްކުރިމައްޗަށް ހުއްޓޭއިރު އަތްފައި ތުރުތުރުއަޅާ، ގައިން ހީބިހިނަގާ، ކަންބޮޑުވެ ހާސްވާގޮތްވެއެވެ. ތިބާއަށް އިތުރުހަކަތައެއް ލިބި އަޑުގަދަވާހެން ހީވާފަހަރު އަންނާނެއެވެ. މިފަދަ ދަނޑިވަޅުގައި އެކަން ދެނެގަނެ އެހަކަތައިން ހިތްވަރު ލިބިގަންނާށެވެ. އެހަކަތަ، ވިސްނުމަށް ބޭނުންކުރާށެވެ. ނަފްސަށް ޔަގީންކަށް އިތުރުކުރުމަށް ބޭނުންކުރަން މަސައްކަތްކުރާށެވެ. އޭރުން އިސާހިތަކު ހާސްކަންފިލާ ކާމިޔާބާހަމައަށް ދެވިދާނެއެވެ. – ނިމުނީ -
އިތުރަށް ވިދާޅުވޭ

No comments:

Post a Comment

embedded below post