Thursday, August 19, 2010

 
ދަތުރުނާމާ
އުތީމަށް ކުރި ދަތުރު
އަހުމަދު މައުސޫމް
ފެންފިޔާޒުގެ،ހއ. ވަށަފަރު
            ހެނދުނު ހަތެއްޖެހީ ކަތީބާއި އޮފީހުގެ އެހެން ހަތަރު މަވައްޒަފުންގެ އިތުރުން އަޅުގަނޑާއި ސްކޫލުގެ ޕްރިންސިޕަލް ފުރަން ފާލަންމައްޗަށް އަރާތިއްބައެވެ. 1424 ވަނައަހަރުގެ ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ދުވަހުގެ އަބްޠާލުން އެރަށަކަށް ނިސްބަތްވާ ހއ.އުތީމުގައި އެ އަބްޠާލުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ބާއްވާ ޙާއްޞަ ޖަލްސާއަކަށް ދިއުމަށް  ފުރަން ފާލަން މައްޗަށް އަރައެވެ.
ދުވަހުގެ މުހިންމުކަމާއި ވަތިވެރިކަން އެނގޭތީކަމަށްވެސް ވެދާނެއެވެ. ރަށުންފުރިއިރުވެސް ގޮނޑުދޮށަށް އަޅުގަނޑުމެން ފުރުވަން މީހުން ޖަމާވަމުން ދެއެވެ. މުސްކުޅިން ނާއި ޒުވާނުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ބޮޑެތިމީހުންނާއި ކުޑަކުދިންނެވެ. އަޅުގަނޑު އުފަންރަށް، ހއ. ވަށަފަރަކީ އުތީމާ މާދުރުނޫން ހިސާބެއްގައި އޮތް ކުޑަކުޑަ ފެހިކޮޅެކެވެ. މިރަސްމީ ދަތުރަށް ފުރީ އަޅުގަނޑު އުފަން ރަށުންނެވެ.
            ރަށުން ފުރައިގެން ވަކިހިސާބަކަށް ދެވުނުއިރު ރަށުގެ މަލަމަތި ސިފަވަނީ ދޮން ފަސްގަނޑެއްގައި ފަޅާފައިހުރި ފެހި ވިނަތަކެއްފަދައިންނެވެ. ބިޔަ ބޮޑު ގަހެއް ނެތްކަމުގައި ވީނަމަވެސް މުޅި ރަށުގެ މަލަމަތި ވަނީ ފެހިކޮށްފައެވެ. ދަތުރުކުރަމުންދިޔައީ އާދައިގެ އަނގަމަތި މަސްދޯންޏެއްގައެވެ. އަރައިގެން އައި އިރުގެ އަލިކަން ފަޅުއަޑިގައިވާ ބަދިތަކަށް ފޯރުކޮށްދެމުން ދިއައީ އެތާގައި މިނިވަންކަމާއެކު ސަމާސާކުރަމުން ދިއަމަސްތަކަށް އަލިވިލިއްޖެކަން އަންގަމުންނެވެ. ބިއްލޫރިކޮޅެއްފަދަ ސާފު އެ މޫދުން ފެންނަމުންދިއަ ތަފާތު މަންޒަރުތައްބަލަން ދޯނީގެ ފައްގަނޑުމަތީގައި ރީތިކޮށް އަޅުގަނޑަށް އިނދެވުނީ އޮޔާއި ވައި އަދި ރާޅުތަށްވެސް އަޅުގަނޑަށް އެކަމަށް މަރުހަބާކީމައެވެ. ޔުނީފޯމަށް ރޫއަރާތޯއާއި ލައިގެންހުރި ފަޓުލޫނުގައި ހަޑިއެއްޗެއް ޖެހިފައި ހުރެދާނެތީ އިރުއިރުކޮޅުން ބަލައިލެވެނީ އަޅުގަނޑު "އިރުވާހުދެއް" ފަދައިން އެއްކޮށް ހުދުކޮށްފައި އިނީމައެވެ. އެ ދަތުރަށް ފުރުޞަތު އޮތީ ސްކޫލުގެ އެންމެ އިސް ދަރިވަރަށް ކަމުން އެ ދަތުރުގައި ދަރިވަރަކަށް އިނީ އަޅުގަނޑު އެކަންޏެވެ.
            އެހެންކަމުން ދޯނީގައި އިންނަންޖެހުނީ ވަކިންނެވެ. އެހެނަސް  ފޫހިކަން އިހުސާސްވާވަރެއްނޫނެވެ. ރަށު ފަޅުން ނުކުމެވުނުއިރު އުތީމުގެ މަލަމަތި ރީތިކޮށް ފާޅުވެއްޖެއެވެ. އެރަށުގެ މަލަމަތިންވެސް އެދުވަހުގެ މެހުމާނުންނަށް މަރުހަބާ ކިޔާކަހަލައެވެ. ފެހިސާލެއްފަދަ ހިޔާދޭގަސްރުއްތަކުން ރަށުގެ މަލަމަތި ވަނީ ފެހިކޮށްފައެވެ. ދޮންފަސްގަނޑުން "ރިސޯޓެއްގެ" ހުފާހާޞިލްކުރެވޭނެއެވެ. ތަރައްޤީގެ އައު އުސްމިންތަކެއް ރަށުގެ މަލަމަތިން ފެންނަންނެއްކަމަކު އުތީމަށް ދެވޭތީ އިނީ ވަރަށް އުފަލުންނެވެ. ފެންނަ ފެނުމަށް ރަށް ވަރަށް ކުޑައެވެ. އަޅުގަނޑުމެން ރަށަށްވުރެވެސް ހީވަނީ ކުޑަވާނެހެންނެވެ. ރަށުގެ މަލަމަތިން ކުރެހިފައިވާ ތަސްވީރަށް ކަޅިޖަހައި ނުލާ ބަލަން އިންދެވުނީ އެހެން ހިޔާލެއްގައެވެ. މުހިންމީ ރަށެއް ނޫނެވެ. ރަށުގެ ދަރިންނެވެ. ރަށް ކުޑައަކަސް މުޅި މިރާއްޖެ ހިމާޔަތްކޮށް އަޅުގަނޑުމެންނަށް މިނިވަންކަން ހޯއްދަވައިދެއްވި މަތިވެރި އަބްޠާލުން އުފަންވީ ހަމަގައިމުވެސް އެ ކުޑަކުޑަ ފަސްގަނޑަށެވެ. މިކަހަލަ އެތަށް ހިޔާލެއް އެވަގުތު އަރާފައިބަމުން ދިޔައެވެ. ސިއްސައިގެންގޮސް ހޭވެރިކަންވީ އެއްވާމަކަށް ދުއްވަމުންއައި ދޯނީގެ ދުވެއްޔަށް ބަދަލުއައުމުންނެވެ. އިވިއިވިހުރި އިންޖީނުގެ އަޑު ކުއްލިއަކަށް މަޑުވުމުންނެވެ. އޭރު ދޯނި އެހުރެ ވަންނަނީ އުތީމުފަޅަށެވެ. ފަޅުތެރޭގައި، ހައިރާންވާހާ ދޯނި ގިނައެވެ. އެކިރަށްރަށުން އައިސްފައިވާ ދޯނިކަން އެގުނީ ރަޖިސްޓަރީ ނަންބަރު ފެނުމުންނެވެ. އެއީ އަޅުގަނޑުމެންފަދަ މެހެމާނުން ޒިޔާރަތްކުރި ދޯނިފަހަރުކަން ޔަޤީންކުރީމެވެ. ތިލަތިލަކޮށް ފެތުރުފައިވާ ފަޅުގެ އަޑި، ހުދު ބިއްލޫރިކޮޅެއްގެ ތެރެއިން ފެންނަހާ ސާފުކޮށް ދުށީމެވެ. މަރުވެފައިވާ މުރަކަތަކާއި އުތީމު ކޮރަކަލިތައް ހޭބޯނާރާ ފަޅުތެރޭގައި ހެނދުނުގެ ނާސްތާއަށް ދަހިވެތިވެ ދުވާތީ ދުށީމެވެ. ދޯނި ހުރެ ގޮނޑުދޮށާ ގާތްކުރެއެވެ.
          އެހިސާބުން އަހަރެން ފިކުރުބޮޑުވާން ފަށައިފިއެވެ. ފައިބާނެ ގޮތެއް ނެތީމައެވެ. ބަނދަރެއް ކީއްކުރަން ހެއްޔެވެ، ފާލަމެއްހާ ހިސާބުނެތެވެ. އެހެންނަމަވެސް ރަށުގެ ރައްޔިތުންކަހަލައިން އަތިރިމަށްޗަށް ޖަމާވެ ތިބިތަން ފެނުމުން އަޅުގަނޑުމެންނަކީވެސް މުހިންމު ބައެއްކަމުގެ އިހްސާސް ކުރެވުނެވެ. އިސާހިތަކު ދޯނީގެ ދިރުނބާކޮޅު ގޮނޑުދޮށަށް ބީސާލައިފިއެވެ. ކުއްލިއަކަށް ދޯނީދޮށަށް ލެފިލީ ބަނޑުގައި ފުއްޓަކި ޖަހާލީމައި ލޯއަޑު ކިޔާވަރުގެ ހައެއްކަ ފިރިހެނުންނެވެ. ބަލަންހުއްޓާ ދެ ފިލައެއް ފައްތަރުކޮށްލާ އެ ރާވާލީ ވަގުތީ ފާލަމެކެވެ. މި މަންޒަރަކީ ހަމަރަނގަޅަށްވެސް އަޅުގަނޑު ހައިރާންވި މަންޒަރެކެވެ. ދުވަހަކުވެސް ދެކެފައި ނުވާފަދަ އަޖައިބެކެވެ. އެރަށުގެ ކޮންމެ މީހަކީވެސް އެހާ ހިތްވަރުގަދަ މީހެއްތާއެވެ.
           ކޮންމެއަކަސް ވަރަށް އިއްޒަތުގައި އުތީމަށް ދެވިއްޖެއެވެ. ދަތުރުގައި ދެތިން މިނިޓްވީކަހަލައެވެ. ދަތުރު ވަރުބަލިކަމެއް އެއްވެސް ވަރަކަށް އިހްސާހެއް ނުކުރެވެއެވެ. ސްކޫލުގެ ދަރިވަރުންނާއި ސަރުކާރުގެ މުވައްޒަފުންނާއި އެނޫންވެސް ރައްޔިތުން ތިބީ އަތިރިމަތީގައި މަގުހަދާ ދެފަރާތުގައި ސަފުހަދާލާފައެވެ. ކޮންމެއަކަސް ސަލާމުގެ ސަފު ފެށުނުހިސާބުން އަޅުގަނޑާ ކުއްޖަކު ހަވާލުވެއްޖެއެވެ. ހަމަ "އިރުވާހުދެކެވެ." ރަށުގެ އެކި މީހުންނަށް އެކި ކަންތައްތައް ހަވާލުކޮށް ވަރަށް ފުރިހަމައަށް މެހެމާން ދާރީ އަދާކުރުމުގެ ކަންތައްތައް އިންތިޒާމްކޮށްފައިވާކަމުގެ އިޙްސާސްކުރެވުނެވެ.  އެމީހުންނާއި ސަލާންކުރަމުން އެއްގަމަށް ދިޔައިރު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ގަނޑުވަރެވެ. އެތަން ދެކެލާހިތް ވަރަށް ވިއެވެ. އެވަގުތަކީ އެކަމަށް އެންމެ މުނާޞަބު ވަގުތުކަމުގައި ނުވާތީ އެވާހަކަ އަޅުގަނޑަކަށް އެއްވެސް މީހެއްގެ ގާތުގައި ބުނާކަށް ނުކެރުނެވެ. މަޑުމަޑުންހުރެ އެހެންމީހުންނާއެކު ދިޔައީ ޖަލްސާއޮތް މާލަމަށެވެ. ޖަލްސާ އޮތީ އެރަށު ސުކޫލުގައެވެ.
          ޤައުމީ ޝިޢާރުތަކާއި ދިވެހިންގެ ލޭތައް ކައްކުވާލާފަދަ ދިވެހިވަންތަ ޤައުމީލަވައިން މުޅި ރަށް ވަނީ ގުގުމާފައެވެ. މައިމަގާއި އެނޫންވެސް މަގުތަށް ވަނީ ތިންކަފީގެ ގައުމީ ދިދަތަކުން އެއްކުލަކޮށްފައެވެ. ބޯމަތީގައި ވިހުރިލަ ވިހުރިލާހުރީ ހަމަ ގައުމީ ދިދަތަކެވެ. ބެނަ އަކަށްފަހު ބެނައެއް ފަހަނައަޅާދެއެވެ. ކޮންމެ ޝުޢޫރަކީވެސް ދިވެހި ވަންތަ ދަރިއެއްނަމަ ޖޯޝްއާވާނެ ޝުޢޫރެކެވެ. އައު ރޫހެއް ހިތުގައި އުފެދޭނެ ޝުޢޫރެކެވެ. ކަށިން ހިތްވަރު ނެރެން އަތުކުރިއޮޅާލާނެފަދަ ޝުޢޫރެކެވެ.އެ ޝުޢޫރުތައް ކިޔަލައިފިނަމަ  ތިމާއަށްވެސް އުތީމު ތިންބަދަވިންފަދަ ޒުވާނަކަށް ވެވޭނަމައޭ ހިތަށް އަރާނެ ފަދަ ޝުޢޫރުތަކެކެވެ.  ދިވެހިބަހަކީވެސް އަސަރުގަދަ ބަހެއްކަން އަޅުގަނޑަށް އިޙްސާސްކުރެވުނީ މިދަތުރުގައެވެ.
          ޖަލްސާ ފަށަން ހަމަޖެހިފައިވާ ގަޑިއަކީ އެދުވަހުގެ ހެންދުނު ދިހައެއްކަމުން އަވަސްވެގަތީ ޖަލްސާގައި ދައްކަންޖެހޭ ވާހަކަތައް ހަނދާނަށް ގެނައުމަށެވެ. މުހިއްމު ނުކުތާތައް ހަނދާންއައުކޮށްލުމަށެވެ. ސްކޫލުތެރެގެ ކުލާސްރޫމެއްގައި އަޅުގަނޑުގެ އެކުވެރި "އިރުވާހުދާއެކު" އެމަސައްކަތް ކުރަންފެށީމެވެ. ޕްރިންސިޕަލްގެ ބެއްލެވުމުގެ ދަށުންނެވެ. ވަގުތު ކުޑަތަންވެ ޖަލްސާ ފަށާވަގުތު ޖެހިއްޖެއެވެ.
            ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އައްބާސް އިބްރާހިމެވެ. ޤުރުއާނުގެ ބަރަކަތުން އެ ސްކޫލުގެ ދަރިވަރެއް ފަށައިދެއްވި މިޖަލްސާ ނިމިގެންދިއައީ ޝަރަފްވެރި މެހުމާނާއި އަޅުގަނޑުގެ ވާހަކައަށްފަހު ޤައުމީ ސަލާމުންނެވެ. ޖަލްސާކުރާ މާލަން ފުރި ބޭރުގައި ބައެއް ހާޟިރީން ތިބިތިބުމަކީ އެކަމަށް އެރަށުގެ ރައްޔިތުން ދެއްވާ ސަމާލުކަން ފުރިހަމައަށް ހާމަވި ހެއްކެކެވެ. ދުވަހުގެ އެ ޙާއްޞަ ޖަލްސާއަށްފަހު އެދުވަހުގެ ޙާއްޞަ ކުޅިވަރުތަކައިގެން މަސްއޫލުވުމަށް އެންމެންހެން ފެތުރިގަތެވެ. އަޅުގަނޑުވެސް އަޅުގަނޑުގެ ރަހުމަތްތެރިއާއެކު ގެއަށް ގޮސް ޔުނިފޯރމް ބަދަލްކޮށްލައިގެން އެރޫހުގައި ނިކުތީމެވެ. އެދުވަސް ވެގެން ދިޔައީ، އަޅުގަނޑުގެ ހަޔާތަށް ނުހަނުގިނަ ރަހުމަތްތެރިންތަކެއް އައި ދުވަހަކަށެވެ.
            އެދުވަހު އެރަށުގައި ތަފާތު ކުޅިވަރުތައް ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ކުރިއަށް ގެންދިޔައެވެ. ރަށުން ފެނިގެން ދިޔައީ ދިވެހިންނަކީ އެއްބައިވަންތަކަމަށް ލޯބިކުރާ ބައެއްކަމެވެ. އެރަށުގެ ރައްޔިތުންނާއި އެކިރަށްރަށުން ޒިޔާރަތްކުރި މެހުމާނުންނާ މެދު އޮތްގުޅުމަކީ އެކަމުގެ ލާމަސީލު ނަމޫނާއެކެވެ.
            އެ ދަތުރު ނިންމާ ރަށަށް އައީ އަންނަހިތަކުންނޫނެވެ. ހިތާދެކޮޅަށެވެ. އެކުވެރި އޮމާން ހިތްފަސޭހަ، އުފާވެރި މާހައުލަކުން ވަކިވާންޖެހޭތީ އެކަމާ ހިތާމަކުރަމުންނެވެ. އެނބުރިރަށަށް އައިއިރު އިރުއޮއްސިއްޖެއެވެ. ރަތްވިލާތައް އޮބައިފިއެވެ. އަނދިރިކަން ކައުނަށް ވެރިވެއްޖެއެވެ.  – ނިމުނީ -

1 comment:

embedded below post