Thursday, August 19, 2010

 
ޅެމަށް ފާޑުކިޔުން
ޅެން:            އެހެންނޫންތޯއެވެ؟
              އާދަމް ޢަބްދުއްރަޙްމާން، ހއ. އުތީމު
އަލިވިޔަސް އަލިނުވިލި އަލިވުން އަލި ދުވާލުކަމަށް ނުވޭ
               އަލިވެލާފާ  އިރުއެރީމާ، ބަނަވިޔަސް  ރެއަކަށް  ނުވޭ
ރުހުމަކީ ރުހެވޭ ފަރާތުން ފުހެވިގެން ކުށްދާކަމެއް
               ރުހުމުގައި ލޮލަކުން ބަލާނަމަ، ރުހުމަކަށް ބެލުމެއްނުވޭ
ކަން ރަނގަޅު ނަމަވެސް ކުރާކަން ކުރިފަރާތާ ނުރުހުމުން
              ރަންކަމަށް ވިޔަކަސް އެކަން  ރަންކަމަށް  ބެލުމެއް ނުވޭ
އަތުގެ ފުށަތުން ބީހުލުންވެސް ހަތުރުގައި ބަދުނާމުވޭ
              ގަތުލުކުރިޔަސް  ލޯބިވަންޏާ  ގަތުލަކަށް އަމުދުން  ނުވޭ
ތަދުތިމާ ދޭހިނދު އެހެނިހެން މީހުނަށް، ތަދަކަށް ނުވޭ
              ތަދުލިބޭނަމައީ  ތިމާއަށް  ތަދު  ނުވާކަމަކަށް  ނުވޭ
ގަދަހިތެއް އޮތް ގަދަރުވެރިޔަކު ގަދަރަކުން ގަދަރެއް ދިނަސް
              ބަދަލުހިތް ދެން ވެއްޖެނަމައީ، ގަދަރަކަށް ބެލުމަށް ނުވޭ
ބަލިކަލޯ ހުއްޓަސް ބަލީގައި، ބަލިތުޅާ ހަމަ ބަލަބަލާ
              ބަލިކަލޯގެ  ބޮލަށް ތުޅާ  ނޭޅޭގޮތެއް  ދުވަހަކު  ނުވޭ
ގޮތްގޮތަށް ލިޔެ ހާމަކުރެވޭ ފޮތްފޮތުން ގޮތް ކިޔަކިޔާ
             ފޮތްފޮތުން ގޮތް ދަސްވިޔަސްވެސް ފޮތްފޮތެއް އެދުރެއް ނުވޭ
ކަނޑުވެގެން ކަނޑުގައި ވިޔަސް އަދި ކަނޑުގެ ލޮނު ތިބެ ބޯންވިޔަސް
             ކަނޑުގެ ލޮނުގަނޑު ހަކުރުއެޅިޔަސް ލޮނުކަމަށް ނޫނީ ނުވޭ
ސިއްރަކަށް ސިއްރެއްވަނީ ހިތުގައި އޮތީމައި ސިއްރުގައި
          ސިއްރު ބުންޏަސް ސިއްރުސިއްރުން ސިއްރަކަށް ސިއްރެއް ނުވޭ
އެހެންނޫންތޯއެވެ؟
އަހުމަދު މައުސޫމް
ފެންފިޔާޒުގެ، ހއ. ވަށަފަރު
            އަދަބީ ފާޑުކިޔުމަކީ ލިޔުންތެރިއަކު ލިޔެފައިވާ ލިޔުމަކަށް އަދަބީ ހައިސިއްޔަތުން ޢިލްމީ ހަމަތަކަށް ފެތޭގޮތަށް އެލިޔުމެއްގައި ހުރި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތަކަށް ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔުމެވެ. މިގޮތުން މިފަހަރު އަޅުގަނޑު ފާޑުކިޔަން ގަސްތުކުރަނީ ހއ. އުތީމު އާދަމް ޢަބްދުއްރަހުމާނު، 2003 ވަނަ އަހަރު، ފަތްތޫރަ 295ވަނަ އަދަދުގައި ޝާއިޢު ކޮށްފައިވާ " އެހެންނޫން ތޯއޭ؟ " މިޅެމަށެވެ.
ޅެމުގެ މައިގަނޑު ޚިޔާލާއި އޮއްޓަރު
          މިޅެމަކީ މިހާރުގެ މުޖުތަމަޢުއާއި ވަރަށް ބޮޑަށް ގުޅުވައިގެން ހައްދަވާފައިވާ ޅެމެކެވެ. އޮއްޓަރުން ފުރިގެންވާ ޅެމެކެވެ. އެތައް މެސެޖުތަކެއް މުޖުތަމައަށް ފޯރުކޮށްދޭ ވަރަށް ހަޤީޤީ އަދި ހަރުދަނާ ޅެމެކެވެ.  އަދަބީ ބުނުންތަކެއްގެ މޭރުމުން، މިޅެމުގައި ގެނެސްދީފައިވަނީ މިހާރު މިމުޖުތަމަޢުގައި ބައެއް މީހުން ދެކޭގޮތެވެ. އެހެނަސް ހަމަ ހަޤީޤަތެވެ. އާއެކެވެ. ހަޤީޤަތުގައިވެސް ކަން ހިގާ ދަނީ ޅެންވެރިޔާ ހާމަކުރަށްވާފައިވާ ގޮތަށެވެ. އިންކާރު ކުރެވޭކަށް ނެތެވެ. ޅެމުގެ މައުޟޫގައި ޅެންވެރިޔާ ކިޔުންތެރިންނާއި ކޮށްފައިވާ ސުވާލަށް ބޭއިހުތިޔާރުގައި ނަމަވެސް އެއްބަސްވެވެއެވެ. އާއެކޭ ބުނެވެއެވެ.
           މިޅެމުގައި ހާމަކޮށްދީފައި ވަނީ ކަމުގެ ހަޤީޤަތެވެ. ކޮންމެ ބައިތެއް ނިންމާލުމަށްފަހު ޅެމުގެ ސުރުޚީ "އެހެންނޫންތޯއޭ؟ " ތިމާގެ ހިތަށް ގެނެސް ވިސްނުންތެރިކަމާއި އެކު ވިސްނާ ފިކުރުކޮށްލައިފިނަމަ މިޅެމުގައިވާ ކޮންމެ ބައިތަކުންވެސް ހަޤީޤަތަކީ ހަމައެއީކަން ހާމަވާނެއެވެ. ޅެންވެރިޔާ ބުނެދޭން ބޭނުންވަނީ އޭރުވެސް އަދި މިހާރުވެސް މުޖުތަމަޢުގައި ކަން ހިނގާ ގޮތުގެ ހަޤީގަތެވެ. ކަންކަން ވާގޮތެވެ. ކޮންމެ މީހަކުވެސް އެއްބަސްވާނެ ފަދަގޮތަކަށެވެ. ދެކޮޅުވެވޭނެ އެއްވެސް ޖާގައެއް ނުދެއްވައެވެ.
           ބައްލަވާލައްވަވާށެވެ. ފުރަތަމަ ޅެންބައިތަށް ވިސްނާލާށެވެ. އެބައިތުގައި ބުނަނީ އިރުއަރާ އަލި ނުވިލެނިސް ދުނިޔެމަތި ކިތަންމެވަރަކަށް ދިއްލާ އަލި ކުރިއަސް އެއީ ދުވާލުކަމަށް ވާނެހެއްޔެވެ. ނުވާނެއެވެ. " އެހެންނޫން ތޯއޭ؟ " ހަމަ މިފަދައިން ހަމަ އެބައިތުގެ އަޖުޒުގައި ބުނެފައި އެވަނީ، އިރުއަރާ އަލިވީމައި ނުވަތަ އަލިވިލުމަށް ފަހު އެއްވެސް ސަބަބަކާއިހުރެ ޖައްވު ބަނަވިޔަސްވެސް އިރު ނުއޮއްސެނިސް ރޭގަނޑޭ ބުނެވޭނެހެއްޔެވެ؟ ނުބުނެވޭނެ ނޫންތޯއެވެ؟  "އެހެންނޫން ތޯއޭ؟" ޅެންވެރިޔާ ކިޔުންތެރިން ގާތުން އައްސަވަމުން އެގެންދަވަނީ އެއީ ތެދެއްނޫން ތޯއެވެ؟ އެކަންކަން އެހިނގަނީ އެހެންނޫންތޯއެވެ؟
           ދެވަނަ ބައިތަށް ޖެހިލާށެވެ. މީހަކުދެކެ ރުހުމަކީ ނުވަތަ އޭނަޔާ މާގަޔާވުމަކީ އޭނަގެ ފަރާތުން ނުވަތަ އޭނަޔަށް ކުރެވޭ ކުށްވެސް ފުހެވިގެން ދާކަމެކެވެ. މާނައަކީ އޭނަ ކުރާކުށް ތިމާ އެއީ ކުށެއްކަމުގައި ބަލައެއް ނުގަނެއެވެ. ގަބޫލެއް ނުކުރެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނާ ބީދައިންނެވެ. "އެހެންނޫން ތޯއޭ؟"
           ހަމަ އެފަދައިން ތިންވަނަ ބައިތުގައި ބުނެފައި އެވަނީވެސް އެހާމެ ހާމަކަން ބޮޑު ހަޤީޤަތެކެވެ. ތިމާ ހިތްހަމަ ނުޖެހޭ ނުވަތަ ތިމާ އެހާ ނުގަބޫލު މީހަކު ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެއީ ރަނގަޅުކަމެއްގެ ގޮތުގައި ބަލައެއް ނުގަނެވެނެއެވެ. މިތާގައި ޅެންވެރިޔާ ރަނގަޅު ކަންތައްތައް އެއްފަދަ ކުރަށްވާފައިވަނީ ރަނާއި ޖަވާހިރުފަދަ އަގުހުރި ކަންކަމުގެ ގޮތުގައެވެ. ހަމަ އެއާއި ވިދިގެން ހާމަކުރަށްވާފައިވާ ހަޤީޤަތާއިމެދު ވިސްނުން ހުއްޓެވެ. ތިމާ ހިތްހަމަނުޖެހޭ މީހަކު (ހަތުރަކު)  ތިމާ ގައިގައި ކިރިޔާ އަތުގެ ނުފުށުން ޖެހުނުކަމުގައި ވިއަސް އެވާނީ  އޭނަ ތިމާއަށް އަނިޔާކުރިކަމުގައެވެ. ބަލައިގަންނަނީ އެއީ ގޯނާއެއްކަމުގައެވެ. އެހެންނަމަވެސް ތިމާ ގަޔާވާ ތިމާ ލޯބިވާ މީހަކު ތިމާ ޒަހަމްކުރިއަސް ( ގަޠުލުކުރިޔަސް) އެއީ އަނިޔާއެއްކަމުގައެއް ނުދެކެއެވެ. މާނައަކީ އެފަދަ މިހަކު ތިމައަށް ކިތަންމެ ވަރަކަށް އަނިޔާ ކުރިއަސް އެއީ އެވަރުގެ ކަމަކަށް ނަހަދައެވެ. މިއީ ދޮގެއްތޯއެވެ؟ އެހެންނޫންތޯއޭ؟
މައުޟޫޢު ނުވަތަ ސުރުޚީއާއި ޅެމާއި ހުރި ގުޅުން
          މައުޟޫގެ ދަށުން ޅެންވެރިޔާ އިންސާފުކޮށްފައިވާ ހުރިހާ ވާހަކަތަކަކީ ސީދާގޮތުން މައުޟޫއާއި ގުޅުންހުރި ވާހަކަތަކެއްކަން، އެއީ މައުޟޫއަށް އިންސާފުކުރުމުގައި މިޅެން ފުރިހަމަކަން ފާހަގަވާ ހެއްކެކެވެ. މިނިވަން މައުޟޫއަކަށް ލިޔެފައިވާ މިޅެމުގައި އާންމުގޮތެއްގައި މިމުޖްތަމަޢުން ސީދާފެންނަކަންތައްތަކަށް ބައްލަވާ ލައްވަވާފައިވާކަމީ، ކިޔުންތެރިން ކިޔަމުންދާއިރު ލިޔެފައިވާ އެއްޗެއްގައި ހަޤީޤަތް ކިހާވަރަކަށް އެކުލެވިފައިވޭތޯ ނަފްސާއި ސުވާލުކޮށް، މުޖުތަމަޢުން ހެކި ލިބިގަނެ، ފަހުމްކުރަން ފަސޭހަވާނެކަމެކެވެ.  އެހެންކަމުން ޅެންވެރިޔާގެ މަޤުޞަދު ވަރަށް ފަސޭހައިން ހާޞިލް ވާނެކަމަށް ޤަބޫލު  ކުރެވެއެވެ. މިގޮތުން ޅެމާއި ޅެމުގެ ސުރުޚީއާއި ހުރި ގުޅުން ހާމަވާފަދަ މިސާލެއް ހިމަނާލާނަމެވެ. ދެވަނަ ބައިތަށް ޖެހިލާށެވެ. މީހަކުދެކެ ރުހުމަކީ ނުވަތަ އޭނަޔާ މާގަޔާވުމަކީ އޭނަގެ ފަރާތުން ނުވަތަ އޭނަޔަށް ކުރެވޭ ކުށްވެސް ފުހެވިގެން ދާކަމެކެވެ. މާނައަކީ އޭނަ ކުރާކުށް ތިމާ އެއީ ކުށެއްކަމުގައި ބަލައެއް ނުގަނެއެވެ. ގަބޫލެއް ނުކުރެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނާ ބީދައިންނެވެ. "އެހެންނޫން ތޯއޭ؟" ޅެމާއި ސުރުޚީއާއި ގުޅުން ކުޑަތޯއެވެ؟
ބަސްކޮށާރު
           މިހާރުގެ ޅެންތަކުން އަޅުގަނޑަށް ފާހަގަ ކުރެވުނު ވަރަށް އުނި ކަމެއްވެއެވެ. އެއީ މިހާރުގެ ބައެއް ޅެން ކިޔާލުމުން ހިތަށް އެއިން މާބޮޑުއަސަރެއް ނުކުރާކަމެވެ. އެއީ ޅެމެއްގެ ވައްޓަފާޅި ނުހުންނާތީއެވެ. މުނާސަބު މުއްސަނދި ބަސްކޮށާރަކުން އެމުނި އެކުލަވާ ގަތާލެވިފައި ނުހުންނާތީއެވެ. އާދައިގެ ލިޔުންކޮޅެއް ކިޔާ ކިޔުމަކާއި ޅެމެއް ކިޔުމަކާއި މާބޮޑު ތަފާތެއް މިހާރަކު ނުހުރެއެވެ. ވިސްނާލަންޖެހޭ އިތުރު އެއްޗެއް ނޯވެއެވެ. ހުރިހާއެއްޗެއް އޮންނަނީ މުޅިންހެން ހާމަވެފައެވެ. ކުރީގެ ޅެންވެރިންގެ ޅެންތަކުގެ މާނަ ނެރެންޖެހެނީ ޅެންވެރިޔާގެ ބަނޑުންނެވެ. އެއީ ބޭނުންކުރާ ބަސްކޮށާރުގެ މުއްސަނދިކަމެވެ. އާންމު ނުވާ އެހެނަށް މުނާސަބު ބަސްކޮށާރެއް ބޭނުންކުރެވޭތީއެވެ. މިގޮތުން ބަލާއިރި މިއީވެސް ތިލަ ބަސްކޮށާރެއް އެހެންނަމަވެސް މުނާސަބު ބަސްކޮށާރެއް ބޭނުންކޮށްގެން ހަދާފައިވާ ޅެމެއްކަން ފާހަގަކުރެވުނެވެ. މިޅެމުގެ ވައްތަރުން މިޅެމުގައި މާ ފުން ބަސްކޮށާރެއް ބޭނުންކުރުން އެއީ އެހާ ހަމަޖެހޭނެ ކަމެއްކަމުގައި ޅެންވެރިޔާ ނުދެކެނީކަމުގައި އަޅުގަނޑަށް ލަފާކުރެވެއެވެ.  މިހެން މިދެންނެވީ މިޅެމަކީ، މި ޅެން ކިޔާލާ ކޮންމެ މީހަކަށްވެސް ހާމަކޮށްދޭން ބޭނުންވާ، މުޖުތަމައުގައި އަޅުގަނޑުމެން އެކަންކަމާއިމެދު ކޮށިވިސްނުމެއް ގެންގުޅޭ ބައެއް ވާހަކަތައް ގެނެސްދީފައިވާ ޅެމެއްކަމަށް ވާތީއެވެ. ބަސްކޮށާރު ކޮށްޓެކޭ ނުބުނެވޭނެއެވެ. އެއީ މިސާލަކަށް "ބަނަވިޔަސް" ، "ބަލިތުޅާ"، "ބީހިލުން"،  " ފުށަތުން" ކަހަލަ ބައެއް ބަސްބަސް ބޭނުންކޮށްފައިވަތީއެވެ. "ފުށަތުން" މިލަފުޒުގެބަދަލުގައި " ނުފުށުން" މިލަފުޒުވެސް ބޭނުންކުރެވިދާނެއެވެ. އަކުރާއި ފިލިވެސް "ފުށަތުން" މި ލަފުޒާއި އެއްގޮތެވެ. ވަޒަނަކަށް ތަފާތެއް ނާންނާނެއެވެ. މާނަވެސް ހަމަ އެކައްޗެކެވެ. އެހެންނަމަވެސް ރައިވަރުގެ ބަސްކޮށާރު މުއްސަނދިކޮށްލުމަށާއި ޅެމުގެ "ރިދަމް" ހަމަކޮށްލުމަށް އެލަފްޒު ބޭނުންކޮށްފައިވާކަމަށް ލަފާކުރެވެއެވެ. ފުން ބަސްކޮށާރެއް ބޭނުންކޮށްފިނަމަ ޅެންވެރިޔާގެ މަގުޞަދު ހަސިލްވުމަކީ ދުރުގައިވާނެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ. މިޅެމުގައި ވަރަށް އާދަޔާ ހިލާފު އެހެނަސް ވަރަށް ރީތި ހަމަ އެހާމެ ގުޅުންހުރިގޮތެއްގައި ބަސް ތަކުރާރުކޮށް ފަށްފަށްކޮށްގެން ގެނެސްދީފައިވާކަން ފާހަގަ ކުރެވުނެވެ.
ޅެމުގެ ހަމަތަކާއި އެމުނި އެކުލެވުން
        ޅެމުގެ އަސާސި ހަމަތަކަކީ ބަނޑުވަށް އަކުރާ، ފިލިކޯޅިއާ، ކާފިޔާ އެއްގޮތްކުރުމުގެ އިތުރުން ވަޒަނަކަށް ފެތިފައިވުމާއި ނިންމުން އެއްގޮތް ކުރުމެވެ. މިޅެމަށް ބަލައިލަމާ ހިނގާށެވެ. ބަނޑުވައް އަކުރަކީ ކޮންމެ ބައިތެއްގެވެސް ފެށޭއިރު ދެވަނައަށް އޮންނަ އަކުރެވެ. މި ޅެމަށް ބަލައިލާއިރު ހުރިހާބައިތެއްގެވެސް ބަނޑުވައް އަކުރު އެއްގޮތެވެ. އެއްގޮތް ކޮށްފައި ހުރީ، އަލި- އަލި، ރުހު- ރުހު، ކަން- ރަން މިފަދަ ގޮތަކަށެވެ.
         ކޮންމެ ޅެންބައިތެއްގެވެސް ޞަދުރާއި އަޖުޒުގެ ފުރަތަމަ ދެއަކުރުގެ ފިއްޔަކީ ފިލިކޯޅިކަމުގައި ބަލައެވެ. އެ ދެފިލިއެއްގޮތްކުރެވުމުން ފިލިކޯލި އެއްގޮތް ކުރެވުނީއެވެ.  މިޅެމަށް ބަލައިލާއިރު ހުރިހާ ބައިތެއްގެވެސް ފިލިކޯޅިވަނީ އެއްގޮތް ކޮށްފައެވެ. އެއްގޮތްކޮށްފައި ހުރީ،  އަލި- އަލި، ރުހު- ރުހު، ކަން- ރަން، އަތު- ގަތު، ތަދު- ތަދު މިފަދަ ގޮތަކަށެވެ. އެހެންކަމުން މިގޮތުންވެސް މިޅެން ވަރަށް ފުރިހަމައެވެ.
         ކާފިޔާ އެއްގޮތްކުރުމުގައި އެކި ޅެންވެރިންގެ ޚިޔާލު ތަފާތެވެ. ބައެއް މީހުން ދެކޭގޮތުގައި ހުރިހާ ބައިތުތަކެއްގެވެސް ނިމޭ ލަފުޒު އެއްގޮތްކުރަންޖެހެއެވެ. އަނެއްބައި މީހުން ދެކެނީ ކޮންމެ ބައިތެއްގެވެސް ނިންމާ އަކުރާއި ފިލި އެއްގޮތްކުރުމުން ފުދޭ ކަމަށެވެ. ކޮންމެއަކަސް މި ޅެމުގެ ނިންމުން އެއްގޮތެވެ. އެހެނީ މިޅެމުގައި ފުރަތަމަބައިތުގެ ޞަދުރުގެ ނިމޭ ލަފުޒާއި އެހެން ހުރިހާ ބައިތެއްގެ އަޖުޒުގެ ނިމުން ( ބައިތުގެ ނިމުން ) އެއް ލަފުޒެއް ( ނުވޭ ) ބޭނުންކޮށްގެން އެއްގޮތް ކޮށްފައި ހުރީމައެވެ.
         ޅެމުގައި މުހިންމު ސަމާލުކަމެއްދޭ އަނެއްކަމަކީ ވަޒަނެވެ. ވަޒަން ހަމަކުރުމުގައި ފިލީގެ އަދަދު ތަފާތުވެއެވެ. 22،24، 26، 28، ފިލިންވެސް ވަޒަން ހަމަކޮށްފައިހުރެއެވެ. މިޅެމުގެ ވަޒަން ހަމަކޮށްފައި ހުރީ 26 ފިލިންނެވެ. ހުރިހާބައިތެއްގެ ވަޒަންވެސް ވަރަށްފުރިހަމައެވެ. ޞަދުރުގައާއި އަޖުޒުގައިވެސް ހިމެނެނީ 26 ފިއްޔެވެ. ބޭރުފުށުގެ މިޔުޒިކު ފުރިހަމަވުން މައިގަނޑު ބިނާވެފައި އޮންނަނީ ވަޒަނުގެ މައްޗަށެވެ. މިގޮތުން މިޅެން ވަރަށް ރަނގަޅުކަން ފާހަގަ ކުރެވުނެވެ.
        އެހެންކަމުން ޅެމުގެ ހަމަޔާއި އޮއްޓަރާއި ޅެންވެރިޔާގެ ވިސްނުމަށާއި ޅެމުގެ ބަސްކޮށާރުގެ އިތުރުން ސުރުޚީއާއި ޅެމާއި ހުރި ގުޅުމަށް ބަލާއިރު މިއީ މޮޅު ޅެމެއްކަމުގައި ބެލިދާނެއެވެ. -         ނިމުނީ -

No comments:

Post a Comment

embedded below post