Wednesday, August 18, 2010

 
ދިވެހި މުޖުތަމަޢުގެ ތެރެއިން..........!
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ.ވަށަފަރު
                ދިވެހި ދަރިން މިވަނީ ބިރުވެރި ބަނަ ޖައްވެއްގެ ތެރޭގައެވެ. ކޮޅުނެއްކޮޅަށް ހިތާމަކުރަންޖެހިފައިވާ، ބާރުގަދަ ކޮޅިގަނޑެއްގެތެރޭގައެވެ. ކޮޅިގަނޑު އުފެދިގެން އައީ ހުޅަނގުގެ އައްސޭރިން ކަމަށް ލަފާ ކުރެވެއެވެ. ކޮޅިގަނޑުގެ ސަބަބުން މުޅި މުޖުތަމަޢު ނާމާންވެއްޖެއެވެ. ޒިނޭގެ ދާންތައް ހުޅުވިއްޖެއެވެ. ހުޅަނގުންގެ ފޭޑި ޢާންމުވެ ކުރިއަރައިފިއެވެ. ތިމާމެންގެ އަބުރު ވެއްޔާ މޮޑެލައިފިއެވެ. އަނެކާގެ އަބުރާއި ޢިއްޒަތް ނަގާލުން އުފަލަކަށް ވެއްޖެއެވެ. ދުންޔަވީ އުފަލަށްޓަކައެވެ. މަސްތުވާތަކެތީގެ
ވަބާ މުޅި މުޖުތަމަޢުގައި ވަކި ހިއްޕާލައިފިއެވެ. ހުރިހާ ޒުވާނުން ޝިކާރަކޮށްފިއެވެ. މާރާމާރީގެ ބިރުވެރިކަން އެންމެހާ ފަރުދުންގެ ހިތްތަކަށް ވެރިކުރުވައިފިއެވެ. ހަނގުރާމައިގެ މުޖުތަމައަކަށް މިމުޖުތަމަޢު ހަދައިފިއެވެ. ތޫނު ހަތިޔާރުން ދޭ ޒަޚަމްތައް ގުނާ އަދަދު ނުކުރެވެއެވެ. ޤާތިލުން އުފަންވެއްޖެއެވެ. އަމިއްލަ ދަރިން އަމިއްލަ އަތުން މަރަންފަށައިފިއެވެ. ވައްކަން ކުރުމާއި މަގުފޭރުންފަދަ ހައިވާނީ އަމަލުތައް މިމުޖުތަމަޢުގައި ފޯދި އާލާވެއްޖެއެވެ. މިގޮތަށް ފޯދޭ މިފަދަ ކޮންމެ "ކުރިޔަކީ" އެ މުޖުތަމަޢެއްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ނޫނީ މަރާނުލެވޭނެވަރުގެ، އާރާއި ޖޯޝެއްގައި ހެދެމުން އަންނަ ކުރިއެކެވެ. މިއީ މުޖުތަމަޢު ހަލާކުގެތެރެއަށް ވެއްޓެމުންދާކަމުގެ ނިޝާންތަކެވެ. މިއިން ކޮންމެ ކަމެއް، މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައުގައި، ވަކިހިއްޕާލާފައި ހުރި މިންވަރަށް ބަލައިލަމާތޯއެވެ.                                        
                 މުޖުތަމަޢަށް އެހެނިހެން މައްސަލަތައް އުފަންކުރުވާ ވިހަގަދަ ބިހަކީ މަސްތުވާ ތަކެއްޗެވެ. މަސްތުވެގެންވާ ހާލު ﷲ ނަހީކުރެއްވި އެންމެހާ ކަންތައްތަކަށް އެބައިމީހުން އަރައިގަނެއެވެ. ބަދުއަހުލާޤީ އަމަލު ހިންގުމާއި މީހުންގެ ޙައްޤުތަކަށް ނުޙައްޤުން އަރައިގަނެ ފުރާނައަށް ގެއްލުންދީ ހަދައެވެ. މިކަންކަމަކީ މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގައި އާންމު ކަންކަމެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ އަދަދު މިވަނީ ޓަނުން ގުނަންޖެހިފައެވެ. 2006 ވަނަ އަހަރު އއ. މާވަރު ފަޅުތެރޭގައި ވަޅުލައިފައި ހުއްޓާ 1.6 ޓަނުގެ މަސްތުވާތަކެތި ފެނުން ވެގެންދިއައީ މުޅިގައުމު ހައިރާން ކުރުވި ކަމަކަށެވެ. މިފަދަ ގޮތްގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ނަތީޖާއަކަށްވީ ޅަޒުވާނުން މިކަމުގައި ބެނދެވުމެވެ. ގަނޑުވަރުގެ ވޮށްކޮޅުފަދައިން ވިދުމަށް އެދޭ ޤައުމުގެ ޒުވާނުން މިއަދު މިފެންނަނީ މިލާ މޯޅިވެފައިވާތަނެވެ. ސިފަކުރެވެނީ ނުރައްކާތެރި ބައެއްގެ ގޮތުގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަދުގެޒުވާނުންގެ ކާނާ، އާދެ! މަސްތުވާތަކެތީގެ ދަހިވެތި ކަމުގައި އެހެން ފާފަތަކަށް އަރައިގަނެއެވެ. ޓެކުމާއި، މަގުފޭރުމާއި ވައްކަން ކުރުމުގެ އިތުރުން މާރާމާރީހިންގުމާއި ޒިނޭކުރުމަކީވެސް މީގެ ސަބަބުން މުޖުތަމަޢުގައި ފެންމަތިވާ މައްސަލަތަކެކެވެ. 
                ދިވެހި މުޖުތަމަޢުގައި ކަމަކަށް ދޫކުރާނެ ކަމެއް މިހާރަކު ނެތެވެ. ގިނައީ ހަމަ މަގުން ކަސިޔާރުވެ، ހައްދުފަހަނައަޅާފައިވާ މުސީބާތްތަކެވެ. ޒިނޭގެ ދާންތައް މިއަދު މި މުޖުތަމައުގައި މިވަނީ ހުޅުވާލެވިފައެވެ. ސީދާގޮތުންނާއި ނުސީދާގޮތުންނެވެ. ފާޅުގައްޔާއި ސިއްރުގައެވެ. އެހެންނަމަވެސް ދެނެވޮޑިގެންވާ ފަރާތް މޮޅަށް ދެނެވޮޑިގެންވެއެވެ. ހަށިވިއްކާމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. ސިއްރުގައި ހަށިވިއްކާމީހުންގެ މައްސަލަތައްވަނީ ވަންހަނާވެފައެވެ. ދެ ޖިންސުންލަތީފެއްގެ ވަގުތީއުފަލަކުން އުފަންކުރުވާ މަޢުޞޫމު ތުއްތު ތުއްތު ކުއްޖާ، ދުނިޔޭގެ ފޮނި މީރކަން ނުދެކި ދުނިޔެއާ އަލްވަދާއު ކިޔަނީ އެކުދިންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ ނޫނީ، އަޅާލާނެ ޔާރެއް އިޔާރެއް ނެތް މަޢުޞޫމު ކުއްޖަކަށް އެކުއްޖާ ހެދުން އެއީ އެކުއްޖާ ކުރި ކޮން ކުށެއްގެ ޖަޒާއެއް ހެއްޔެވެ؟ ބައްޕައެއްގެ ޒިންމާ އަދާކުރަން ބޭނުން ނުވާހާލު، ދަރިން މިމުޖުތަމައަށް އުފަންކުރުވަނީ، އެބައިމީހުން ހެއްދެވި ފަރާތް މަތިންވެސް އެބައި މީހުން ހަނދުމަ ނުވަނީބާވައެވެ؟ ﷲ އަށް ބިރުވެތިވުމެއްނެތިއެވެ. ރަށްފުށުގެ ރުއްފާތަކާއި، ވާބޯ ބިޔަ ޖަންގަލީތެރޭގައި އަންހެންކުދިންގެ އިއްފަތްތެރިކަން ނަގާލަމުން، އެ ނުބައި ފާޙިޝް އަމަލު ހިންގާއިރު،  އެބައިމީހުން، އެބައިމީހުންގެ  ދަރިންނާއިމެދު ފަހެ ނުވިސްނަނީ ބާއެވެ؟ ތިމާގެ ދަރިފުޅު ބޭރު ހިލޭ މީހެއްގެ އަތްމައްޗަށް ކުޑަ ހިނދުކޮޅަކަށްވެސް ދޫކޮށްލަން އެދޭނެތޯ ތިމާ އަމިއްލަ ޟަމީރާ ސުވާލުކޮށްލުން ހުއްޓެވެ. މުޖުތަމަޢުގައި މިމައްސަލަ އާންމުވުމުގައި އަންހެންވެރިންގެ އިހުމާލު ވަކިން ކުޑައެއް ނޫނޭވެ. ވަގުތީ އުފަލަކަށްޓަކައި ތިމާގެ ހަށި އަނެކާއަށް ހިބަކޮށްދޭ އަންހެނުން މަދެއްނޫނެވެ. އެވަގުތު ލިބޭ ލައްޒަތަކާއި އަރާމަށްވުރެ ފަހުން ލިބޭނެ ވޭނާއި ކެކުޅުމުގެ އިތުރުން، ރައްދުވާނެ މަލަމާތަކަށް ވިސްނާނުލެވެނީއެވެ. ނުވަތަ ވިސްނަން ބެނުން ނުވަނީއެވެ. ރާއްޖެގައި މިއަމަލުކުރުމަށް މިހާރު ހައްދެއް ހުދޫދެއް ނޯވެއެވެ. އުޞޫލަކީ ގެރި ބަކަރީގެ އުޞޫލެވެ. ކުކުޅު ހާލުގެ އުޞޫލެވެ. މި ދިވެހި މުޖުތަމައުގެ ހާލަކީ މިއެވެ.       
                 ތިމާގެ ދަރިފުޅުގެ މުޅަމަސް ކެއުމަކީވެސް ޖަނަވާރުންގެ ސިފައެކެވެ. އެސޮރުމެންގެ ދަރިން ޝިކާރަކޮށް މަރާހެދުމަކީ އެސޮރުމެންގެ އާދައެވެ. ނަމަވެސް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، މަޚުލޫޤުންގެތެރެއިން އެތައް ދަރަޖައަކަށް މާތްކުރައްވާފައިވާ އިންސަނުން،  އެބަހީ  އަޅުގަނޑުމެން އެފަދަ ދަރަޖައަކަށް ވެއްޓިދާނަމަ އެއީ ކޮންފަދަ ބޮޑު ހިތާމައެއް ތޯއެވެ؟ ކުރާނެ ކަމެއް ނެތެވެ. އެނުބައި ހައިވަނީ ޢަމަލުވެސް މިއަދު މިވަނީ އަޅުގަނޑުމެންގެ ތެރެއިން މަދުބައެއްގެ ކަސިގެ މަދުގަނޑުގައިވެސް ހިފާފައެވެ. އެއްވެސް ކުށެއްނެތް މަޢުޞޫމް ކުދިންގެ ފުރާނައިގެ ޤާޠިލުންނަށް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވެއްޖައީމުއެވެ. ގިނަފަހަރަށް މިފަދަ ޤާޠިލުންނަށް ވަނީވެސް އެ ތުއްތުކުއްޖާގެ މަންމަ ނުވަތަ މާމަ ނޫނީ އެނޫންވެސް އައިލާގެ ކޮންމެވެސް މީހެކެވެ. މިއަހަރުގެ (2007) އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސ. ހިތަދޫގައިވެސް މިފަދަ ޤާޠިލެއް ފާޅުވެފައިވެއެވެ. ދުވަސް ނުފުރާވިހާ މިފަދަކުދިންގެ ސަންދޯކަކަށް ވެފައި މިވަނީ ފާހާނާތަށްޓެއް ނުވަތަ ކޮތަޅެކެވެ. ކަށްވަޅަކަށްވެފައި ވަނީ ޖަންގުޝަނެއް ނުވަތަ ވެލިފުންޏެކެވެ. މަދުވެގެން އަހަރަކު 2 ޤާޠިލުން ފާޅުނުވާ އަހަރެއް މިފަހަކަށް އައިސް ފާއިތުނުވެއެވެ. ތިމާގެ އަބުރުވެސް ނަގާލަނީއެވެ. ތިމާގެ އާއިލާއަށާއި ދީނަށްވެސް ހުތުރުއަރުވަނީއެވެ. ފުރައްސާރަކުރަނީއެވެ.  ﷲ އަށް ޚިޔާނަތްތެރިވަނީއެވެ. މިއީ ނޭނގިތިބެ ކުރެވޭ ކަންކަމޭ ބުނެވޭނީ ކޮންހިތަކުން ހެއްޔެވެ؟ މި ވެށްޓާމެދު ވިސްނާލަކަށް ފަހެ ނުވޭތޯއެވެ؟                                                                  
                  މިއަދު، އަޅުގަނޑުމެންގެ ގެއިން ނުކުންނައިރު ޖީބުގައި އޮންނަ މޮބައިލް ފޯނު، ޖީބުގައި އޮންނަ ވޮލެޓް، ކޮނޑުގައި އަޅުވާފައި ހުންނަ ދަބަސް، މިއެއްޗެއްސަކީ އެނބުރި ގެއަށް އަންއިރު، ގެންނަން ލިބޭނެ ކަމުގެ އުންމީދެއް އޮންނަ އެއްޗެއްސެއްނޫނެވެ. "ޕާޓޭން"ގެ ނުރައްކާތެރިކަން މިއަދު މިވަނީ ލޭބޯ މަދިރީގެ ނުރައްކާތެރިކަމަށްވުރެވެސް ބޮޑުވެފައެވެ. ވައްކަން ކުރުން މިވަނީ ވަރަށް އާދައިގެ ކަމަކަށް ވެފައެވެ. މޯލްޑިވް ޕޮލިސް ސަރވިސަސްގެ ތަފާސްހިސާބުން ދައްކާގޮތުގައި 2006 ވަނަ އަހަރު ކޮންމެ މަހެއްގައިވެސް 50 އަށްވުރެ ގިނަ މީހުން ވައްކަމާއި ފޭރުމުގެ މައްސަލާގައި ހައްޔަރުކުރެވިފައިވެއެވެ. އެންމެ މަދުން ހައްޔަރުކޮށްފައިވާ ޑިސެމްބަރު މަހުގައިވެސް 50 މީހަކު ހައްޔަރުކޮށްފައިވެއެވެ. މުޅި 2006 ވަނަ އަހަރަށް ބަލާއިރު ވައްކަމާއި ފޭރުމުގެ 3040 މައްސަލަ އެފަރާތަށް ހުށަހެޅިފައިވާއިރު، ހަމަ އެފަދަ މައްސަލަތަކުގައި 880 މީހުން ހައްޔަރު ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ތަފާސް ހިސަބުތަކުން ހާމަވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގިނައިން ހައްޔަރު ކުރެވިފައިވަނީ އެފަދަ މައްސަލަތައް ތަކުރާރުވެފައިވާ މީހުންނާއި މަސްތުވާތަކެތީގެ މައްސަލައިގައި އޭގެ ކުރިންވެސް ހައްޔަރު ކުރެވިފައިވާ މީހުންނެވެ. މިއިންވެސް އަޅުގަނޑުމެންނަށް ދޭހަވަނީ ވައްކަމާ މަސްތުވާތަކެއްޗާ ގުޅުމެއްވާކަމެވެ. ގިނަފަހަރަށް ވައްކަން ކުރަނީ މަސްތުވާތަކެތި ގަންނަން ފައިސާ ހޯދުމަށް ކަމަށް ގިނަފަރާތްތަކުން ފާހަގަ ކުރެއެވެ.           
                   މިހުރިހާމައްސަލަތަކެއް ފެންމަތިވުމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ތަރުބިއްޔަތުގެ ބަލިކަށިކަމުން އާއިލާތައް ރޫޅުމެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުމެވެ. މިނިވަންކަމުގެ ނާޖާއިޒު ފައިދާނަގަން ދަރިންނަށް ފުރުސަތު ދެވޭތީއެވެ. މައިން ބަފައިންގެ ކުރިމަތީގައި ދަރިން މާއަވަހަށް ބޮޑެތިވާތީއެވެ. މައިން ބަފައިންގެ އަމުރު މައުރޫފު ހިންގޭވަރަށްވުރެ ބޮޑު މިނިވަންކަމަކާއި " ގޮތް ނޭނގޭ ޤަދަރެއް" ދަރިފުޅައް ދެވޭތީއެވެ. ދަރިންނާ މެދު އޮންނަ ގާތް ގުޅުން ހީނަރުވާތީއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢު ބަދަހި ކުރެވޭނީ އާއިލާތައް ހަރުދަނާ ކުރެވިގެންނެވެ. ކުށްމަދުކުރެވޭނީ އެންމެން އެއްބާރުލައިގެންނެވެ. އާއެކެވެ. ދަންނަމެވެ. "ބިޒީ" ވާނެއެވެ. ނަމަވެސް ދަރިން ތަރުބިއްޔަތު ކުރުމަށް އެއީ އުޛުރެއް ކަމުގައި ނުހައްދަވާށެވެ. ދަރިންނާއެކު ވަގުތު ހޭދަކުރަށްވާށެވެ. އަމިއްލަ ފައިދާއަށްޓަކައެވެ. މުޖުތަމަޢުގެ ލާބައަށްޓަކައެވެ. ދަރިންގެ ރައްކަލަކަށްޓަކައެވެ.  
-         ނިމުނީ -

No comments:

Post a Comment

embedded below post