Wednesday, August 18, 2010


ތަހުޒީބަކީ މިއީބާއެވެ؟ ތަރައްޤީއަކީ މިއީބާއެވެ؟
އަޙުމަދު މަޢުޞޫމް
ފެންފިޔާޒުގެ، ހއ. ވަށަފަރު
            ކޮންމެއަކަސް ހީކުރިގޮތާއި މުޅިން ތަފާތެވެ. މާލޭ ކައިރީގައިވެސް ހާދަ ކުދިކުދި ރަށްތައް އެބަހުއްޓެވެ. ހަމަގައިމުވެސް އަހަންނަށް މިހާރު ފެންނަން އެއޮތް ރަށުގެ ގެތައް ހިޔާކޮށްފައި އެހުރީ ފަނުންނެވެ. ޖަޑިބުމެންގެ އާއިލާ، އެއީ ރަށުގެ އެންމެންވެސް އެންމެ ފަޤީރުކަމަށް ދެކޭ ޢާއިލާއެވެ. އެކަމަކު ޖަޑިބުގެ ގެވެސް ހުންނަނީ ޓިނުން ހިޔާކޮށްފައެވެ. ތެޅިގަލުން ރާނާފައި ހުރިގޭ ފުރާޅުން ދަބަރު ހިލުނަސް އެންމެ ރަނގަޅުތާއެވެ.
މިހާރު މި ފެންނަންހުރި ފީފަން ޖިފުޓިއަށްވުރެ ރަނގަޅުވާނެއެވެ. މިއީ ތަރައްޤީވެފައިވާކަމަށް ދަޢުވާކުރާ މާލެއާއި އެންމެ ކައިރީގައިވާ ރަށްރަށުގެ ޙާލެވެ. ހިތާހިތުން މިހުރިހާ ވާހަކައެއް ދައްކަން އިން ސިއްތިއަށް އިތުރު ހައިރާން ކަމެއް ލިބުނީ ހަމަ އެރަށުގެ ފާލަން މައްޗަށް ، ނިވާކުރި ބަޔަށްވުރެ ނިވާނުކުރާބައި ބޮޑުކޮށް ބަހައްޓައިގެން، ދެ ޖިންސުގެ ދޮން ދެމީހަކު، މިނިވަންކަމާއެކު ނުކުތް މަންޒަރު ފެނުމުންނެވެ.                                                                      
           ދޯނީގެ ދުވެއްޔަށް، ވަޔާ ވިހުރެމުން، ސިއްތި ބަލަމުންދިއަ މަންޒަރަށް ހުރަސް އަޅާ ފޮތިގަނޑު، އެއީ ބޯޓުގެ ބޭނުމަކަށް އަޅާފައިވާއެއްޗެއް ނޫންނަމަ، ސިއްތި އެ ފޮތިގަނޑު ނަގާ އެއްލައިލީހެވެ. އިރުއިރުކޮޅުން ފޮތިގަނޑު ދުރުކޮށްލައެވެ. ކުރިމަތިން އެއްފަރާތް ކޮށްލައެވެ. ބޯޓު ރާޅާ އޮރުވައެވެ. ރާޅާ ޖަހައެވެ. އެތެރެއަށް ލޮނުވިއްސައެވެ. ސިއްތިއަށް  މިކަމަށްވުރެ ސަމާލުވެވުނީ އެކަމަށެވެ. ކައިރީގައި އިން ބައްޕަގާތުގައި އަހާލެވުނީ އެއީ ކޮންބައެއްތޯއެވެ. އެއީ ގެސްޓުންނެވެ. އެމީހުން އުޅޭނީ އެހެންނެވެ. މިއަށްވުރެ ތަފުޞީލެއް ބައްޕައަކަށްވެސް ނުދެވުނެވެ. މިތަޞްވީރުތައް ހިތުގައި ކުރަހައިގެން ސިއްތި ގޮސްފައި އެބީއްސާލީ  އޭނަ އެންމެ އަންނަން ބެނުންވެގެން ކުކުރި، މާލޭގެ ހިލަ ގާތައްމަތީގައެވެ .                                      .                                                                            
ގައިން އޮހޮރޭ ދާތަކުން ލައިގެން ހުރި ޓީޝާޓުގަނޑުފޯވެފައި ހުރީ އެންމެމީހެއް ދެމީހެއްނޫނެވެ. ޢުމުރުން އޮނަސާޅީސް އަހަރުވެފައިވާ ބައްޕައާއި އެއްއުމުރުގެ އެންމެންގެވެސް ޙާލަކީ މިއެވެ. ދިއްލާފައިވާ އަވިން، ވާދިލަ ހޫނުން ހިއްލާފައިވަ ދާތައް، މުޑުދާރުވެފައިވާ އަތުގެ ހަޑިއާއި އެކު ފޮހެމުން ދާއިރު، ދަޅައަޅާ ތަލަތަކަށް ކުރާނެ އަސަރާއި ވާނެ ހޫނު މިހާރު ސިއްތިއަށްވެސް އިޙުސާސް ކުރެވޭ ކަހަލައެވެ. ބައްޕަ ކުރާމަސައްކަތަށް ތަޢުރީފު ކުރުން ޙައްޤުކަން ސިއްތިއަށް ވިސްނުނީ މިއަދުއެވެ. ބާޒާރުމަތީ މީހުން ބާރުލާ ދެކޮޅަށް ހިނގާ،  ހޭލަމޭލަވެ އުޅޭ މަންޒަރު ސިއްތިއަށް ފެނުމުން ތަރައްޤީގެ މަތިންހަނދާން ނެތުނުކަހަލައެވެ.                                                  
ސިއްތިގެ ނޭފަތުގައި އައިސް ޖެހުނު ވަހަކުން، އެކި ދިމަ ދިމާއަށް ސިއްތި ނަޒަރު ހިންގާލިއެވެ. ލޮލުގައި އަޅައިގަތީ ބާޒާރުމަތީ ފިހާރައެއްގެ ދޮރުމަތީގައި ހުރި ކުނި ފިޔާ ތަކަކާއި ޗަސްވެފައިވާ މިރުސްތަކުގެ އިތުރުން ފީވެފައިވާ އަލުވިތަކެކެވެ. "ރަށު ގޮނޑުންވެސް ނުދުވާނެ މިވަސް" ނޭފަތުގައި އަތްއަޅަމުން މިހެން ބުނަންވެސް ސިއްތިއަށް ހަނދާންވީ އެތަކެތި ލޮލަށް ފެނުނީމައެވެ. ރަށުން ގެނައިހާ ހަދިޔާ ފޮށިތަކާއި، އޮށްބޮޑު ކުރުނބާ އިހަލާ، ބަރަބޯތަކާއި ވަރިބޯ ކާށިން ފުރާފައިވާ ބަސްތާތައް އަތްމަތިކުރުމުގައި ބައްޕަ ހޭބޯނާރާ އުޅެއެވެ. ދެއަތަށް ދެކޮތަޅު ލައިގެން، ސިއްތި ގުޑުވައިވެސް ނުލާ އެހުރީ މާލޭގައި ފިޔަވަޅެއް އަޅާނެ ގޮތެއްވެސް ނޭނގޭތީ ކަމަށް ވެދާނެއެވެ. ނޫނީ ތަހުޒީބާއި ނާތަހުޒީބު ދެނެގަންނަނީވެސް ތޯއްޗެކެވެ!
ކާރުގެ ޑިކީގައި ނަރެއްގެ ތުނޑު ޖައްސާލެވެންނެތެވެ. ތޮއްޖެހެންދެން އަޅާފައި އެވަނީ ސިއްތި ކިޔަވަން ހުންނަ ގެއަށް ގެނައި ހަދިޔާ ބަދިޔާއެވެ. އެ ހުރިހާއިރު ވީއިރުވެސް ބަހަކުން ބަހެއް ބުނާނެ އަވައްޖެއް ބައްޕައަކަށް ނުވިއެވެ. ހުރިހާ ކަމެއް ނިމުމުން ކާރަށް އަރަން ސިއްތިއަށް ވަރަށް ލޯބިން ގޮވާލިއެވެ. ކާރުގެ ދޮރު ހުޅުވައި ދިނުމަށް ފަހު ބައްޕަ އެރީ ކުރިއަށެވެ. ސިއްތި ކާރަށް އަރަން ބަލަލިއިރު ކާރުގައި ވަނީ ރަށު މިސްކިތުގައި އަޅާފައި ވާކަހަލަ އެއްޗެހި އަޅާފައެވެ. ކާޕެޓު އަޅާފައެވެ. ސިއްތިއަކަށް ފައިވާނާއެކު ކާރަށް އަރާކަށް ނުކެރުނެވެ. ގޮނޑިތަކުގައިވެސް ކާޕެޓު ޖަހާފައެވެ. ފައިވާން އަތަށް ނަގާކަށްވެސް ނުކެރުނެވެ. އެންމެ ފަހުން ހަދާނެ ގޮތެއް ނޭނގިގެން ކާރަށް އެރީ ފައިވާން ބަހައްޓާފައެވެ. އަރާ ހަމަޖެހިލުމަށް ފަހު ބައްޕަގެ ފައިވާނަށް ބަލައިލިއެވެ. ބައްޕައިނީ ފައިވާނަށް އަރައިގެންނެވެ. ދުއްވަން އިން މިހާވެސް އިނީ ފައިވާނަށް އަރައިގެންނެވެ. ތަހުޒީބެވެ. ސިއްތި ހިތާ ހިތުން ކިޔާލިއެވެ. މިކިޔާ ތަހުޒީބަކީ މިއީބާއެވެ؟ ތަރައްޤީއަކީ މިއީބާއެވެ؟
އެކަމުގެ ޚިޔާލަށް ގެނބިގެނބި އިންދާ ފެންމަތިވީ އެހެން ކަމެކެވެ. ކާރުތެރޭގައި ފަންކާއެއް ނެތެވެ. އެކަމަކު ފިނި އެބަވެއެވެ. ދޮރުތައް ހުރީ ލައްޕާފައެވެ. ވައިވަންނާނެ އެއްވެސް ޖާގައެއްނެތެވެ. އެކަމަކު ތެތް ފިންޏެއް އެބަވެއެވެ. އެކަހަލަ ފިންޏެއް މީގެ ކުރިން ދުވަހަކުވެސް ވެފައި ނުވާތީ ، މިވާ ފިންޏަކީ އަޖައިބެއްފަދަ ފިންޏެއް ކަމުގައި ސިއްތި ނިންމިއެވެ. ހެދި ނެހެދިއެއް، ވީނުވީއެއް ނޭނގެއެވެ. ގެއެއްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލައިފިއެވެ. ކާރުން ފޭބިއިރު ސިއްތިގެ ފައިވާނެއް ނެތެވެ. ބައްޕަ ސުވާލު ކުރުމުން ބުންޏެވެ. ބައްޕާއެވެ. ކާރުގައި ކާޕެޓު އަޅާފައި އޮތީމައި ފައިވާނާއި އެކު ކާރަށް އަރަން ނުކެރުނީއެވެ. ކާރަށް އެރީ ފައިވާން ބޭރުގައި ބަހައްޓާފައެވެ. "އެކަމަކު ދަރިފުޅާ!!" ބައްޕަ ޙައިރާންވެފައި ބުންޏެވެ.
ގޭ ތެރެއަށް ވަދެގެން ގޮސް ސިއްތިޔަށް ދެއްކި ކޮޓަރީގެ އެނދުމަތީގައި ސިއްތި އިށީނދެލައިގެން އިނެވެ. ނެގި މަޑުވެފައެވެ. މާހައުލަށް އާވެފައެވެ. އާގަމަ ވެފައެވެ. އިށީނދެގެން އިން އެނދުގެ އަނެއްކޮޅުގައި ކުރު ސޯޓުބުރިއެއް ލައިގެން ފުރާވަރުގެ ކުއްޖަކު ނިދާފައި އޮތީމައި އެކަމާ ލަދުންވެސް ތޯއްޗެކެވެ. ބާލީސް ދަށަށް ބޯކޮށްޕާ ލައިގެން ނިދާފައި އެއޮތީ ކާކުކަމެއްވެސް ސިއްތިއަކަށް ނޭނގެއެވެ. އިރު ކޮޅަކުން ސިއްތިގެ "މެޑަމް" އައިސް ކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. އެނދުމަތީ ނިދާފައި އޮތް ކުއްޖާއަށް އިޝާރާތްކޮށް ނިތް އެއްލަމުން، މެޑަމް ސިއްތިއަށް ބުނެލިއެވެ. ޒާހިރާ އެކޭ ސިއްތިއެކޭ މިގޭގައި ވާނީ ހަމަހަމައެވެ. ޒާހިރާއަށް މިހާރު އެއޮތީ ނިދިފައެވެ. ސިއްތިއަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ. ރޭކާލީ އަދި ކިރިއާއެވެ. އަންހެން ކުއްޖަކު ސޯޓުލައިގެން އޮވެދާނެއޭ ސިއްތި ހިތަށްވެސް ނާރައެވެ. އެކަމަކު ރަށުގައި ދޮންބެމެން ކުޅެން ދާއިރުވެސް އެހާ ކުރު ސޯޓުބުރިއެއް ނުލައެވެ. މީނާ ލަދެއްވެސް ނުގަނޭބާއެވެ. އެބުނާ ތަހުޒީބަކީ މިއީ ބާއެވެ؟ ތަރައްޤީއަކީ މިއީބާއެވެ؟ 
ސިއްތި މި ޚިޔާލުތަކާއެކު އުދުހެނީއެވެ. ހަމަބިމަށް ފޭބީ   "ދަރިފުޅާ ދެން ބައްޕަ ދަނީއޭ " ބުނިއަޑަށެވެ. ދުވަސްތައް މަސްތަކާއި، މަސްތައް އަހަރުތަކާ އެކުވެ މާޒީވަމުން ދެއެވެ. ސިއްތިގެ އުޅުމަށްވެސް ބަދަލު އަންނަން ފަށައިފިއެވެ. ހުޅަނގުގެ ބެރަށް ނަށަންވެސް ފަށައިފިއެވެ.  ލާހެދުން ކުރުވެ ބަނޑުން ކައިވަތެއްހާ ހިސާބު ކަޝްފުވާންވެސް ފަށައިފިއެވެ. އަރާ ފައިވާނުގެ ފުންނާބު އުސްވާން ފަށައިފިއެވެ. "ޓޮޕް"  ކޮޅާއި "ބޮޓޮމް" ކޮޅު ބާރުވާން ފަށައިފިއެވެ. ގައިގައި ދަވާދުލުމެކޭ ތަފާތެއްނެތެވެ. ޅިނދު ކަށިގަނޑާއި ހަމައަށް ފައިބާފައި އޮތް އިސްތަށިގަނޑުވެސް ކޮނޑާއި ހަމައަށް ކުރުވެއްޖެއެވެ. އެއްޗަކުން ބަނދެ ހައްޔަރުކޮށްގެން ގެންގުޅުނު އިސްތަށިގަނޑު ހޭވެން ދޫކޮށްލައިފިއެވެ. ތުންފަތުގައި ކަޑިލާން ފަށައިފިއެވެ. ބުމަ ކުރަހާ އާރޓިސްޓަކަށް ވެއްޖެއެވެ. އެސްފިޔަ ފަރުމާ ކުރުމަށް ރަނގަޅަށްވެސް ލޯބިޖެހިއްޖެއެވެ. މިއަދު ސިއްތިއަކީ ޒުވާންފުރައިގެ ފިރިހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ޖިންސުއްލަޠީފެކެވެ. ކިޔަވަންވެސް މޮޅު ކުއްޖެކެވެ.                                                              
            މާލެ އައިސް ހަތްވަނަ ކިލާހަށްވަން ސިއްތި ރަށަށް ނުދާތާ މިހާރު ދެ އަހަރު ވެއްޖެއެވެ. ދޮންމޮހޮނާއި ދަލޭކަގެ، ދެލޯ ނޭދި އެދޭ ސިއްތި ދެކިލާ ހިތުން، އެދެމަފިރިން ތިބީ ކެތްމަދުވެފައެވެ. މި ދެމަފިރިންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހޭކަށް މާގިނަ ދުވަސްތަކެއް ނެތެވެ. ހަނދުބަލާމަހު ތިންވަނަ ދުވަސް އެއީ ސިއްތިގެ އިމުތިޙާނުތައް ނިމި ރަށައް އަންނަ ދުވަހެވެ. މިފަހަރު ސިއްތި ގޮވައިގެން ރަށަށް ދަނީ ބޮޑުދޮންބެއެވެ.                                                               
            ހަ ގަޑިއިރުގެ ނިޔާމަ ދަތުރަކަށްފަހު ބ.ތުޅާދޫ ފަސްގަނޑުގައި ފައިޖެހުނުއިރު އޭނާގެ ލޯބިވާމަންމަ ބައްތިރީސްދަތް އަތަށްލައިގެން އެހުރީ އެކޯފުރެޝް އިޝްތިހާރެއް ކުޅޭކަށް ނޫނެވެ. ސިއްތިއަށް އާއްލެޔޯ ކިޔާށެވެ. ސިއްތި އަންނާތީ އުފަލުންނެވެ. ދަލޭކަ ސިއްތިގެ ގައިގައި ބައްދާލިއެވެ. ލޯބިންނެވެ. ކަޅު މަދަންގަނޑެއްކަހަލަ ސިއްތި ދޮން ބަށްޓަކަށްވެފައި ހުރީތީ އެކަމާ އުފަލުންނެވެ. ލޯބިކަމުންނެވެ. ދަލޭކަ ޙައިރާންވީ ސިއްތިގެ މުޅި ހަށިގަނޑަށް ނަޒަރު ހިންގައިލެވުނީމައެވެ. ސިއްތިގެ ފޫޅު ފެންނާތީ، ދަލޭކަ އިރުއިރުކޮޅުން ސިއްތިގެ ޓީޝާޓު ތިރިއަށް ދަމާލައެވެ. އެވަރުންވެސް ސިއްތިއަކަށް ކަހިރުވަކެކޭވެސް ހީނުވެއެވެ. ކަމަކީ ކުޑަ ކޮއްކޮއާއި ސަކަރާތްޖެހުމެވެ.
        އިސާހިތަކު ގެއަށް ދެވިއްޖެއެވެ. ކޮއްކޮ ދިއަގޮތަށް ދިއައީ ގޭތެރެއަށެވެ. ބޮޑުވާހަކަ ދައްކަން ކަންނޭނގެއެވެ. ޖޯލިފަތީގައި ދެމައިން އިށީދެއްޖެއެވެ. ސިއްތިގެ މަންމަ ދައްކަންފެށީ ސިއްތިއަށް އައިސްފައި ހުރި ބަދަލުގެ ވާހަކައެވެ. ސިއްތިގެ ތުންފަތުގައި ހުރިއެއްޗެހިތައް ފިލުވާލަމުން ދަލޭކަ ބުނެލިއެވެ." ދަރިފުޅާ! ކޮންއެއްޗެއް ބޮއިފާތަ ތިހުރީ؟ ކޮންއެއްޗެއްތަ މުޅި ތުންފަތުގަ އުނގުޅިފަ ތިހުރީ؟" " މަންމާ..!! އެއީ އުނގުޅިފައި ހުރި އެއްޗެއްނޫނޭ! އެއީ ލިޕްސްޓިކޭ! އެއީ ރީތިކުރަން އުނގުޅާފަ ހުރި އެއްޗެކޭ!" މަންމަގެ އަތުގައި ހިފާ ތިރިކޮށްލަމުން ސިއްތި ބުންޏެވެ. ސިއްތިގެ ނަޒަރުގައި އެރަށުގެ އެހެން ކުދިންނަށް ތަހުޒީބު ނޭނގެނީއެވެ. ތަރައްޤީގެ ކުލަވަރު ނުފެންނަނީއެވެ. ފެޝަނަކީ އޮންނަ ކަމެއްކަންވެސް ނޭނގެނީއެވެ. މަންމަގެ ކުރިމަތީގައި ފާޅުކުރި ޝުޢޫރުތަކަކީ މިއީއެވެ. "މަށަކަށް ނޭނގެ މުޅި އަނގަމަތީގަ ތިޔަބުނާ ލިސްޕުޓިކެއް، ޗިސްޕުޓިކެއް އުނގުޅާފަ ހުރިކަމެއް ، އެކަމަކު ތިގޮތަށް ބަނޑު ދައްކައިގެން ބާރު އެއްޗެހި ލައިގެން ޣަފޫރުގޭ ލީޒާވެސް އުޅޭ. ވަރަށް ފޫހިވޭ!  މަންމަ ބޭނުމެއްނޫން ދަރިފުޅު އެގޮތަށް އުޅޭކަށް. އަދި އެ ފިހާރައަށްވެސް މުޅިން މިހާރު ގެންނާނީ އެކަހަލަ އެއްޗެހި" ސިއްތިގެ މަންމަ ވަރަށް ހިތްހަމަ ނުޖެހި ހުރެ ރަނބަފަތި ދަމާލިއެވެ. ސިއްތިގެ މޫނުގެ ކުލަވަރަށް ބަދަލު އައީ ބަލަބަލާ ހުއްޓައެވެ. ބައްޕަ ރަށުގައި ހުރިނަމަ އަދި ކިޔާލާނެ އެއްޗެއްވެސް ނޭނގެއެވެ.                                                 
           ސިއްތި ގޭތެރެއަށް ގޮސް އޮބާލީ ފެންވަރާށޭ ކިޔާފައެވެ. ވާހަކަ އޮއްބާލަންވެސް ކަންނޭނގެއެވެ. މަންމަގެ ބޮލިރަވައިގެ އަޑު ނާހަންވެސް ތޯއްޗެކެވެ. ރަށަށް އަންނަ ހިތުން ހޭބަލިވެފައި ހުރިވަރުން ސިއްތި ލާން ގެންގުޅޭ ޓޮޕްކޮޅުތައް ނުގެނެވޭކަން އެނގުނީ ފޮށި ހުޅުވާ ބަލައިލީމައެވެ. ފަތްޖަހާފައި އެނދުމަތީގައި ބެހެއްޓިގޮތަށް ޓޮޕްކޮޅުތައް ހުރީކަން އެނގުނީ ގުޅާފައި ޒާހިރާކައިރީ އެހީމައެވެ. ވީދެރައެއް ބުނެދޭންވެސް ނޭނގެއެވެ. ސިއްތި ފެންވަރަންވަނީ، ނުކުންނަންވާއިރަށް ޣަފޫރުބެގެއިން ޓޮޕްކޮޅެއް ގެނެސްދޭށޭ ކިޔައިފައެވެ. ކަތްދަ ޙައިރާންވިއެވެ. ކޮން ޓޮޕެއް ހެއްޔެވެ. ކޮންތާކަށް ޖަހާ ޓޮޕެއް ހެއްޔެވެ. އަނެއްކާ ހެދުން އިސްތިރިކުރަންބާވައެވެ. އަދި އެންމެ ޓޮޕެއްވެސް ނޫނެވެ. ޓޮޕްކޮޅެއް ގެންނާށޭ ބުނީމަ، އޭގެ މާނައަކީ އެކައްޗަށްވުރެ ގިނައިން ގެންނާށެކޭނޫންތަ؟ އަނެއްކާ އިސްތިރީގެ ވާގަނޑުގައި ޓޮޕްވެސް އޮންނާނެއެވެ. އަދި މާ މޮޅުވެލާފައި ގަންނާނެ ތަންވެސް ބުނެލައިފިއެވެ. ޣަފޫރު ފިހާރަ އެއީ ހުސް ހެދުން ވިއްކާ ތަނެކެވެ. އެތާ ޓޮޕް ހުންނާނެ ހެއްޔެވެ؟ ކޮންމެއަކަސް މިފަދަ އެތައް ޚިޔާލަކާ، ސުވާލާއި ޝައްކު ތަކެއްގައި ހުރެފައި ދަލޭކަ ގޮސް ހައެއްކަޓޮޕް ގަނެގެންގެނެސް ސިއްތިގެ ކޮޓަރި އެނދުމަތީގައި ބަހައްޓައިފިއެވެ. ދަރިފުޅަށް ގޮވާލާފައި އެނދުމަތީގައި ޓޮޕްތައް ބަހައްޓާފައި ހުރި ވާހަކަ ބުނެ، ދަލޭކަ ގޮސްވަނީ ބަދިގެއަށެވެ.
            ސިއްތިފެންވަރައި، ފްރެޝްވެލައިގެން ނުކުމެ، ޓޮޕްކޮޅު ހޯދަން އުޅެއުޅެ ޓޮޕްކޮޅެއް ނުފެނުނެވެ. މަންމަ ބެހެއްޓި ކޮތަޅުވެސް ބެލިއެވެ. އެކަމަކު އެއީ މަންމަ ގެނައި އެއްޗެއްކަމަކަށް ސިއްތި އެއްގޮތަކަށްވެސް ހިއެއްނުކުރެއެވެ. ސިއްތި ހަމަ ހޭވައްޓާލާފައި ހޯދަނީ ޓޮޕްކޮޅެވެ. ފެންވަރައިގެން ނުކުތް މީހާ ހުރީ އަނެއްކާ ފެންވަރާވަރު ވެފައެވެ. ހޫނުވެގެން ތަތްތެޅިފައެވެ. ދާހިއްލާ ފޯވެފައެވެ. ރުޅި ގަދަވެފައެވެ. އެންމެފަހުން ޓޮޕްކޮޅު ދައްކަން އަންނާށޭ ކިޔާ މަންމައަށް ގޮވަންފަށައިފިއެވެ. އެހެންމީހުންގެ ލޮލުން އެއްޗެހި ހޯދަން ނޫޅޭށޭ ކިޔާފައި މަންމަ އައިސް ސިއްތިގެ އަތަށް ޓޮޕްކޮތަޅު ދީފިއެވެ. ރުޅިގަދަވެފައި ހުރި ސިއްތި ޕަކަޕަކަލާފައި ހޭންފަށައިފިއެވެ. ލައިގެން ހުރި ޓީޝާޓުގައި ދެއިނގިލި ކުރިން ހިފާ، ޓޮޕް ކިޔަނީ އެއަށް ކަމަށް ބުނުމުން މަންމަ ގާތަށްވެސް އައީ ރަކި ހިންޏެކެވެ. ވާނީވެސް އެހެން ތާއެވެ. ތަރައްޤީއެވެ. ތަހުޒީބެވެ. ސިއްތިމެން އެތިބީ ތަހުޒީބުވެފައެވެ. މާލެއެވަނީތަރައްޤީވެފައެވެ.              - ނިމުނީ -


No comments:

Post a Comment

embedded below post