Sunday, August 29, 2010


ރަށް މެދަށް
        އަޙުމަދު މަޢުޞޫމު، ހއ.ވަށަފަރު
           ޖާލިދޮރުގެ ތޭރިތަކުން އެއްވެސް ހުރަހެއްނެތި ކޮޓަރިތެރެއަށް އެޅިފައިވާއަލިން ކޮޓަރީގައި ދިއްލަފައިވާ ނިދާ ބޮކީގެ އަލި ވަނީ ފައްސާލާފައެވެ. ގަޑިން މެންދަން އަލިވެ ދޭއްޖަހަނީއެވެ. ޒޫނާއަށް ހޭލެވުނީ ކުއްލި ސިހުމަކާއި އެކުގައެވެ. ގައިގައި އެއްޗެއް ޖެހުނުހެން ހީވެގެންނެވެ. ލިބުނު ސިހުމާއިއެކު ޒޫނާއަށް ހަޅޭލަވައިގަނެވުނެވެ. ވަރަށް ބާރަށެވެ.  ޒޫނާގެ ވޭނީ ހިތުގެ އުދާސްތައް،  ދަމާފައިވާ ދޮރުފޮތިގަނޑުގައި ބީހިލާފައި އައި މަޑުމަޑު ވައިރޯޅިއާއިއެކު
ކޮޓަރިތެރެއަށް ވިހުރުވާލި ކަހަލައެވެ. އޭނާ އެމީހަކަށްޓަކާ  ރޭގަނޑުގެ ނިދި ގުރުބާންކުރާ ލޯބިވާ ފިރިމީހާގެ އިންތިޒާރުގައި ޒޫނާ މިރޭވެސް ކިހާއިރެއް ހޭދަކުރިހެއްޔެވެ. ނަމަވެސް އިންތިޒާރުގެ ވަގުތުތައް ގުނަގުނަ އިންދާ ޒޫނާއަށް ނިދުނީއެވެ. ޒޫނާ މިހާރު އެއިނީ ހަމަރަނގަޅަށްވެސް ބިރުގެންފައެވެ. ސިއްސައިގެން ތެދުވެ އެނދުމަތީގައި އުނގަށް ބާލިސް ލައިގެން ބާލީހުގައި ބައްދައިގަނެގެން އިން، ޒޫނާގެ މޫނުމައްޗަށް ވެރިވެފައިވަނީ ނުތަނަވަސްކަމެކެވެ. ދެލޯވަނީ ބޮޑުވެފައެވެ. ހޭވިފައިވާ ބުޅިއިސްތަށިގަނޑުން ޒޫނާގެ ސިފަވަނީ ބަދަލުވެފައެވެ.                                                               
          ކައުނުގައި ފާއްދާލަފައިވާ ހަނދުގެ އެ ނަލަ ރީތި ހަނދުވަރުގެ އަލި ކޮޓަރިއަށް ވެރިވެފައިވުމަކުން ޒޫނާގެ މޫނުމައްޗަކަށް އުޖަލާކަމެއް ނާދެއެވެ. ޖެހޭ މަޑުމަޑު ވައިރޯޅިއަކުން އޭނާގެ ހިތަކަށް އެއްވެސް ކަހަލަ ފިނިކަމެއް ނުލިބެއެވެ. ޒޫނާ އިނީ ކަމަކާ ބިރުގެންފައެވެ. މޫނުމަތިން ހިލިފައިވާ ތެޔޮ އޮފްދާރުކަމަކީ އޭނާ ކަމަކާމެދު ފިކުރުކުރާކަމުގެ ނިޝާނެކެވެ. ޒޫނާގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ނިދަމުން އައި އަރާމު ނިދި މިހާރު އޭނާއާއި އަބަދުގެ އަބަދަށް އަލްވަދާއު ކިޔާފައިވާކަހަލައެވެ. އަދި ކައިވެންޏަށް ވީ ދެމަހެވެ.  މިހާރު ދުރު މާޒީމަތިން ހަނދާންކުރުން ނޫން ގޮތެއް ޒޫނާއަކަށް ނެތެވެ. ހިތަށް ހަމަޖެހުމެއް ލިބެނީ އޭރުންނެވެ. މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭ ހަމައެކަނި ގޮތަކީ އެއީއެވެ. ހިޔާލީ ދުނިޔެއަށް ޒޫނާ ހަމަ ރަނގަޅަށްވެސް ގެނބިއްޖެއެވެ.                                                    
           " ދަރިފުޅާ! މިއޮއް އައީ ޒިހުނާން. ވަރަށް އަވަހަށް ނުކުމެބަލަ. ކޮޓަރީގައި ކީއްތަ ތިކުރަނި؟" ޒޫނާގެ މަންމަ އިރުއިރުކޮޅާ ބުނެލައެވެ. ޒޫނާގެ ލޯބިވާ މަންމަ، ޒައިނަބު އެވަރުން އެއުޅެނީ ޒޫނާ އޭނާގެ ލޯބިވެރިޔާއަށް މެހެމާންދާރީ އަދާކުރަން ނުނިކުމެގެންނެވެ. ޒިހުނާނާއެކު އެހެން ފިރިހެނަކުވެސް މިފަހަރު އައިސް އިނެވެ. ޒޫނާއަށްވެސް މުޅިން އައު މޫނެކެވެ. އާދައިގެމަތިން ޒޫނާގޮސް އިށީނީ  ޒިހުނާންގެ އުނގުގައެވެ. ނޫނެކެވެ. އުނގަށްވުރެ ކުޑަތަންކޮޅެއް އެއްފަރާތުގައެވެ. " ޒޫ! މިއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. ނަމަކީ ރީހާން!" ޒިހުނާން އޭނާ "ހިތުން" އޭނާގެ ހަޔާތުގެ ބައިވެރިޔާ ގަޔާލައި ބޮނޑިކޮށްލަމުން، ރީހާނަށް އިޝާރާތްކޮށް ޒޫނާއަށް ޒިހުނާންގެ އެންމެ ގާތް އެކުވެރިޔާ ތަޢާރަފް ކޮށްދިނެވެ.                                            
           ދުވަސްތައް މާޒީގެ ސަފްހާތަކާއެކުވެ މާޒީވަމުން ދެއެވެ. ކުރީގައި ކަޅުހުނބުޅެއްހެން ޒޫނާގެ ގެއަށް އައިސް އުޅުނު ރީހާނު މިހާރު އެގޮތެއް ނޫނެވެ. ޒޫނާގެ ގާތުގައި އަނގަ މަޖާކުރުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. ޒޫނާގެ ދެލޯ ނޭދިއެދޭ އޭނާގެ މަންމަވެސް ރީހާނުގެ ފޮނި ވާހަކަތައް އަޑުއެހުމުގައި ވަގުތުތައް ހިއްސާ ކުރެއެވެ. ޒޫނާއާއި ރީހާން ސިޓިންގ ރޫމުގައި އެކަނި ހީސަމާސާކުރުން އާންމުވެއްޖެއެވެ. ޒިހުނާންގެ ރައްޓެހިންނާއި ދޭތެރޭ ރަނގަޅަށް ހިތުމަކީ ޒޫނާއަށް ލިބޭ އުފަލެކެވެ. މިގޮތުން ތަފާތު ޚިޔާލުތައް ރީހާނާއި ހިއްސާ ކުރަންފަށައިފިއެވެ. ޒިހުނާނަށް ބަރާބަރަށް ޒޫނާގެ ޚަބަރުދަބަރު ފޯރުކޮށްދެމުން ރީހާނު ގެންދެއެވެ. އޭނާއަށް ބަލަން ހަވާލުކޮށްފައިވާ ދަރިއެއްފަދައިންނެވެ.                                                        
           ދުވަހުގެ އިރު ފެނުން ތޮޅިލީ ރީހާނު އޭނާގެ ވާޖިބައިގެން މަސްޢޫލުވެ އިންދައެވެ. އާދައިގެމަތިން ޒިޔާރަތްކުރާ ގެއަށް ގޮސް އިންދައެވެ. ދުވަހަކީ ހުކުރުދުވަހެވެ. ހެނދުނުގެ ނާސްތާވެސް ނިންމާލީ ޒޫނާއާއި އެއް މޭޒެއްގެ ދޮށުގައެވެ. ރީހާން އިނީ ވަރަށް އުފަލުންނެވެ. ޒޫނާއަތުން ކިރުތައްޓެއް ބޯލަން ލިބޭތީއެވެ. ބައެއްފަހަރު ރީހާނުގެ އަމަލުތައް ހުންނަގޮތުން އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާމަތިންވެސް ހަނދާން ނުހުންނަ ކަހަލައެވެ. އޭރުވެސް ޒޫނާގެ މަންމަ ބަދިގޭގައި ހެލިފެލިވެއުޅެއެވެ. ނާސްތާކޮށްލުމަށްފަހު ޒޫނާ އަވަސްވެގަތީ ގޭތެރެ ފޮޅާ ސާފުކުރުމަށެވެ. ގޮސްވަނީ ކޮޓަރިއަށެވެ. ރީހާނު ސިޓިންރޫމުގެ ސޯފާގައި ޖައްސާލިއެވެ. ކުއްލިޔަކަށް އިވުނީ ކޮޓަރިތެރެއިން ޒޫނާ ހޭރިގަތް އަޑެވެ. ރީހާނުގެ ހިތަކަށް ކެތެއް ނުވިއެވެ. ފަރާތް ފަރާތް ބަލައިލުމަށްފަހު ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. ވަރަށް ބާރަށެވެ. ދޮރު ހުޅުވާލިއިރު ޒޫނާ އޮތީ ކޮޓަރިތެރެއަށް ވެއްޓިފައެވެ. ހަރުގަނޑު އޮތީ އެނދުމަތީގައެވެ. ހީވާހީވުމުން ޒޫނާ އެވަނީ ފަންކާ ފުހެން އުޅުމުގެތެރޭގައި ވެއްޓިފައެވެ. ކަޅިވަނީ ހުއްޓިފައެވެ.                                  
           ރީހާނު ވަށައިގެން އެނބުރި ބަލައިލުމަށްފަހު ހީލަތުން ފުރިގެންވާ ހިތަކައިގެން ހުރެ ދޮރު ލައްޕަ ތަޅުލިއެވެ. އެއަށްފަހު މަޑުމަޑުން ގޮސް ޒޫނާ ނަގާ އެނދުމަތީގައި ބޭއްވިއެވެ. އޭރުވެސް ޒޫނާގެ ހޭވެރިކަމެއް ނެތެވެ. ރީހާނު އެގޮތް މިގޮތައް ޒުނާ ތަޅުވަން ފެށިއެވެ. އަދި ވައިއަޑުން ޒޫނާއަށް ގޮވާލައެވެ. ވަރަށް ސިއްރުން އޫޅޭކަހަލައެވެ. ޒޫނާގެ ބޯދަށަށް ރީހާނު އަތް ލައްވާލުމަށްފަހު ޒޫނާ ގަޔާ ގާތްކޮށްލިއެވެ. އެކެއްގެ ހޫނު އަނެކަކަށް އިހުސާސް ކުރުވިއެވެ. އިސާހިތަކު ޒޫނާގެ ހޭވެރިކަންވެއްޖެއެވެ. ރުއިމާއި ހަޅޭކުގެ އަޑުން ގޭތެރެ ގުގުމާލަންވީ މިވަގުތަކު ނޫންހެއްޔެވެ؟ އެހެނަސް ކަންވީ އެހެނެއް ނޫނެވެ. ވިދިގެން އަންނަ މަހަކީ ކައިވެނި ވެވޭ މަސްކަން ޒޫނާ  ހަނަދާންނެތުނީ ތޯއްޗެކެވެ؟ ވާނީވެސް އެހެންނެވެ. ލޯބިވެރިޔާ ގިނަދުވަސް ހޭދަ ކުރަނީ ރިސޯޓުގައެވެ. ބައްދަލު ވަނީވެސް މަހަކު އެއްފަހަރުއެވެ. ގިނަވެގެންވެސް ދެފަހަރުއެވެ.   
           ހަމަ ނިދި ނުލިބި، ނިދުމުގެ ތެރެއިން ސިހިސިހި ހޭލެވޭ ކޮންމެ ފަހަރަކު ފިކުރުބޮޑުވަނީ، އެޅުނު " ޅައެއްޗާއި" މެދު ވިސްނޭތީއެވެ. ޒިހުނާނަށް ބޭވަފާތެރި ވެވުނީމައެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ވަގުތު ފާއިތުވީއެވެ. ވެވުނު ކައިވެނިވީ މަޢުޞޫމު ޒުވާނެއްގެ ދިރިއުޅުމަށް ލެވުނު ވިހައަކަށެވެ. ޚުދު ޒޫނާއަށްވެސް ޖަވާބު ދާރީވާން އުނދަގޫ އެތައް ސުވާލެއް އޭނާގެ ހިތް ނުތަނަވަސް ކުރަމުންދެއެވެ. ޒިހުނާނާއި ކައިވެނި ކުރުން އެއީ އޭނާގެ ދިރިއުޅުން ގަސްތުގައި ހަލާކޮށްލުމެއް ނޫންހެއްޔެވެ؟ އޭނާއަށް ބޭވަފާތެރި ވުމެއް ނޫންހެއްޔެވެ؟ އޭނާގެ ހިތަށް ގަސްތުގައި ދިން ޒަހަމެއް ނޫންހެއްޔެވެ؟ އެ މުޑުދާރު އަމަލުގެ ވާހަކަ ޒިހުނާނަށް ކިޔައިދޭނީ ކޮން ހިތަކުން ހެއްޔެވެ؟ އާއެކެވެ. މިހުރިހާކަމަކާ ވިސްނުން ނޫން އެހެން ކަމެއް ޒޫނާއަކަށް މިހާރަކު ނެތެވެ.  ޒޫނާގެ ހިތުގައި ކުރަމުންދާ ހަގުރާމައިގެ ކުޑަވެސް އަސަރެއް ޒިހުނާނަކަށް ނުކުރެއެވެ. ދެމީހުންގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ޒޫނާ އަބަދުވެސް ޒިހުނާނު ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންނަމަވެސް އޭނާ ޒަމާންތަކެއް ވަންދެން ދެކެމުންއައި އުފާވެރި ޒަވާޖީ ހަޔާތެއްގެ ފޮނި ހުވަފެން، ކަޅުފޮއި ރެއެއްގެ އަދިރިކަމަށްވުރެވެސް ބަނަވީއެވެ. އެ ކަނުއަނދިރީގެތެރެއިން އުޖާލާ ފަތިހެއްދުށުމީ ދެން ނުވާނެ ކަމެއްކަމަށް ޒޫނާ ވަނީ ނިންމާފައެވެ. ޒޫނާގެ "ކަނުލޯބި" ޒިހުނާނާ ހިއްސާކުރަމުން ދިއައީ ދޮންކަޅުމިންމެސް އަންގާނުލައެވެ.
         ވަރަށް ލޯބިން ދެމީހުން މަހެއް ހާދުވަހު އެކުގައި އުޅުމަށްފަހު، ޒިހުނާނު ޗުއްޓީހަމަވުމުން ވަޒީފާއަށް ނުކުތެވެ. މިހާރު ގޭގައި އުޅެނީ ޒޫނާއާއި އޭނާ ދެކެ އިންތިހާއަށް ލޯބިވާ އޭނާގެ މަންމަ އެކަންޏެވެ. އޭނާގެ ހުރިހާވެސް މީހަކީ އެއީއެވެ. މަޔަކަށް ދަރިއަކަށް އެއްވެސްކަމެއް ސިއްރު ކުރެވޭނެހެއްޔެވެ. މި ފަހަކަށް އައިސް ޒޫނާ މޫނުމަތިން އާދަޔާ ހިލާފު ނުތަނަވަސް ކަމެއް، އޭނާގެ މަންމައަށް ފާހަގަ ކުރެވެން ފަށައިފިއެވެ. އޭނާގެ ތާޒާ މޫނު އަބަދުވެސް ފެންނަނީ މިލާ މޯޅިވެފައި ވާތަނެވެ. ކައިވެންޏަށްފަހު މޫނުމައްޗަށް ވެރިވާންވީ އުފާވެރިކަން ވަނީ ގެއްލިފައެވެ. ހިނިތުންވުމުގެ ބަދަލުގައި ހިތުގައި އުފެދެނީ އިތުރު އުދާސްކަމެކެވެ. މަންމައަށް ޒޫނާގެ ހިތުގައި ކުރެވޭ ހަނގުރާމައަކީ ކޮބައިކަން ނޭނގުނަސް އޭނާ ބަލިވެއިންކަން އެނގިއްޖެއެވެ. ފެންނަ ކަންކަމުންނެވެ. މަންމައަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައެވެ.                                                                              
          އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ދެމައިން ތިބީ ސައިބޯށެވެ.  " މަންމައަށް އެނގޭ ދަރިފުޅު ބަނޑު ބޮޑުކަން! އެކަމާ މާބޮޑަށް ވިސްނަނީ ދޯ؟ ނުވިސްނާ، އެކަމާ އުފާކުރޭ!" ޒައިނަބަށް މާމަ ދަރިއަކު ލިބޭތީ ވަރަށް އުފަލުން އިނދެ ޒޫނާގެ ގައިގައި ފިރުމަމުން ވާހަކަދެއްކިއެވެ. "ތިޚަބަރު މިހާރު ޒިހުނާނަށް ދީފިންތަ؟" މަންމަ ހުރީ ވަރަށް އުފަލުންނެވެ. އޯކަށް ދެމޭތީ އަނގައިގައި އަތްއަޅައިފައި ޒޫނާ ދުއްވައިގަތީ ފާހާނާއަށެވެ. ހަމަ އެވަގުތު ކާމޭޒުމަތީގައި އޮތް، ޒޫނާގެ، ފޯނު ރިންގުވާންފެށިއެވެ. ފޯނުނެގީ މަންމައެވެ. އަޑުޖެހުމާއެކު ފުރަތަމަވެސް ބުނެލިއެވެ. ދަރިފުޅު ބައްޕައަކަށްވީ ދޯއެވެ؟ ޒިހުނާނަކަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދެއެވެ. މަންމަގެ އުފާވެރި ޝުޢޫރުތައް ބަންޑުންކޮށްލުމަށްފަހު ޒޫނާއަށް ފޯނު ދިއްކޮށްލިއެވެ.                                  
         ފޯނު ހިފައިގެން ޒޫނާ ދިޔައީ ކޮޓަރިއަށެވެ. ޒޫނާއަކަށް ވާހަކައެއް ނުދެއްކުނެވެ. ޒިހުނާނު އެތަކެއް ސުވާލުތަކެތް  ޒޫނާއަށް ކުރިއެވެ. " އަހަންނަށް... މަޢާފު.... ކުރޭ...މައަފުކުރޭ ޒިހުނާން! "  ޒޫނާއަކަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. ޒިހުނާން ހުރީ ވަރަށް ރުޅިގަދަވެފައެވެ.  ޒިހުނާނު އޭނާގެ ދަރިއަކަށް، ޒޫނާ ބަލިވެ އިންނަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނަނެކަމަށް އަޑަށް ބާރުލާފައި ބުނަމުން ދެއެވެ. މިފަދަ އެތައް ވާހަކަތަކެއް ބަދަލުކުރުމަށްފަހު، ދޮގުހެދުމާއި، މަކަރާއި ހީލަތް ހެދިކަމަށާއި ބޭވަފާތެރިވިކަމުގެ ތުހުމަތު ޒޫނާގެ ބޮލުގައި އަޅުވާ މުޅިއުމުރަށް ޒޫނާއާއި ޒިހުނާނު އަލްވަދާއު ކިއެވެ. ކަން ނުވެ ނަންންވާން ބޭނުން ނުވާތީއެވެ. ބަފައެއްގެ ކުލުނު ދަރިއަކަށް ނޫނީ ދޭން ބޭނުންނުވާތީއެވެ. ހަރާންކޯރުވި ރައްޓެއްސެއްގެ ދަރިއަކާ ވައިވެސް ނޭޅޭންވެގެންނެވެ. ޒޫނާ އެކަނި ވީއެވެ. ރަށް މެދަށް ވިހެއީއެވެ.   - ނިމުނީ -                                             

1 comment:

  1. vaahaka salhi, ekam haadha kurey, feshun ehaa reeche noon

    ReplyDelete

embedded below post