Saturday, September 4, 2010


ދިވެހީން ގެދޮރު ބިނާކުރަމުން އައިގޮތް
އަޙުމަދު މަޢުޞޫމް
ފެންފިޔާޒުގެ، ހއ. ވަށަފަރު
             ދިވެހިންނަކީ އަބަދުވެސް ވަރަށް މަސައްކަތްތެރި ބައެކެވެ. ދިވެހިރާއްޖެ އެއްވެސް ތަރައްގީއެއް ދެކެފައި ނުވާ ދުވަސްވަރުގައިވެސް ހުނަރުވެރި މަސައްކަތްތަކެއް ދިވެހިންވަނީ ކޮށްފައެވެ. ދިވެހީންގެ ހުނަރުވެރިކަމާއި، ޒަމާންވީ މަސައްކަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން މިއަދާ ހަމައަށްވެސް  ދިވެހީން ތިބީ މިފަދަ މަސައްކަތްތަކުގައި ސާބިތުވެއެވެ.
ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހި މަސައްކަތްތެރިކަމާ، މަސައްކަތުގެ ވައްޓަފާޅިއަށް ވަނީ ވަރަށްބޮޑު ބަދަލުތަކެއް އައިސްފައެވެ. މިގޮތުން، ލިޔެލާޖެހުމާ، ގެދޮރު އިމާރާތްކުރުމާއި، ވަޑާންކުރުމަށް މިއަދު ވަނީ ޒަމާނީ ތަރައްގީ އައިސްފައެވެ. ނަތީޖާއެއްގެ ގޮތުން އެވޭލާ ޒަމާނުގައި މިކަންކަން ކުރަމުން އައިގޮތް މިއަދުގެ ދަރީންނަށް އެބަހީ އަންނާންއޮތް ޖީލުތަކަށް ފޯރަފާނެ ކަމުގެ ހީ ވަނީ ކުރެވިފައެވެ. އެހެންކަމުން، ޒަމާނުއްސުރެ ދިވެހީންގެތެރޭގައި ގެދޮރު ބިނާކުރުމުގެ މަސައްކަތް ކުރެވެމުންއައި ގޮތުގެ މައްޗަށް ފަނޑުގޮތެއްގައިނަމަވެސް އަލިއަޅުވާލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.  
             ދިވެހިންގެތެރޭގައި އެންމެ ފުރަތަމަ ގެދޮރު އިމާރާތްކުރެވުނީ ދަނޑިފަނުންނެވެ. އެއަށްފަހު މި މަސައްކަތް ކުރަމުން އައީ އުވައާއި ގަލުންނެވެ. އުވައާއި ގައު ބޭނުންކުރިކަމަށް ބުނެވެނީ މީލާދީ ސަނަތުން 18 ވަނަ ގަރުނުގެ ފަހުކޮޅާ ހަމައަށެވެ. އެއަށް ފަހު މަޑުމަޑުން އުވައާއި ވެލިގައު ބޭނުންކުރުން މަދުވަމުންދިއައެވެ. މި ތަކެތި ބޭނުންކޮށްގެން، ތަފާތު ގޮތްގޮތަށް އިމާރާތް ކުރުމުގެ މަސައްކަތްކުރިއެވެ. މިގޮތުން ފުރަތަމަ ރާނާ އުޅުނުކަމަށް ބުނެވެނީ، ދެ ގާބަރި ޖަހާ ދެފަރާތުގައި އުވަޖަހައިގެންނެވެ. ކޮންކްރީޓް ތަނބާއި ބެރިއެޅުންފަދަ ކަންކަމުގައި، މިހާރު މި ބޭނުންކުރާ ފަދައިން ތައްގަނޑު ބޭނުންކޮށްގެންވެސް އޭރު ފާރު ރާނާ ހެދިއެވެ. ނަމަވެސް އޭރު ބޭނުންކުރީ ސިމެންތިއެއް ނޫނެވެ. ތައްގަނޑެއްގެ ގޮތަށް ދެފަރާތުން ފިލާ ލަފާ ކޮންކްރީޓްގެ ގޮތުގައި އަޅަނީ އޮއްގަލާ އަކިރިއާއެކު ގަށާފައިހުންނަ އުވައެވެ. ރާއްޖެއަށް ސިމެންތި ތަޢާރަފްވީ ދުނިޔެއަށް އައި ސިނާއީ އިންގިލާބަށްފަހުގައިކަމަށް ތާރީޚު އިލްމުވެރިން ދެކެލައްވައެވެ. އެއީ 19 ވަނަ ގަރުނުގެ ކުރީކޮޅެވެ.
             ރާއްޖެއަށް ސިމެންތިއާއި އީޓު ތަޢާރަފްވުމަށް ފަހުވެސް މިތަކެތި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ އަތްމަތި ތަނަވަސް ބޭބޭފުޅުންގެ ގެދޮރާ، ސަރުކާރުގެ އޮފީސްތައް އިމާރާތް ކުރުމަށާ، ބޮޑުންގެ ގެކޮޅުތައް އިމާރާތްކުރުމަށެވެ. އިހުގައި ގަނޑުވަރުކޮޅުތައް ހިޔާކުރުމަށް ބޭނުންކުރި ލޮއިގެ ބަދަލުގައި އީޓު ބޭނުންކުރަން ފެށުނެވެ. މިގޮތުން އިމާރާތް ކޮށްފައިވާ އެންމެ މޮޅު ފަންނާނީ އިމާރާތެއްކަމުގައި ބުނެވެނީ، މުޙައްމަދު މުޢީނުއްދީން ރަދުން (1) - 1799 ން 1882މ - ގެ ދަރުބާރުގެ/މަތިގެ އެވެ. އެއީ އެންމެ އެވޭލާއަށް ފަހެވެ. އެއަށްފަހު މަޑުމަޑުން އާއްމުންގެ އަތްފޯރާފަށަށް ސިމެންތި އައިސް ޤައުމުގެ އުމްރާނީ ތަރައްގީއަށް ނުހަނު ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ.
              އަޅުގަނޑުމެން ދިވެހީންނަށް ގެދޮރު އެޅުމުގެ ފާޑުވެރިކަން އެންމެ ބޮޑަށް ލިބުނީ އޮޅުދޫކަރައިންނާ ދެކުނު އިންޑިޔާއިންނެވެ. މިގޮތުން ދަގަނޑު ބޭނުންކޮށްގެން ކޮންކްރީޓް މަސައްކަތް ފެށިގެން އައީ 1971މ ވަނަ އަހަރު އައްޑުއަތޮޅު ގަމުގައި ބޭރުގައުމުގެ ބަޔަކު އިމާރާތްކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެތަނުން ފާޑު/ ނަމޫނާ ލިބިގެންކަމަށް ބުނެވެއެވެ. މިހާރު މި ބޭނުންކުރާހެން، ވަކިތައްގަނޑަކަށް ގާއަޅައިގެން ފާރު ރޭނުމުގެ ފިކުރަކީވެސް އޭރު އުފެދިގެން އައި ފިކުރެކެވެ. މިއާއެކު ދިވެހީ ބުރިބުރިއަށް އިމާރާތްތައް ކޮޅަށްޖަހާ ހުނަރުވެރިކަމާއެކު ގެދޮރު އާރާސްތު ކުރަންފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ އިހު ދިވެހީންގެ ހުނަރު ފެންނަންހުރި ގަލުވަޑާން އުވި ދިޔުމެވެ. ލިޔެ ލާފެންކޮށްގެން ހަދާއުޅުނު ބެރިތަކާ، ތަނބުތަކުގެ އިތުރުން، ދޮރާއި ދޮރުކަނިތަކާ، ތޭރިތައް ހެދުން ހުއްޓާލުމެވެ. ގަލުވަޑާމާއި ލިޔެލާޖެހުންފަދަ ފަންނީ މަސައްކަތްތަކުގެ ފާޑުވެރިކަން ލިބިތިބި އެފަންނުގެ މޭސްތިރިންގެ ބޭނުން ފަނޑުވަމުން ދިއުމެވެ.
               ޒަމާންވީ އާސާރީ ބިނާތައް، އެބަހީ ހާއްސަކޮށް ދިވެހީންގެ ފަންނުވެރިކަމާއި ފާޑުވެރިކަން ފެންނާންހުރި ބިނާތައް އާބާތުރަ ފިލުވުމުގެ ތެރޭގައި މަޑުމަޑުން ޒަމާނާއެއްގޮތަށް، ފަސޭހަ ގޮތްގޮތަށް ދަނީ ބަދަލުކުރަމުންނެވެ. އެހެންނަމަވެސް މާލޭ ހުކުރު މިސްކިތާ، އުތީމު ގަނޑުވަރާ، ދަރުމަވަންތަ މިސްކިތްފަދަ ބައެއް ތަންތަނަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ހުނަރުވެރި މަސައްކަތް އަދިވެސް ފެންނާންހުރި އާސާރީ ތަންތަނެވެ. ބަދަލު އައިސްފައިވަނީ ހަމައެކަނި އާސާރީ ބިނާތަކަކަށް ނޫނެވެ. އާއްމުންގެ ގޯތި ގެދޮރަށްވެސް ބަދަލު އައިސްފައިވެއެވެ.
               އިމާރާތް ކުރުމަށް އައި ބަދަލާ ގުޅިގެން ބަހަށްވެސް ވަނީ ބަދަލުއައިސްފައެވެ. އެވޭލާ ޒަމާނުގައި ގެއެއް އަޅާ ނިމޭއިރު "ބޭނުންކުރާ" ބަސްބަސް،  މިޒަމާނާއެއްގޮތަށް ގެއެއް އިމާރާތްކޮށް ނިމޭއިރު "ބޭނުންކުރާތީ" އަޑެއް ނީވޭނެއެވެ. ގެއެއް ފަރުމާކުރާއިރު ބަނޑަހަގެއާ، މައިގެއާ، އެތެރެގެއާ، ފެންޑާއާއި، ބަދިގެ އަޅަން ޚިޔާލުކުރުމުގެ ބަދަލުގައި އަޅަން ނިންމާނީ ކިޗަންރޫމަކާ، ޑައިނިންގ ރޫމަކާ، ސިޓިންގރޫމުގެ އިތުރުން ސްޓޯރޫމަކާއި ދެ ބެޑުރޫމެވެ. އިމާރާތްކުރުމުގެ މަރުހަލާގައި އުވަގަށާ އުވަދޯންޏާއި އުދެލީގެ ބަދަލުގައި ސިމެންތިގަށާ މެޝިނެއް ހުރީމާ ނިމުނީއެވެ. ގާތަޅަން ކޯރާޑިއެއް ބޭނުމެއް ނުވާނެއެވެ. ގާ ކީހަން ކީހެއް އޮތުމުން ފުދޭނެއެވެ. 
               ކޮންމެއަކަސް ގެދޮރު އިމާރާތްކުރުމުގައި  ދިވެހީން ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ހަމައެކަނި ގަލާއި ދަނޑިފަނުން ފެށި މަސައްކަތް އުވަޔާއި ގައު ބޭނުންކުރުމަށްފަހު، އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން ކުރާ ފެންވަރާއި މިންގަނޑުގައި ފައިތިލަ ސާބިތުކޮށްފިއެވެ. ނަމަވެސް ހިތާމައަކީ، ދިވެހިންގެ ޘަޤާފީ ބިނާތަކުގެ އަސްލަށް އުނިއިތުރުކުރުންތައް ގެންނާންޖެހުމުގެ އިތުރުން ރީތި ދިވެހި ބަސްތައް އަޅުގަނޑުމެންނާ ބީރައްޓެހިވާތީއެވެ.     - ނިމުނީ -

1 comment:

embedded below post