Saturday, September 11, 2010


ލޯބިވާ އަހުންނާއި އުހުތުންނޭވެ!
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު



   ހއ. ވަށަފަރު
  

              ވަށަފަރުގެ ލޮބުވެތި އަޅުގަނޑުގެ އަހުންނާއި އުހުތުންނަށް އީދުގެހެޔޮ ދުއާއާއި ތަހުނިޔާ ހިތުގެ ފުންމިނުން އަރިސްކުރަމެވެ. އީދު އުފަލުގައި އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ގުޅުމުން ރަށުތެރެ ފިނިކުރުމަށް ނަސޭހަތްތެރިވަމެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ ދެކެމުންމިދާ އިސްލާހީ ބަދަލުތަކަކީ ތާރީހުގެ ތެރެއަށް އެތައް ނަޒަރަކުން ފެވިގެންދާނެ ބަދަލުތަކެއްކަމުގައި ތިއަ އެންމެ ބޭފުޅުންވެސް ގަބޫލުފުޅުކުރައްވާނޫއެވެ.
ބައެއް ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވިނަމަވެސް މި ބަދަލަށް މަރުހަބާ ކިޔާނެ ބަޔަކު ތިބިކަން ޤަބޫލުފުޅުކުރައްވަންވާނެއެވެ. ކޮންމެއަކަސް ހިޔާލަކީ ތަފާތުއެއްޗެއްކަން ޔަގީންވެއެވެ. ރަނގަޅާ ނުރަނގަޅު އެއީ އޭގެ ޠަބީއަތުން ލައްވާފައިވާ ދެ އެއްޗެވެ. އެ ސިފަ ލެއްވެވި ފަރާތް ހުސްޠާހިރުވަންތައެވެ.
             އަޅުގަނޑު މި ނުކުތާ މި ފާހަގަކޮށްލީ އެރަށަކަށް އަޅުގަނޑު އުފަން، ހއ. ވަށަފަރަކީ ޒަމާނުއްސުރެ ވަރަށް އެކުވެރި އޯގާވަންތަވެރި ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށަކަށްވެފައި، އަޅުގަނޑުމެންގެ ކާބަފައިން ދެއްކެވި އެ ރިވެތި މަގުން ކަސިޔާރުވެ އެ ލޮބުވެތި ފަސްގަނޑު ކިލަނބުކުރާން ބަޔަކު އުޅޭކަމުގެ ހިތާމަވެރި ޚަބަރު ލިބުމުން އެބޭފުޅުންނަށް ހަނދާނަކަށެވެ.
             ރަނގަޅެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމަށް ނަޒަރުހިންގާ، ދުނިޔެއަށް ހޭލާ ޒަމާނާއެއްގޮތަށް ބަދަލުތައް ގެނެވެންވާނެއެވެ. ގެންނާންވެސް ވާނެއެވެ. އެކަމަކު ދަންނަވަންތޯއެވެ. ގެންނާންވީ، އޭގެ ޒާތުގައި ތަޅާފޮޅުމާއި ހަމަނުޖެހުމާއި ފަސާދަ އެތަނަކަށް ވެރިވާފަދަ ފިކުރުތަކެއް ނުވަތަ ބަދަލުތަކެއް ނޫނެވެ. އެހެނެއްކަމަކު އެތަނަކަށް އުޖާލާކަމާއި އާރޯކަން ފަތުރާފަދަ ހެޔޮ ބަދަލުތަކަށް މަރުހަބާ ކިޔަންވާނެއެވެ. އަޅުގަނޑުމެންނަށް ދުނިޔެ ފެނިދެނިވެ، ކަންކަމަށް ހާމަކަންބޮޑުގޮތެއްގައި ފާޑުކިއި، މިނިވަންކަމުގެ އާރުން ތާޒާ ފެންލިބޭނެ މަގުފަހިވެފައި އޮތުމީ، މިއަދު އެކަމާމެދު އަޅުގަނޑުމެން ޝުކުރުކުރާންވީ ކަމެއްނޫންތޯއެވެ؟
             އަޅުގަނޑުގެ ލޯބިވާ ބޭބެއިންނޭވެ! އަޅުގަނޑުގެ ފަޚުރުވެރި ދައްތައިންނޭވެ! މުސްތަގުބަލަށްޓަކާ ތިއަ ކުޑަކުޑަ ޖަމާޢަތުގެ ސުލްހަމަސަލަސްކަމަށް ލޯބިކުރައްވާށެވެ. ރުޅިވެރިކަން ނައްތާލާ އެއްބައިވަންތަކަން ކުރިއަށް ނެރުއްވާށެވެ. ރަށުގެ ތަރައްގީއަށް އިސްކަންދެއްވާށެވެ. މުއައްސަސާތައް ހަރުދަނާކުރެއްވުމުގައި އިސްވެރިންނަށް ވާގިވެރިވާށެވެ. އެއީވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.
             ރަށުގެ ލޮބުވެތި ޒުވާނުންނޭވެ. ނިމިގެންދިއަ ގަރުނުގައި ތިއަ ރަށުގެ ޒުވާނުންނަކީ މުޅިއަތޮޅަށްވެސް ލާމަސީލު ނަމޫނާ ދައްކަވާފައި ތިއްބެވި ބޭފުޅުންނެވެ. ކުޅިވަރާ މަޖަލުގައެވެ. މަސައްކަތާ ހިތްވަރުގައެވެ. ފަންވަރާއި ބުންވަރުހުރެގެންނެވެ. އަޅުގަނޑަށް ލިބިފައިމިވާ މައުލޫމާތު ކުއްކަމުގައި ނުވަނީނަމަ، ކުރާނެ މަސައްކަތެއްނެތި ރަށުތެރެއަށް ގިނަވެ ލާޗާރުބިޗާރަށް އުޅުނު ބަޔަކުކަމުގައި އެބައިމީހުން ނުވެއެވެ. އެހެންކަމުން އެކަން ނަމޫނާއެއްކަމުގައި ބަލަންނުވޭތޯއެވެ؟
             ކޮންމެއަކަސް މިވާހަކަތަކަކީ ތިއަ ބޭފުޅުންނަށް އެއްވެސްހާލެއްގައި އައު ވާހަކަތަކެއްކަމުގައެއް އަޅުގަނޑު ނުހިތަމެވެ. ނަމަވެސް މިއީ އަޅުގަނޑުގެ ދުލުން/ގަލަމުން ބަޔާންކުރާ އައުވާހަކައެކެވެ.
ތިބާ ނިކަންހުރެ ވިސްނާލައްވާށެވެ.
·        ތިބާގެ ބައްޕައަށް ފަހެ މީހަކު އަނިޔާކުރާތީ ދެކޭން ތިބާ ހުންނާނަންހެއްޔެވެ؟  
·        ތިބާއާ ހުތުރުބަހުން މީހަކު މުޚާޠަބުކުރާނަމަ ތިބާއަށް ފަހެ ރުޅިމަޑުކޮށްގެން ހުރެވޭނެހެއްޔެވެ؟
·        ތިބާ ހާލުގައިޖެހިފައިވީ ދުވަހު ތިބާގެ އަހާ ތިބާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ނުދީފިނަމަ ފަހެ ހިތުގައި ނުޖެހޭނެހެއްޔެވެ؟
·        ތިބާގެ އާއިލާއެއްވާފަދައިން އަނެކާގެވެސް އާއިލާއެއް ވާނޭކަމަށް ތިބާ ފަހެ ގަބޫލުފުޅުނުކުރައްވަނީހެއްޔެވެ؟
·        ތިބާއަށް ދެރަކަމެއް ދިމާވާހިނދު ހިތާމަކުރާން ބަޔަކު ތިބިކަން ފަހެ ތިބާ ނުދަންނަނީހެއްޔެވެ؟
·        ހަމަ މިކަމުގައި ތިބާގެ އަހާއާމެދުވެސް ކަންހުރީ މިހެންކަމުގައި ތިބާ ގަބޫލު ނުކުރަނީހެއްޔެވެ؟
-         ޖަވާބުގައި "ނޫނެކެވެ" މިނޫން ޖަވާބެއް އައިހެއްޔެވެ.
މިކަމުންވެސް އަޅުގަނޑުމެން ވިސްނާންވީ ވަރަށް މުހިއްމުކަމެއް އެބައޮތެވެ. ތިމާއަށް ދެރައެއް ލިބެން ބޭނުން ނުވާނެކަމެވެ. ހިޔާލު އެއްގޮތްވާންޖެހެނީ މިޒާތުގެ ކަންކަމުގައެވެ.  އެއީ ޚިޔާލު ތަފާތުވީނަމަވެސް ތިމާގެ އަމިއްލަ ޙައްޤަށާއި އަނެކާގެ ޙައްޤަށްވެސް ވިސްނަންޖެހޭނެތީއެވެ. ތިމާއަށް ތާއަބަދު އުފަލުގައި އުޅެވޭނީ އަނެކާގެ ޙައްޤާއިމެދުވެސް ވިސްނައިގެންނެވެ. ކަންމިހެހުރީތީ އެއްވެސް ބޭފުޅަކު އަނެއްބޭފުޅެއް ހިތެގައިޖެހޭފަދަ/ރުޅިއަރާފަދަ ކަމެއް ނުކުރައްވާށެވެ. ތިއައީ އެއްބަނޑުއެއްބަފާ ބައެއްކަމުގައި ހިއްތަވައިގެން، ރަށާ، ޤައުމައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.  - ޝުކުރިއްޔާ! -

1 comment:

embedded below post