Sunday, September 26, 2010

1

 
ދަރިވަރުންގެ ނަތީޖާ ދަށްވުން – ހައްލު ހޯދަންޖެހިފައިވާ ކަމެއް! (1)
އަޙުމަދު މަޢުޞޫމް
ފެންފިޔާޒުގެ، ހއ. ވަށަފަރު
                  
މިހާރަކަށް އައިސް ކެނޑިނޭޅި އިވެމުންދާ އަޑަކީ ދަރިވަރުންގެ ނަތީޖާ ދަށްވަމުންދާ ވާހަކަ ދައްކާއަޑެވެ. ހާއްސަކޮށް ދިވެހި އިސްލާމެވެ. މިވާހަކަ އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް ވިސްނާލަންޖެހޭ އެތައް ބައިވަރުކަމެއް އެބަހުއްޓެވެ. ކުދީންގެ ސައިޑުންނާއި، މުދައްރިސުންގެ ސައިޑުންނެވެ. ބެލެނިވެރިން ނުވަތަ މައިނބަފައިންގެ ފަރާތުންނާއި ކަމާބެހޭ އިސް ވެރިންގެ ފަރާތުންނެވެ. މި ހުރިހާ ފަރާތްތަކަށްވުރެވެސް ފުންކޮށް މިކަމާ ވިސްނަންޖެހޭނެ ފަރާތަކީ، މުޖުތަމައުގެ ރައްޔިތުންނެވެ. މިކަމުގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި ޓީޗަރުންނަށޭ ނޫނީ ބެލެނިވެރިންނަށާއި، ކުދިންނަށޭ ހީކުރުމަކީ އެ މުޖުތަމައެއްގެ އަންނަން އޮތްޖީލަށް ދެވޭ ވަރަށް ބޯޑު އަނިޔާއެކެވެ. އެހެންކަމުން، ބެލެނިވެރިޔަކަށް ނިސްބަތްނުވާ ޒުވާނާ ނުވަތަ ރައްޔިތުމީހާ، ނުވަތަ ތައުލީމީ މުއައްސަސާއަށް ނިސްބަތްނުވާ އަނެއް މުއައްސަސާގެ ބޭފުޅުންނާ، ނުވަތަ ދަރިވަރަކަށް ނިސްބަތްނުވާ އުނގެނުމަށް ޓާޓާކިޔާފައި ތިބި ކުދިންނާއި، މިއިން ކޮންމެ ބަޔަކީވެސް މިކަންކަމާމެދު ފިކުރުކުރަންޖެހޭނެ، މަސްއޫލުވެރިންނެވެ.
                   ފެންނަންހުރި ހެކިތަކަށް ބަލާއިރު ދަށުން އަރައިގެން އަންނަކުދިން، ހާއްސަކޮށް ޕްރައިމަރީ ގުރޭޑުތަކުގެ ދަރިވަރުން އެގުރޭޑުތަކުގައި ވަރަށް ރަނަގަޅު ނަތީޖާއެއް ހޯދައެވެ. މިކަމާ މައިންބަފައިންވެސް ތިބެނީ ވަރަށް  އުފަލުންނެވެ. ނަމަވެސް ޙަޤީޤަތަކީ މިއުމުރުގެ އެވްރެޖް ކުދިން އުނގެނެނީ ކޮންމެހެން އުނގެނުމުގެ މަޤްޞަދެއްގައި ނޫންކަމެވެ. މި އުމުރުގެ ކުދީން، މައިންބަފައިންގެ ފަރާތުން ވަކިކަމަކަށް ޑިމާންޑުކުރުމަށް، ނުވަތަ މައިންބަފައިން ހިތްހަމަނުޖެހިގެން އެއްޗެއް ބުނެފާނެތީ، ފިލާވަޅު ދަސްކުރުމަށް ފޮތްތަކާއެކު ގިނަވަގުތު ހޭދަކުރަނީކަމަށް ޤަބޫލުކުރެވެއެވެ. އެކުދިންގެ ކިބައިގައި ހަގީގަތުގައި ފޮތްކިޔުމުގެ ޝައުޤެއް ނުއުފެދެއެވެ. މިގޮތުގައި ތަރުބިއްޔަތުކުރެވޭ ކުއްޖާ، ބޮޑުވެ ފުރާވަރަށްއަރާ މިޒާޖާ ތަބީއަތު، ޖިސްމާނީބަޔާ ނަފްސާނީ އިހުސާސްތައް ވަރުގަދަވެ، ބޮޑާވެރިކަމާ، ލޯތްބާއި، ރުޅިވެރިކަންފަދަ އަސަރުތައް ދެނެގަނެއެވެ. މައިންބަފައިން ރުޅިއަރާފާނެތީ ކަންބޮޑެއް ނުވެއެވެ. ތިމާއަށް ރުޅިއަންނަން އެނގޭތީއެވެ. ތިމާއަކީ އާއިލާގެ މުހިއްމު މެންބަރެއްކަމަށް މައިންބަފައިން ދެކޭތީ، އެފުރުސަތުގެ ބޭނުން ނާޖާއީޒުގޮތެއްގައި ކުދީން ހިފައެވެ. ތިމާ ބޭނުންވާ އެއްޗެއް ދިނީމައި ނޫނީ ނުކިޔަވާން، ގަދަހަދައެވެ. ކުޑައިރު، ގަދަވަނީ މައިންބަފައިންގެކޮޅެވެ. އެއީ ނުކިޔަވައިފިނަމަ ތިމާ ބޭނުންވާއެއްޗެށް މައިންބަފައިން ނުދޭތީއެވެ. ނަމަވެސް މިއާއި ޚިލާފަށް ފުރާވަރުގެ އުމުރުގައި އެބަހީ ސެކަންޑްރީ ގުރޭޑުތަކުގައި ގަދަވާނީ ދަރިވަރުގެ ކޮޅެވެ. އެއީ މިވެނި އެވެނި އެއްޗެއް ދިނީމައި/ހޯދައިދިނީމާ ނޫނީ ނުކިޔަވާން ގަދަހަދާ މައިންބަފައިން "ބަލިކުރާތީއެވެ." ނަތީޖާއަކަށް ވަނީ، ކުޑައިރުއްސުރެ ދަރިވަރުންގެ ކިބައިގައި އުނގެނުމުގެ ޝައުޤު ހަގީގީ މާނައިގައި އަށަނުގަތުމެވެ.
                  މިއީ ސާނަވީ ގުރޭޑުތަކުގެ ދަރިވަރުން، ނަތީޖާ ދަށްވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުކަމަށް އަޅުގަނޑު ޤަބޫލުކުރާ، ކިޔެވުމަށް ޝައުގުވެރިކަން އުފެދިފައި ނުހުރުމަށް ހުޅުވޭ މައިދޮރެވެ. މި ދޮރު ބަންދުކޮށް ދަރިވަރުންނަށް ސަލާމަތާއި ރައްކާތެރިކަން ލިބޭނޭ ދޮރެއް ހުޅުވޭނީ މައިންބަފައިން ވަރަށްބޮޑަށް ހުސިޔާރުވެ ތިބެގެންނެވެ. ދަރިންނަކީ ފޮތްތެރީންކަމުގައި ހެދުމަށް ހިންމަތްކޮށްގެނެވެ. މިކަންކުރެވޭނީ ދަރިވަރުންނަށް އޭގެ ސިއްރު އެނގިފައިނުވާ މޮޅު ޓެކްނިކްސް ބޭނުންކޮށްގެންނެވެ. އެގޮތުން މައިންބަފައިންނަކީ ފޮތްތެރިންކަމުގައި ވުން ވަރަށް މުހިއްމެވެ. ހާއްސަކޮށް ދަރީން ކުޑައިރުއެވެ. މިސާލަކަށް، މަސައްކަތުގައި އަވަދިނެތި އުޅެ ހަމަޖެހިލާވަގުތު ކޮންމެވެސް ފޮތެއް ހިފައިގެން އިނދެވިދާނެއެވެ. ކޮންމެހެން ނުކިޔަސް ކުޑަމިނުން ފޮތެއް ހިފައިގެން އިނުންވެސް ވަރަށް މުހިއްމެވެ. ގޭގައި ކޮންމެވެސް ސިފައެއްގައި ފޮތް ހަރުގަނޑެއް ބަހައްޓާން ޖެހެއެވެ. މަންމައާއި ބައްޕައަކީވެސް ފޮތްކިޔުމަށާއި ފޮތްތައް ތަރުތީބުން ގެންގުޅުމަށް ލޯބިކުރާބައެއްކަމުގެ އިހުސާސް، ދަރިފުޅަށް ކުރެވެންދެނެވެ. ދަރިންކުރެ ތާ އަބަދު ފޮތްކިޔަން ބުނުމުގެ ބަދަލުގައި އެނޫން އެހެން ގޮތަކަށް އެމަގުސަދު ހާސިލުކުރެވޭތޯ ބަލަންވާނެއެވެ. މިސާލަކަށް، ތަނެއްގައި އިށީނދެ ތިބާ ކިޔަން ބޭނުންވާފޮތް ގެނެސްދޭށޭ ދަރިފުޅުގާތުގައި ބުނާށެވެ. އޭރުން އެކުއްޖާ އެފޮތް ގެންއުމުގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ފޮތަށް ބަލައިލާނެއެވެ. މިގޮތަށް ތިމާގެ އުމުރާގުޅޭވަރަށްވުރެ ކުދި، ދަރިފުޅުގެ އުމުރާ ގުޅޭ ފޮތް ގެންގުޅެވިދާނެއެވެ. އޭރުން އެފޮތާމެދު ދަރިފުޅުގެ ހިތުގައިވެސް ޝައުޤު އުފެދޭނެއެވެ. މިކަންކަން މިގޮތުގެމަތިން ތަކުރާރުކުރާނަމަ ދަރިފުޅުގެ ހިތުގައި މަޑުމަޑުން ފޮތާމެދު ލޯބިޖެހި ނޭނގުމުގެތެރެއިން ފޮތްކިޔަން އާދަވާނެއެވެ.
                 ފޮތްކިޔުމުގެ ޝައުޤުނުހުރުމީ ދަރިވަރުންގެ ނަތީޖާ ދައްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބުކަމަށްވީތީ، މިކަމަށް ކުރެވިދާނެ ކަންތައްތައް ހިމަނާލިޔަ ދެއްވާށެވެ. މިގޮތުން މައިންބަފައިން ކިޔާ ފޮތް ދަރިފުޅުމެންގެ ކުރިމަތީގައި ޕްރޮމޯޓު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ދަރިންގެ ފެންވަރާ އެކަށީގެންވާ ސުވާލު ފޮތުގެ ތެރެއިން ދަރިންނަށް ކޮށްލެވިދާނެއެވެ. މިކަންކުރާނީ ދަރިފުޅު އެހެންކަމެއްގައި މަސްއޫލުވެ އެޅެނިކޮށެއް ނޫނެވެ. މަންމަ/ ބައްޕައާއި ދަރިފުޅާ ދެމީހުން ކޮންމެވެސް މިނިވަން ވާހަކައެއް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. މިދެންނެވީ، މިސާލަކަށް، މަންމަ/ބައްޕަ ގާތުގައި އެއްޗެއް ހޯދައިދޭށޭ ބުނަން ދަރިފުޅު އަންނަ ދަނޑިވަޅެއްގައި އެކަން ހުއްޓުވާ ތިމާގެ ސުވާލު އިސް ނުކުރާށެވެ. އޭރުން ދަރިފުޅު އެކަމަކަށް/ އެސުވާލަކަށް އިޖާބައެއް ނުދޭނެއެވެ. އޭގެ ބަދަލުގައި މަންމަ/ބައްޕައަށް ލިބުނު ހުސްވަގުތުގައި ނުވަތަ އާއިލާއެކުގައި ހޭދަކުރާ ހުސްވަގުތުގައި މިދެންނެވި ފަދައިން ފޮތުގައިވާ މައުލޫމާތަކުން ދަރިފުޅަށް ސުވާލުކުރެވިދާނެއެވެ. ދަރިފުޅަށް އޭގެ ޖަވާބު ނުދެވިއްޖެނަމަ ސަމާސާރާގަކަށް މަންމައަށް/ބައްޕައަށް އޭގެ ޖަވާބު އެނގެއޭ، މިވެނި ފޮތަކުން މަންމަ/ބައްޕަ އޭގެ ޖަވާބު ދުށް ވާހަކަބުނެ ދަރިފުޅުލައްވާ އެފޮތް ކިޔުއްވިދާނެއެވެ. އެޖަވާބު ހޯދަން ދަރިފުޅު ކިޔުމުގެ ތެރެއިން އެތައް މައުލޫމާތެއް ދަރިފުޅަށް ލިބޭނެއެވެ. މިގޮތުގެމަތިން ޕްރެކްޓިސް ކުރެވިއްޖެނަމަ ދަރިން ފޮތާ އަހުލުވެރިވާނެއެވެ. މައުލޫމަތުގެ ހަޒާނާ މުއްސަނދިވާނެއެވެ.
އަދިވެސް، ފޮތްތެރިޔަކަށް ދަރިފުޅު ހެދުމަށް އެހީތެރިވެވިދާނެ ގޮތްތަކެއް ބުނެދީފާނަމެވެ. އަޅުގަނޑުގެ ވާހަކައެއް ނޫނެވެ. މަޝްހޫރު ސައިކޮލޮޖިސްޓް، އަލްބަޓް ބަންޑޫރާ ވިދާޅުވާގޮތުގައި، ފޮތްކިޔުންފަދަ ކަންކަމަށް ޝައުޤުވެރިކުރުވުން އެންމެ ރަނގަޅުގޮތަކީ، އެކަންކަންއެކުއްޖަކު އުޅޭ މާހައުލުން ފެނިދެނިވެ އަޑުއިވި އެކަމަށްޝައުޤު އުފެއްދޭފަދަ މާހައުލެއް ގާއިމުކުރުމެވެ. ނަމަވެސް މިފަދަ މާހައުލެއްގައި ނޫނަސް، އަދި ފޮތްކިޔުން ކިތަންމެ މަދު ކުއްޖަކަސް އޭނާ ފޮތްކިޔާ މިންވަރަށް އިޖާބީ ގޮތެއްގައި ތަރުހީބުދީ، އިތުރު ފޮތްތައް ކިޔުމަށް ބާރުއެޅިދާނެކަމަށް ސައިކޮލޮޖިސްޓް، ބީ އެފް ސްކިނަރ ލަފާދެއްވައެވެ. މިގޮތުން އިނާމު ކަނޑައެޅިދާނެއެވެ. ނަމަވެސް އިނާމު ކަނޑައެޅުމަކީ، އެއިނާމުގެ އަގު ވަޒަން ކުރުމުގެ އިހުސާސް ކުޑަވެ، ފަހަރެއްގައި ގޯހުން ގޯހަށް ހިނަގައިދާނެކަމެއްކަމުގައި މަސްހޫރު ސައިކޮލޮޖިސްޓް، އީވާން ޕެވްލޯގެ ތިއަރީގައި ފާހަގަކުރައްވާފައިވެއެވެ. އިސްވެދިޔަ ތަފާތު ޢިލުމުވެރިންގެ ޢިލްމީ ޚިޔާލަށްބަލައިލާއިރު ދޭހަވަނީ ކޮންމެ މުޖުތަމަޢެއްގައިވެސް ކުދިން ފޮތް ކިޔާހިތްޖެއްސުމަށް ކަންތައް ތަކެއް ރޭވިދާނެ ކަމެވެ. މިގޮތުން:
·        ޅަފަތުގައި ކުއްޖާ އުނގުގައި ބައިންދައިގެން ތަފާތުރާގުތަކާއި އަޑަށް ތަފާތު ގެންނަމުން މޫނުމަތީގެ ޙަރަކާތްތައް ބަދަލުކުރަމުން ފޮތް ކިޔައިދީ ހަދާށެވެ.
·        ކުއްޖާ ކުޑައިރު، ފޮތް އެއީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ހަދާށެވެ. ގޮވައިގެން ފިހާރައަކަށް ދިޔަސް ގަންނަ ކޮމެ ކުޅޭ އެއްޗަކާއެކު ފޮތެއް ހޯދައިދެވިދާނެއެވެ. މިގޮތަށް ހޯދާއިރު ހަލާކުނުވާޒާތުގެ ތުއްތުކުދިންނަށް ހާއްސަކޮށްފައިހުންނަ ފޮތްތައް ހޯދައިދިނުމަށް ސަމާލުވާންވާނެއެވެ.   
·         ތަންތަނަށް ގޮވައިގެން ދެވޭ ޢުމުރުގެ ކުދިން ފޮތްފިހާރަ (ބުކްޝޮޕް) ތައްފަދަ ތަންތަނަށް ގޮސް އެ ޢުމުރުފުރާގެ ކުދިން ގެންގުޅޭ ފާޑުގެ ތަފާތު ފޮތްތަކާއެކު ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ޤަވާޢިދުން ވަޤުތުކޮޅެއް ހޭދަ ކުރާށެވެ.
·        ކިޔާ ފޮތްތަކުގައި/ވާހަކަތަކުގައި ހުންނަ ތަފާތު ޝަޚްޞިއްޔަތު(ކަރެކްޓާރސް) ތަކާއި ބެހޭގޮތުން ވާހަކަ ދައްކާ، ކުއްޖާ ކިޔައިދޭއިރު ކަނުލައި އަޑު އެހުމަކީ ކުދިން ކިޔާއެއްޗެހި ނަގައި ގަނޭތޯ ބެލުމާއެކު، ކިއުމަށް ޝައުޤުވެރިވެސް ކުރުވޭނެގޮތެކެވެ.
·        މަޖައްލާ، ފޮތް ނުވަތަ ނޫސް ފަދަ ތަކެތީގައި ހުންނަ ޅެންފަދަ ބަހުރުވަތައް ކިޔާ އޭގައިވާ ޢިބާރާތްތަކުގެ ދޭހަ، ކިޔައިދީ ހެދުމަކީ ވެސް ކުދިން ބަހަށް މޮޅުވެ ކިޔުމަށްވެސް ޝައުޤުވެރި ކުރުވޭ ގޮތެކެވެ.
                މި ދަންނަވާލެވުނުކަންތައްތައް ތިބާގެ ގޭގައި ތިބާގެ ދަރިފުޅަށްޓަކައި ކޮށްދެވެނީ ކިހާ މިންވަރަކަށްތޯ ވަޒަންކޮށްލެއްވުންހުއްޓެވެ.   ............................   (ނުނިމޭ)

No comments:

Post a Comment

embedded below post