Tuesday, September 28, 2010

 
ދަރިވަރުންގެ ނަތީޖާ ދަށްވުން – ހައްލު ހޯދަންޖެހިފައިވާ ކަމެއް! (2)
(2010 ސެޕްޓްމްބަރ 26 ވަނަ ދުވަހާ ގުޅޭ)
                     ދަރިވަރުންގެ ނަތީޖާ ދުވަހެއް ދުވަހަކަށް ދަށްވަމުންދާތީ އެކަމާ ފިކުރުކުރާނެ އެތައް ބަޔަކުތިބޭނެއެވެ. ހަމަގައިމުވެސް މުދައްރިސެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާ ފިކުރުކުރަމެވެ. ރަނގަޅުކުރުމަށް ކުރެވޭނީ ކޮންކޮން ކަންކަމެއްތޯ ވިސްނާ ބަލަމެވެ. މިގޮތުން، ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރާކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވާ އަނެއްކަމަކީ ދަރިންނަށްޓަކައި، އުނގެނުމަށްވުރެ ޝައުގުވެރި އެހެން ކަންތައްތަކެއް
ގޭތެރޭގެ މާހައުލުގައި ފަހިކޮށްދީފައިހުރުމެވެ. މި ފަހަކަށް އައިސް އަޅުގަނޑުމެންގެތެރެއަށް ފެތުރިގެން އުޅޭ ފިކުރަކީ، ދަރިންނަށް ދަރިން ބޭނުންވާހާއެއްޗެއް ހޯދައިދީ ހިތް އުފާކޮށްދީގެންނޫނީ އެކުދިންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާކަމެއް ނުކުރެވޭނެކަމަށެވެ. ނަމަވެސް އެއީ އަޅުގަނޑުގެ ނަޒަރުގައި އެއްވެސް ބުރަދަނެއް ހުރި ފިކުރެއް ނޫނެވެ. ތެދެކެވެ. އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ދަރީން ހިތްހަމަޖައްސައިދުނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އެކަމުގައި ހައްދުފަހަނައަޅާ ދާކަން އެއީ ދަރިވަރުންގެ މުސްތަގުބަލަށް ކޮށޭ ސަރާސަރު މަގަކަށް ނުވާނެއެވެ. ސާނަވީ ގުރޭޑަށް ދަރިވަރު އަންނައިރު، ކޮންމެހެން އަމިއްލަ ކޮޓަރިއެއް ހޯދައިދީ، ވައިމެކްސް، ނުވަތަ ޓަޗްނެޓުން ގުޅާ، އައިޕޯނު ހޯދައިދޭކަށެއް ނުޖެހެއެވެ. އެއީ ފުރާވަރުގެ ކުދިން އެއާހެދި މޮޔަވާ ޒާތުގެ އެއްޗެއްސެވެ. އެއަށް ދެވިހިފައިފިނަމަ، އެ އާދަ ކަނޑުވާލަށް އުނދަގޫވާނެފަދަ ވަބާއެވެ. އެކަމުގައި އުޅޭއިރު ވަގުތަށް ވާނުވާވެސް ނޭނގޭ ތިމާގެ އުމުރު ކުރުކުރާ ފަދަ ޖާދޫގަރުންނެވެ. ކިޔެވުމާއި، ނަމާދުކުރުމާއި އެންމެހާ ހެޔޮ އަމަލުތަކުގެ މައްޗަށް ގަދަވެގަތުމުގެ ޤާބިލުކަން ޒުވާނުންގެ ހިތްތަކުން ހޯދާފައިވާ ޒުވާނުންގެ ހަލާކެވެ. މީގެ ސަބަބުން ފޯނުން މިގަށް ވަދެ ޗެޓްކޮށްލާ، ނެޓަށްވަދެ ފޭސްބުކް ވޯލްގައި ލިޔެލާ މިނޫންވެސް ސޯސަލް ސައިޓުތަކުގައި މަސްތުވެ ދަރިފުޅު ހޭދަކުރާ ވަގުތު ގިނަވެ ފޮތްދޮށުގައި ހޭދަކުރާނެ ވަގުތު އޮންނަނީ ނުވެފައެވެ. ފޮތްވަނީ މިދެންނެވި ޒާތުގެ ވަސީލަތްތަކަށްވުރެ ފޫހިއެއްޗަކަށް ވެފައެވެ.
                   އަދި މީގެ އިތުރުން މިފަދަ ވަސީލަތްތަކުގެ ނާޖާއީޒު ފައިދާ ކުދިން ނަގަމުންދަނީ އޭގެ އިންތިހާއަށެވެ. އެފް. ބީ، މިގް ފަދަ ސޯސަލް ސައިޓުތައް މެދުވެރިކޮށް ރޯ އަވަގުރާނަގޮވާ ކުނިހުތުރުވެގެންވާހާ އެއްޗެއް މީހުނާއި ދިމާއަށް ކިޔާ، މީހުން ދޭތެރެޖައްސާ، ބައެއް މީހުން "ގަޅި" ހައްދާހެދުމަކީ ޒުވާނުން މާގަޔާވާ ކަންކަމެވެ. މި ފުރުސަތު މައިންބަފައިން ދަރިންނަށް ހޯދައި ދޭކަމީ ހިތާމަހުރިކަމެކެވެ. މީގެ ސަބަބުން، ދަރިންގެ ލަދުހަޔާތްކެނޑި، އަދަބުވެރިކަމުގެ ސިފަ ގެއްލި، ކިޔަމަންތެރިކަން ފައިދަށުވެ، ކިޔެވުމާ ދަރިން ދުރުވެއެވެ. ދަރިންނަށް އަމިއްލަ ކޮޓަރި ހޯދައިދިނުން އެއީ މައްސަލައެއް ނޫނެވެ. އެހެނަސް މައިންބަފައިންނަށް އެކަންކަން ވަރަށް ގާތުން ބެލޭނެފަދަ ގޮތަކަށް އިންތިޒާމު ނުކުރެވޭނަމަ އެއީ ގޯހެކެވެ. އެހެންކަމުން ތަރުބިއްޔަތުކުރުމުގައި، ގޭތެރޭގެ އިންތިޒާމުތައް ރާވާއިރު، މިފަދަކަންކަމަށް ވިސްނަވައިގެން އިންތިޒާމުކުރުމަކީ، ދަރިން އުނގެނުމަށް ވެދެވޭ އެހީއަކަށް ނޫނީ ނުވާނެއެވެ.
                     މީގެ އިތުރުންވެސް ދަރިންނަށްޓަކައި، އުނގެނެން ހާއްސަ މާހައުލެއް ގޭގައި ގާއިމްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ކުދިން ކިޔެވުމަށް ގަޔާވާނެއެވެ. ތަފާތުވައްތަރުގެ ފޮތްތަކާ، އެބާވަތުގެ އުނގެނުމަށް ފަހިވާކަހަލަ އެއްޗެހި ގިނަ މާހައުލަކަށް ދަރިފުޅު ކިޔަވާ މާހައުލު ހަދައިދޭންޖެހޭނެއެވެ. ގޮނޑިމޭޒާއި ހެޔޮމިންވަރެއްގެ އަލިކަމެއް އެތާނގައި ހުންނަންވާނެއެވެ. މައިންބަފައިން ނުވަތަ އާއިލާތެރޭގައި ޖެހޭ މަސައްލަތަކެއްގެ ސަބަބުން ގޭތެރެއަށް އަންނަ ހަލަބޮލިކަން އަބަދުވެސް ކޮންޓްރޯލް ކުރެވެންވާނެއެވެ. އެފަދަ ކަންކަމާ ވިސްނަން ކުއްޖާއަށް ޖެހުނަ ދީގެން ނުވާނެއެވެ. ގޭގައި ޓީވީ ގެ އަޑު ނުވަތަ އެނޫންވެސް ކިޔެވުމަށް ހުރަސް އެޅޭފަދަ އެއްވެސް އަޑެއްބަޑެއް ހުރެގެންނުވާނެއެވެ. އަދި ދަރިފުޅަށް ކިޔަވަން އުނދަގޫވާކަމަށް ދައްކާ ސަބަބުތައް ވަރަށް ރަނަގަޅަށް ކަނުލާ އަޑުއަހަންވާނެއެވެ. އަދި އެއަށް މައުނަވީގޮތެއްގައި އިޖާބަވެސް ދޭންވާނެއެވެ. އަބަދު ކިޔަވަން ބުނެގެން ނުވާނެއެވެ. ކިޔަވަންބުނާ އުސޫލުން ކުޅިވަރުކުޅުމަށާއި ޓީވީ ބެލުން ފަދަ ކުއްޖާ ޝައުޤުވެރިވާ ޒާތުގެ އެހެންކަންތައްތައް ކުރުމަށްވެސް ދަރިފުޅަށް ބާރުއަޅަންވާނެއެވެ. އެހެންނަމަވެސް މައިންބަފައިން ކަނޑައަޅާ، ދަރިފުޅު ގަޔާވާކަހަލަ އުޞޫލަކުންނެވެ. އޭރުން ދަރިފުޅާ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާވެ އެދެމެދުގައި އޮންނަ އިތުބާރު ބޮޑުވާނެއެވެ. އަދި ސްކޫލުގައްޔާ ޓިއުޝަންސެންޓަރ ފަދަ ތަންތަނުގައި ދަރިފުޅު ކޮށްފައިހުންނަ މަސައްކަތްތައް ބަލާ، ދަރިފުޅަށް ތައުރީފުކުރަންވާނެއެވެ. ހިތްވަރުދޭންވާނެއެވެ. ދަރިފުޅު މޮޅުކަން މައިންބަފައިން ޤަބޫލުކުރާކަން ދަރިފުޅަށް އިހުސާސްކޮށްދޭންވާނެއެވެ. އަދި ހާއްސަކޮށް، ދަރިފުޅު މާޒިގައި ހޯދާފައިވާ ކާމިޔާބީތައް ހަނދާންކުރުމުގެ ގޮތުން ދަރިފުޅާއެކު ސެޓްފިކެޓް އަލްބަމް ބަލާ ދަރިފުޅު އުފާކޮށްދިނުމަކީ، ކިޔަވާ މޮޅުދަރިފުޅަކަށް ތިމާގެ ދަރިފުޅު ހަދަންބޭނުންވާނަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިއީ ހައްތަހާވެސް މައިންބަފައިންނަށް ކޮށްދެވިދާނެ ކަންކަމެވެ.
                    ދެންއޮތީ މުދައްރިސުންނެވެ. ގިނަފަރާތްތަކުން މިކަމުގައި ބަދުނާމުކުރަނީ މުދައްރިސުންނެވެ. މިއީ  ހިތާމަހުރިކަމެކެވެ. ބައެއްކަހަލަ ކަންތައްތައް ކުރިމަތިވެފައިހުންނަގޮތުން މިކަމަށް އާނ! ބަސް ބުނަންޖެހޭފަހަރުވެސް  އާދެއެވެ. ނަމަވެސް ހަމައެކަނި  މުދައްރިސުންގެ ސަބަބުންނޭ ބުނާ ބުނުމަށް ކަނޑައެޅިގެން އަޅުގަނޑު ދެކޮޅުހަދަމެވެ. ފުރަތަމަ ވިސްނާލައްވާށެވެ. ނަތީޖާ ދައްވާކަމަށް އެންމެ ބޮޑަށް ފާހަގަކުރެވިފައި މިވަނީ ދިވެހި އިސްލާމެވެ. މިދެ މާއްދާއަކީ މައްދިވެހީން ކިޔަވައިދެއްވާ މާއްދާތަކެވެ. އަޅުގަނޑު ހިތަށް އަރަނީ، މުދައްރިސްކަމުގެ އަގުހުރި ބުރަ މަސްއޫލިއްޔަތު ނަންގަވައިގެން ތިއްބެވި އެ މުދައްރިސުން އެބޭފުޅުންގެ ޤައުމު ފަސާދައިގެ ތެރެއަށް އެއްލައިލައްވާނެބާއެވެ؟ އެބޭފުޅުން، އެބޭފުޅުންގެ ޤައުމުގެ މުސްތަޤުބަލް ބިޔަ ކަށިކުނބުރު ޖަންގައްޔަކަށް އެއްލައިލައްވާނެތޯއެވެ؟ އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.............................   (ނުނިމޭ)
                                                       އަޙުމަދު މަޢުޞޫމް

No comments:

Post a Comment

embedded below post