Saturday, October 16, 2010

ދަރިވަރުންގެ ނަތީޖާ ދަށްވުން - ހައްލު ހޯދަންޖެހިފައިވާ ކަމެއް! (3)
އަޙުމަދު މަޢުޞޫމް
ފެންފިޔާޒުގެ، ހއ. ވަށަފަރު


(2010 ސެޕްޓެމްބަރ 28 ހާއި ގުޅޭ)
                    ދެންއޮތީ މުދައްރިސުންނެވެ. ގިނަފަރާތްތަކުން މިކަމުގައި ބަދުނާމުކުރަނީ މުދައްރިސުންނެވެ. މިއީ  ހިތާމަހުރިކަމެކެވެ. ބައެއްކަހަލަ ކަންތައްތައް ކުރިމަތިވެފައިހުންނަގޮތުން މިކަމަށް އާނ! ބަސް ބުނަންޖެހޭފަހަރުވެސް  އާދެއެވެ. ނަމަވެސް ހަމައެކަނި  މުދައްރިސުންގެ ސަބަބުންނޭ ބުނާ ބުނުމަށް ކަނޑައެޅިގެން އަޅުގަނޑު ދެކޮޅުހަދަމެވެ. ފުރަތަމަ ވިސްނާލައްވާށެވެ. ނަތީޖާ ދައްވާކަމަށް އެންމެ ބޮޑަށް ފާހަގަކުރެވިފައި
މިވަނީ ދިވެހި އިސްލާމެވެ. މިދެ މާއްދާއަކީ މައްދިވެހީން ކިޔަވައިދެއްވާ މާއްދާތަކެވެ. އަޅުގަނޑު ހިތަށް އަރަނީ، މުދައްރިސްކަމުގެ އަގުހުރި ބުރަ މަސްއޫލިއްޔަތު ނަންގަވައިގެން ތިއްބެވި އެ މުދައްރިސުން އެބޭފުޅުންގެ ޤައުމު ފަސާދައިގެ ތެރެއަށް އެއްލައިލައްވާނެބާއެވެ؟ އެބޭފުޅުން، އެބޭފުޅުންގެ ޤައުމުގެ މުސްތަޤުބަލް ބިޔަ ކަށިކުނބުރު ޖަންގައްޔަކަށް އެއްލައިލައްވާނެތޯއެވެ؟ އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް މުދައްރިސުންގެ އިހުމާލުވެސް ނުވެއެކޭ އަޅުގަނޑެއް ނުދަންވަމެވެ.
                    މުދައްރިސްކަމަކީ ހަގީގަތުގައިވެސް ވަރަށް ބުރަ މަސްއޫލިއްޔަތެކެވެ. މިކަން ގަބޫލުފުޅުކުރައްވާ ބޭފުޅުން ގަބޫލުފުޅުކުރައްވާނެއެވެ. މި ދަންވަނީ " މުދައްރިސުންގެ" ވާހަކައެވެ. ނަމުގައި އެޅި، ކަމުންރެކޭ ބޭފުޅުންގެ ވާހައެއް ނޫނެވެ. ގައުމުގެ މިސްރާބު ހަގީގަތުގައި ކަނޑައަޅައިދެނީ މުދައްރިސުންނެވެ. މުސްތަގުބަލް ރޯޝަންކޮށްދެނީ މުދައްރިސުންނެވެ. މިކަމަށްޓަކާ ދަރީން ދަރީންނަށް ހައްދަވަނީ މުދައްރިސުންނެވެ. 
                   މިގޮތުން ބަލާއިރު ދަރިވަރުންގެ ކިބައިގައި ފަންނީގޮތެއްގައި ކިޔެވުމުގެ ރޫހު އަށަގެންނުވޭނީ އަޅުގަނޑު ދެކޭގޮތުގައި މުދައްރިސުންނަށެވެ. މިދެންނެވީ، އުނގެނުމުގެ މޮޅު އުކުޅުތައް ދަރިވަރުންނަށް ދަސްކޮށްދީ، މޮޅުކުއްޖަކަށް ވެވިދާނެކަމުގެ ފޮނި ހުވަފެންތައް ދެއްކޭނީ މުދައްރިސުންނަށެވެ. ކުދިންގެ އުނމީދުތައް ގުޅިފައިވަނީ މުދައްރިސުން ދައްކަވާ މަގުތަކާއެވެ. އެހެންކަމުން މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ފުރިހަމަ ފާޑުވެރިންކަމުގައި ވާން ޖެހެއެވެ. ދަރިވަރުންގެ ކުރިމަތީގައި މަގުބޫލު ބަޔަކަށް ވާން އެބަޖެހެއެވެ. މުދައްރިސަކީ މޮޅުމީހެއްކަމުގެ އިހުސާސް ދަރިވަރުންނަށް ނުކުރެވޭނަމަ އެ މުދައްރިސަކީ ކާމިޔާބު މުދައްރިސަކަށް ނުވާނެއެވެ. ނިކަން ހިތްމައްޗަށް ގެނެސްބައްލަވާށެވެ. މިދެންނެވި ވާހަކައިގެ ހަގީގަތް ދަށް ގުރޭޑުތަކުން ތަޖުރިބާ ކުރެއްވޭނެއެވެ. މިސާލަކަށް މުދައްރިސަކަށް އޮޅިގެން އެއްޗެއް ގޯސްކޮށް ބުނެވިފައި/ ހެދިފައި އޮއްވާ އެހެން މީހަކު ( މަންމަ/ ބައްޕަ/ ބޭބެ) އެ ރަނގަޅުކޮށްލުމަށް ބުންޏަސް އެކުދިންގެ ނަޒަރުގައި އެއީ ގަބޫލުވެގެން ވާނެ ކަމެއް ނޫނެވެ. އެއީ މައިންބަފައިންނަށްވުރެ މުދައްރިސް މޮޅުވާނެކަމަށް ދެކޭތީއެވެ. އަޅުގަނޑު ދަންނަވާން މިއުޅޭ ވާހަކައަކީ މިއެވެ. މިކަން މަތީގުރޭޑު ތަކުގައި، ކޮލެޖު ޔުނިވަރސިޓީ ފެންވަރުގައިވެސް އޮންނާންވާނީ މިފަދައިންނެވެ.  ދަރިވަރުންގެމެދުގައި އެހާ މަގުބޫލު ބަޔަކަށް މުދައްރިސް ވާންވާނެއެވެ. އުނގެނުމުގެ ދޮރޯށިން ދަރިވަރުން ވަންނާނީވެސް އޭރުންނެވެ. ތިއަ ބޭފުޅުން އެހާ ގަޔާނުވާ މަޖުލިހަކަށް ތިއަ ބޭފުޅުން ފަހެ ވަންނާނަމުތޯއެވެ؟
                      މުދައްރިސުން ނަންގަވައިދެއްވާ ފިލާވަޅުތައް ދަރިވަރުން ޝައުޤުވެރިވާފަދަ ގޮތްގޮތަށް ބައްޓަންކުރުމީ ވަރަށް މުހިއްމު ކަމެކެވެ. ތަފާތު މިޒާޖުގެ ތަފާތުފެންވަރުގެ ދަރިވަރުން ކުލާސްރޫމެއްގައި ތިބޭނެއެވެ. އެ ހުރިހާ ފެންވަރަކާ ގިންތިއަކަށް ފެތޭނެހެން އުނގަންނައިދިނުމުގެ މާހައިލު ބައްޓަންކުރައްވަން ވާނެއެވެ.
·       މިހިސާބުން އެފެދޭނެ ސުވާލަކީ އެވަރު ކުރާނީ ކިހިނަކުންހެއްޔެވެ؟  
ރަނގަޅު ވާހަކައެކެވެ. ނަމަވެސް، މިދަނޑިވަޅުގައި ހަނދާންކުރައްވަންވީ ކުރީގައި އަޅުގަނޑު ދެންނެވި ވާހަކައެވެ. " މުދައްރިސް ކަމަކީ ބުރަ މަސްއޫލިއްޔަތެކެވެ." އަދި ޕްރޮފެޝަނަލް މަސައްކަތެކެވެ. 30 ދަރިން ގޮވައިގެން އެއްކުލާހެއްގައި އުޅުމަށާއި 500 އެތައް ދަރިންނެއް ގޮވައިގެން އެއް ސްކޫލެއްގައި އުޅޭނެ މަގު މިއަދުގެ "ޢިލްމު" ވަނީ ދައްކައިދީފައެވެ. އުނގެނުން ކޮށިދަރިވަރުންނަށާއި ތޫނުފިލި ދަރިވަރުންނަށް އެއްކުލާހެއްގައި ކިޔަވައިދެވިދާނެކަމާ، ކިޔަވައިދޭނެ ގޮތްވެސް ވަނީ ހެތްކާއެކު ދައްކާފައެވެ. ހަމައެކަނި އަޅުގަނޑުމެން ކުރާންވީ ކަމަކީ، ހޯދާ ބަލާ އެކަންކަން ދިރާސާކޮށް އެއަށް އަހުލުވެރިވުމެވެ. ބަލައިގެން އުނގެނޭ ކުދިންނާއި ( ވިޒުއަލް ލާރނާރޒް)، އަޑުއަހައިގެން އުނގެނޭ ކުދިންނާއި(އޮޑިޓަރީ ލާރނާޒް)، އަމަލީގޮތުން އެކަމުގައި ބައިވެރިވެގެން އުނގެނޭކުދިން( ކިނޭސްތަޓިކް ލާރނާރޒް) ތިބޭކަން ގަބޫލުކޮށް އެފަދަ ކުދިންނަށް އުނގަންނައިދިނުމުގައި އެކަށީގެންވާ ވަސީލަތްތައް ބޭނުންކޮށްގެން ޝައުޤުވެރި ގޮތަކަށް ފިލާވަޅުތައް  ގެންދިއުން މުހިއްމުކަމުގައި ދެކެމެވެ. އަދި ތަފާތު ޓީޗިންގ ސްޓްރެޓެޖީސްތައް ބޭނުންކޮށް އެ ސްޓްރެޓެޖީސްތައް ސްކޫލުގެ ވެށްޓަށް ބޭނުންވާގޮތަށް ބައްޓަންކޮށްގެން ގެންދެވޭތޯ ބައްލަވަންވާނެއެވެ. ދަރިވަރުން ޝައުޤުވެރިވާނީ އޭރުންނެވެ. ދަރިވަރުންގެ ނަތީޖާ ރަނގަޅުވާނީ އެކުދިން ފިލާވަޅަށް ޝައުޤުވެރިކޮށްގެންނެވެ.
                     މީގެ، ކުޑަކުޑަ މިސާލެއް ތިއަ ބޭފުޅުންނާ އަޅުގަނޑު ހިއްސާކޮށްލިއަދެއްވާށެވެ. ސާނަވީ ގުރޭޑުތަކުގެ ދިވެހި މާއްދާގައި ޅެންމާނަކުރުމަކީ އަބަދުވެސް އޮންނަ ކަމެކެވެ. އެހެންކަމުން މި ކިޔަވައިދޭނެ ގޮތެއް ހޯދަންޖެހެއެވެ. ގިނަ މުދައްރިސުން މިހައްދަވާ ގޮތަކީ ބޯޑުގައި ދެތިން ބައިތެއް ލިޔުއްވުމަށްފަހު/ ޅެމުގެ ފަސް ބައިތެއްވަރު ފޮޓޯ ކޮޕީ ހެއްދުމަށް ފަހު މާނަކުރަން ދެނީއެވެ. ދެން ކުލާހުގައި އެއާ ބެހޭގޮތުން މުދައްރިސް ވާހަކަދައްކާ އޮޅުންފިލުވައިދީ، އެއަށް ފަހު ޖުމުލަ މާނަ ލިޔުއްވަނީއެވެ. މިއީ މި ފިލާވަޅު ގެންދަވާ އާއްމު އުސޫލެވެ. ތަކުރާރުކޮށް މިތައްގަނޑަށް ފެތިގެން މި ފިލާވަޅު ގެންދިއުމުގެ ނަތީޖާއަކަށް ވަނީ ޅެން މާނަކުރުން މަތިން ދަރިވަރުން ފޫހިވުމެވެ. އޭގެ ބަދަލުގައި މި މަސައްކަތްވެސް ކުލާހުގައި ތަންކޮޅެއް ހަރަކާތްތެރި ގޮތަކަށް ގެންދިއުން ކީއްތޯއެވެ؟ އަޅުގަނޑަށް ތަޖުރިބާކުރެވުނު ބަރަށް ކާމިޔާބު މެތަޑެއް ދަންވަންތޯއެވެ؟ ޖިގްސޯ މެތަޑެވެ.

·        ފިލާވަޅަށް ބޭނުންވާ ތަކެތި: - ޅެން ބައިތު ސެޓްތައް –- ފަސް ބައިތު ފަސްފަހަރު ތަކުރާރުކޮށް –-
-          ޅެންބައިތުތަކުގައި ބައިތު ނަންބަރު ތަރުތީބުން ލިޔެފައި ނުވަތަ އެނޫން ގޮތަކުންވެސް ބައިތުގެ އަދަދު ( އެއްވަނަ ބައިތު، ދެވަނަ ބައިތު މިގޮތަށް ) އެނގެންވާނެ. 
މި މަތެޑުގައި ކުލާހުގައި ދަރިވަރުން ތިބި އަދަދުން ދަރިވަރުން ބައިކޮށްލައްވާށެވެ. މިސާލަކަށް ކުލާހުގައި ތިބީ 25 ދަރިވަރުންކަމުގައި ހިތާށެވެ. އެހެންކަމަށް ވާނަމަ، ބައިކުރައްވާނީ، މުދައްރިސް ފަސް ބައިތުގެ ޖުމުލަ މާނަ ލިޔުއްވަން ބޭނުންފުޅުވާނަމަ، ގުރޫޕެއްގައި ފަސްކުދިން ތިބޭގޮތަށެވެ. ތިން ބައިތުގެ ޖުމުލަ މާނަ ލިޔުއްވަން ބޭނުންފުޅުނަމަ ގުރޫޕެއްގައި ތިން ކުދިން ތިބޭގޮތަށެވެ. ކުލާސް ފެށުމުގެ ގޮތުން ގުރޫޕުކޮށްލައްވާށެވެ. ގުރޫޕެއްގައި 5 ކުދިން ތިބޭގޮތަށެވެ. އޭރުން މުޅި ޖުމުލަ ތިބޭނީ 5 ގުރޫޕެވެ. ދެން ހައްދަވާނެ ގޮތަކީ މުދައްރިސް ކޮޕީ ނަންގަވައިގެން ގެންނެވި، "ބައިތު ސެޓްތައް" ގުރޫޕުތަކަށް ބަހާލާނީއެވެ. މިހާރު ކޮންމެ ގުރޫޕެއްގެ ކޮންމެ ކުއްޖަކަށްވެސް ބައިތެއް ލިބޭނެއެވެ. އެއްގުރޫޕެއްގައި ތަކުރާރުކޮށް އެއްވެސް ބައިތެއް ނޯންނާނެއެވެ. އޮންނާނީ ކޮންމެ ގުރޫޕެއްގައިވެސް ފަސް ބައިތު ހަމައަށެވެ.
ދެން މުދައްރިސް ހައްދަވަންޖެހޭނެ ގޮތަކީ، ހުރިހާކުދިންނަށް މި ގޭމް ކުރިއަށްދާނެގޮތް ކިޔައިދިނުމެވެ. އެއަށްފަހު، ނަންބަރު އެކަކަށް އެއްގުރޫޕަކަށް އައުމަށް ބުނާށެވެ. ދެވަނަ ބައިތު ލިބުނު ކުދިން ވަކި ގުރޫޕަކަށް ގެންނާށެވެ. އޭރުން މިހާރު ތިބޭނީ، ފުރަތަމަ ބައިތު ލިބުނު ފަސްކުދިން އެއްތަންވެފައެވެ. ދެވަނަ ބައިތު ލިބުނު ހުރިހާ ކުދިންވެސް އެއްތަން ވެފައެވެ. މިގޮތަށް ފަސްބައިތު އޮންނާނީ ވަކިވެފައެވެ. ދެން އެއަށް ފަހު، އެ ބައިތާމެދު ގުރޫޕުގައި މަޝަވަރާ ކުރުވާށެވެ. ޖުމުލަ މާނަ ލިޔުއްވާށެވެ. މިވަގުތު، ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރެއްގެ ހޯމް ގުރޫޕަށް ގޮސް އެ ބައިތުގެ މާނަ ކިޔައިދޭން ޖެހޭނެކަމަށް ބުނާށެވެ. އޭރުން ކޮންމެ ކުއްޖަކުވެސް އޭގެ މާނަ ދެނެގަތުމަށް މަސައްކަތްކުރާށެވެ. މިވަގުތު މުދައްރިސްގެ އެހީ ބޭނުންވާނަމަ ގުރޫޕުތަކަށް އެހީތެރިކަން ދޭންވާނެއެވެ. ދެން ކަނޑައެޅި ވަގުތު ދިނުމަށް ފަހު ކުރިން ތިބި ގުރޫޕަށް އަނބުރާ ދިއުމަށް އިރުޝާދުދޭށެވެ. އެއަށް ފަހު އެކުއްޖަކު މަޝްވަރާކުރި ބައިދެއް/ އެކުއްޖަކަށް ލިބުނު ބައިތުގެ ޖުމުލަ މާނަ ގުރޫޕަށް އޮޅުންފިލުވައިދޭން ބުނާށެވެ. މިގޮތަށް އޮޅުންފިލުވައިދޭއިރު އެހްނކުދިން ނޯޓުކުރަން އިރުޝާދުދޭށެވެ. މިގޮތަށް ގޮސް ފަސްކުދިން ފަސް ބައިތު ހުށައަޅައިދީ ނިމޭއިރު އޮންނާނީ ފަސް ބައިތުގެ ޖުމުލަ މާނަ، ކުލާހުގެ ހުރިހާ ކުދިންނަށް ކުރެވިފައެވެ. ހުރިހާ ގުރޫޕަކުން ނިމުމުން ގުރޫޕުތަކުގެ މަސައްކަތް ހުށައަޅާ އެއާމެދު މުދައްރިސްގެ ބަހެއް ބުނާނީއެވެ. މި މެތަޑުގައި މުދައްރިސްގެ ސާފް އިރުޝާދާއި، ވަގުތު ބަހާލުން ވަރަށް މުހިއްމު ވާނެއެވެ.
މިގޮތަށް މަސައްކަތް ކުރުމުން މުދައްރިސްގެ ދައުރު ހަނިވެ، ކުދިންގެ ދައުރު ފުޅާވެ ފިލާވަޅު ޝައުޤުވެރިވާނެއެވެ. ހާސިލްވާ މިންވަރުވެސް އިތުރުވާނެއެވެ.        –- ނުނިމޭ -

1 comment:

  1. Thiya kurah vamun gendhavaa bura masah kathah sukuru dhannavan

    ReplyDelete

embedded below post