Sunday, November 7, 2010




މުޅޯށި ވިޔުން
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހައ. ވަށަފަރު
ދިވެހިންނަކީ ތަފާތުވައްތަރުގެ ހުނަރުވެރި މަސައްކަތްތަކެއް އިހުއްސުރެ ކުރަމުން އަންނަ މަސައްކަތްތެރި ބައެކެވެ. ގައުމީ ގަހުގެ ބައިތަކުން ވެސް، އުފެއްދުންތެރި އެތައް އެއްޗެއް ދިވެހިން އުފައްދައެވެ. މިގޮތުން މުޅޯށި ވިޔުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން
އަންނަ ވަރަށް ގަދީމީ ހުނަރުވެރި މަސައްކަތެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި މިކަން ކުރަމުންއަންނަ ގޮތް ތަފާތެވެ. އެހެންނަމަވެސް ތައްޔާރުކުރެވޭ އެއްޗަކީ ހަމައެކައްޗެކެވެ. ބޭނުންހިފަނީ ހަމަ އެއްކަންކަމަށެވެ. އެއްޗަކީ ހަމަ މުޅޯށްޓެވެ.
މުޅޯށި ވިޔާގޮތް
·       ދުޅަހެޔޮ ރޯފަނެއް ކަނޑާލުމަށްފަހު ފަން މިލުވާލާށެވެ.
 ފަން މިލުވުމަށްޓަކައި އެއްދުވަސް ވަންދެން އަވީގައި ފަން ބޭއްވިދާނެއެވެ. ފަން މިލުވަނީ މުޅޯށި ވިޔަން ފަސޭހައަކަށެވެ. ނުމިލުވާ ރޯފަނަކުން މުޅޯށި ވިޔަން ފަށައިފިނަމަ ފަން ވިޔުމުގެ ތެރޭގައި ފަންވަތްތައް ހަލާކުވެދާނެއެވެ. އޭރުން މުޅޯށީގެ ފެންވަރު ދެރަވެ ހުތުރުވާނެއެވެ. މުރަނަފަނެއްނަމަ ދުޅަ ނެގުމުގައިވެސް ވަރަށް އުނދަގޫވާނެއެވެ.

·       ވިޔަން ބޭނުންވާ މުޅޯށީގެ ކުޑަ ބޮޑުމިނަށް ބަލާ، ފަން ބުރިކޮށްލާށެވެ.
މުޅޯށިން ކުރަން ގަސްތުކުރާ ބޭނުމަކަށް ވިސްނާ ބޭނުންވާ ކުޑަބޮޑުމިނަކަށް މުޅޯށި ހެދިދާނެއެވެ. އެހެންނަމަވެސް އެފަނެއްގައި ހުންނަ ފަންވަތްތަކުގެ ދިގުމިނަށްވުރެ މުޅޯށި ދިގެއް/ބޮޑެއް ނުކުރެވޭނެއެވެ. މިގޮތުން އެމުޅޯށްޓަކުން ކުރާ ބޭނުމަކަށް ވިސްނާ ފަން ބުރިކޮށްލާށެވެ.  މިގޮތަށް ފަން ބުރިކޮށްލާއިރު ފަނުގެ ބުޑާ މާގާތްނުކޮށް އަދި ފަނުގެ ހުނގުއްޔާވެސް މާގާތްނުވާނެގޮތަކަށް ފަނުގެ މެދުތެރެއިން ބައެއް ނެގުން ވަރަށް ރަނގަޅުވާނެއެވެ. އެއީ ފަނުގެ ބުޑާއި ހުނގުލިކޮޅުގެ ފަންވަތްތައް އާންމުގޮތެއްގައި ކުރުވެފައި ކަމީނާވާނެތީއެވެ. އެއަށްފަހު އޮށި މެދުން ފަޅާލާށެވެ. އަދި އޮށިގަނޑު ތުނިކޮށްލުމަށްޓަކައި ބޭނުންނަމަ ވަޅިއަކުން އޮށިގަނޑު މަށާލެވިދާނެއެވެ.

·       މުޅޯށިވިޔަން ފަށާއިރު ފަންގަނޑު ބާއްވާނެގޮތް
މިހާރު ފަން އޮންނާނީ ބޭނުންވާވަރަށް ބުރިކޮށްލާ، ދެފަޅިއަށް ފަޅައިވެސްލައިފައެވެ. ދެން ފަޅާލި ދެފަޅީގެވެސް ބުޑާއި ވީކޮޅު މަގަތަށް ވާހެން، އިނގިރޭސި ބަހުގެ "V"  ޝޭޕަށްވާހެން ބަންޑުން ބާއްވާށެވެ. އެއަށްފަހު ވިޔަންފަށާށެވެ. މިގޮތަށް މިޔާވިޔުން މައިގަނޑު ދެގޮތަކަށް ވިޔެއެވެ. އެއީ ދިގު ދުޅައަށް ވިޔުމާއި ކާޅުދުޅައަށް ވިޔާވިޔުމެވެ.
 * ދިގުދުޅަޔަށް ވިޔުން: މިއީ ދެފަންވަތުމަތިން، ދެފަންވަތު ދަށުން ލައްވައިގެން ވިޔާ ވިޔުމެވެ.
 * ކާޅުދުޅަ ވިޔުން: މިއީ އެއްފަންވަތް މަތިން އަނެއްފަންވަތް ދަށުން ލައްވައިގެން ވިޔާ ވިޔުމެވެ.
·       ހުޅިވަތް އެނބުރުން
މިއީ މުޅޯށީގެ މައިގަނޑު(ވިޔުންގަނޑު) ނިންމުމަށްފަހު، މުޅޯށި މުޅިން ފުރިހަމަކުރުމުގެ/ނިންމުމުގެ ގޮތުން ކުރާ ކަމެކެވެ. މުޅޯށީގެ މައިގަނޑު ވިޔެ ނިމޭއިރު ދެފަރާތަށް ނުކުމެފައި ހުންނަ ފަންވަތްތަކުގެ ކޮޅު ހައްޔަރުކޮށް، މުޅޯށި ނިޔުޅުނަ ނުދިނުމަށް ކުރެވޭ މަސައްކަތެކެވެ. މިކަން ތަފާތު ހިސާބުތަކުގައި ކުރާގޮތް ތަފާތެވެ. އެއްގޮތަކީ ، ފަންގަނޑު ވިޔެ ނިމުމުން، ދެފަންގަނޑުގައިވެސް ކޮޅުގައި އިން (ގަޔާދުރުގައި އޮތްކޮޅު) ފަންވަތް ނަގާ، ގޮނި އުފެދޭވަރަށް ދަމާލާފައި އާދައިގެ ގޮށެއް ޖަހާލާށެވެ. އެއަށްފަހު ފަންވަތަކަށްފަހު ފަންވަތެއް ބަދަހިވާނެހެން، ފާހިޖަހަމުންގެންދާށެވެ. އެއަށްފަހު ހުޅި ނުނިއުޅޭނެހެން، ހުޅީކޮޅުގައި ގޮށެއް ޖަހާށެވެ. ދެން ހަަމަ އެގޮތަށް އަނެއްފަރާތްވެސް ނިންމާލާނީއެވެ. އަނެއްގޮތަކީ، ކުރިންވެސް ބުނި ފަދައިން، ދެފަރާތުގެ ދެފަންވަތްނަގާ ގޮށްޖެހުމަށްފަހު މެދުން ފަންވަތެއް ނަގާ ހުޅިއަނބުރާހެން/ހުޅި ގަތާހެން ގަތަމުން ގެންދިއުމެވެ. އެއަށްފަހު ހުޅީކޮޅުގައި ގޮށްޖަހާ ނިންމާނީއެވެ.  މިމަސައްކަތް ނިމޭއިރު އޮންނާނީ މުޅޯށްޓެއް ވިޔެވިފައެވެ.
·       ދިވެހިރުކު ފަނުން ދިވެހިން އުފައްދާ ބައެއް ތަކެތި
ދިވެހިން، ދިވެހިރުކު ފަނުން ތަފާތު ބާވަތްތައް އުފައްދައެވެ. ދިވެހި ރާއްޖޭގެ ތަފާތު ހިސާބުތަކުގައި އުފައްދާތަކެތީގެ ކޮންމެވެސްވަރެއްގެ ތަފާތުކަމެއް ހުންނަކަން ފާހަގަކުރެވެއެވެ. އަދި އެއެއްޗެއްސަށް ކިޔާއުޅޭ ނަންނަމުގައިވެސް ކޮންމެވެސްވަރެއްގެ ތަފާތުތަކެއް ހުންނަކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބަލާއިރު އާންމުކޮށް ދިވެހިން ދިވެހި ރުކުފަނުން އުފައްދާ ބައެއް ތަކެއްޗަކީ:
ތޮށަލި
ވަށި
ފަންގި
ދޫނި
ބޯޅަ
ކޯޑި
މުޅޯށި
ގޮނު
އިލޮށިފަތި
ބޮޑުމަސް
އޯލަ
ބަށިބޯޅަ