Wednesday, November 17, 2010

 
 ތާރީޚުން ތަންތަންކޮޅު
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ ހއ. ވަށަފަރު
ހުކުރުމިސްކިތް
މިހާރު މާލޭގައި ފެންނަން ހުރި ހުކުރު މިސްކިތް ބިންގާ އަޅުއްވައިދެއްވީ، އައްސުލްޠާން އިބްރާހިމް އިސްކަންދަރު 1 ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ އަތްޕުޅުން، ހިޖުރައިން 1066 ވަނަ އަހަރު ޝަޢުބާން މަހުގެ 22 ވީ ހުކުރުދުވަހުއެވެ. މިއީ އައްސުލްޠާން އަޙުމަދު ޝިހާބުއްދީން،
ހިޖުރައިން 548 ވަނަ އަހަރު  އައުކުރެއްވި މިސްކިތް ހުރިތާނގައި، އަލުން ބިންގާ އަޅުއްވައިގެން ހެއްދެވި މިސްކިތެވެ. މިސްކިތް ބިނާކޮށް ނިމުނީ ހިޖުރައިން 1068 ވަނަ އަހަރު ޞަފަރު މަހުގެ 16 ވަނަ ދުވަހު އެވެ.  
އައްސުލްޠާން އިބްރާހިމް އިސްކަންދަރު 1 ވެސް މާލޭގެ ހުކުރު މިސްކިތް އައުކުރެއްވިއެވެ. އެއީ 1658 ވަނަ އަހަރުއެވެ. އެއަށް ފަހު  އެރަދުންގެ ރަސްކަމުގެ 20 ވަނަ އަހަރުގެތެރޭގައި - މީލާދީން 1667 ވަނަ އަހަރު - ހުކުރުމިސްކިތުގެ ދޮރޯށި ހައްދަވާ އެތަން ފިޤުހުވެރީން ލައްވައި ހެއްދެވުމާއި ވިދިގެން އެތަނުގައި ކީރިތި ޤުރުއާނާ ފަރުޟު ޢިލްމު އުނގަންނައިދޭން ފެށުނެވެ. ރާއްޖޭގެ ފުރަތަމަ ރަސްމީ މަދަރުސާއަކީވެސް ހުކުރު މިސްކިތެވެ.
ދިވެހިރާއްޖެ އިސްލާމްވުން
ރާއްޖެ އިސްލާމުވީ މީލާދީ ސަނަތުން 1153 ވަނަ އަހަރު ކަމުގައި ތާރީޚީ ފަތްފުށްތަކުން އެނގެން އެބަހުއްޓެވެ. ރާއްޖެ އިސްލާމްވެގެންދިޔައީ، އޭރު ރާއްޖޭގެ ސިންގާސަނާގައި އިންނެވި ސްރީ ތިރިބުވަނަ އާދީއްތިޔަ މަހާރަދުން، މަޣުރިބު ކަރައިގެ ބޭކަލެއްކަމުގައިވާ  މައުލާނާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ގެ އަތްޕުޅު މައްޗަށެވެ. އެއީ ރާއްޖެ އިސްލާމްވުމުގެ ފެށުމެވެ. އެ ރަދުން އިސްލާމުވެވަޑައިތީ، ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލް އަޚިރުމަހުގެ 2 ވަނަ ދުވަހުއެވެ. ރަދުން އިސްލާމުވެވަޑައިގަތުމަށް ފަހު އެބޭފުޅާގެ ނަންފުޅުވެސް ވަނީ މުޙައްމަދު އިބްބު ޢަބްދުﷲ އަށް ބަދަލުކޮށްފައެވެ. ދަރުމަވަންތަ ރަސްގެފާނަކީ މިއީއެވެ.  
ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރުން
މުޙައްމަދު ތަކުރުފާނު ރާއްޖޭ ހިމާޔަތަށް ހަނގުރާމަ ފެއްޓެވީ ޢަލީރަސްގެފާނު ޝަހީދުވުމާ ގުޅިގެންނެވެ. ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތި ކަމުގައި ރާއްޖެ 15 އަހަރު އޮތުމަށްފަހު، މިނިވަންޖައްވަކަށް ދިވެހި މިއުއްމަތް ލޯހުޅުވާލީ، ރާއްޖޭގެ އުތުރުފަރާތު އުދަރެހުން ފާއްދާލި ހިތްވަރުގަދަ ދިވެހި ދަރިންތަކެއްގެ ހިކުމަތްތެރި މިންނެތް މަސައްކަތުންނެވެ.
ޕޯޗުގީޒުންނާއި ދެކޮޅަށް ކުރި ހަނގުރާމާގައި، މާތް ﷲ ގެ ވާގިފުޅާއި ހެޔޮ ރަހުމަތްފުޅުން ދިވެހީންނަށް ނަޞްރާއި ކާމިޔާބު ލިބުނީ 1573 ޖުލައި 01 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގެ އާރުކާޓީއަކަށް ހުންނެވި އުތީމު މުޙައްމަދު ތަކުރުފާނުގެ ތޫނުފިލި ވިސްނުންފުޅާ ހިކުމަތު ޢަމަލުން ހޯއްދެވި މިނިވަންކަމުގެ ފޮނިކަން މިއަދުވެސް އަޅުގަނޑުމެން އަރުގައި އެބަހުއްޓެވެ.  މުޙައްމަދު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ނަންފުޅުގައެވެ.
ހޮޅިން ރަދުން އަތުލައިގަތުން

އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން ( ތިންވަނަ ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން (1750މ އިން 1757މ އަށް ) ގެ ރަސްކަމުގެ ތިންވަނަ އަހަރުގެތެރޭގައި އޭރުފަނޑިޔާރުކަމުގައި ހުންނެވި މުޙައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ ޚަތީބު އަޙުމަދު މުޙުޔިއްދީނާއި ދެބެން ހިޔާނާތްތެރިވެ، ކަންނަންނޫރު ޢަލީ ރާޖާގެ ވާގިވެރިކަމާއެކު ރާއްޖޭގެ ވެރިކަން ހޯދަން މަސައްކަތްކުރިއެވެ. މި މަސައްކަތުގެ ނަތީޖާއަކަށްވީ، ހަނގުރާމަމަތީ ތިންނަވެއް ޢަލީ ރާޖާ މާލެ ފޮނުވުމެވެ. މި ނައުތަކުގެ ތެރެއިން، ދެ ނައުގައި އައިމީހުން މާލެ އަރާ، (އަނެއް ނައު ފާދިއްޕޮޅުގައި އޮތީއެވެ. ) އެތެރެ ކޮއިލަށް ވަދެ އެތަނުގައްޔާއި މާލެއިން ބޮޑު ބައެއްގައި ހުޅުޖަހާ އަންދާލުމަށް ފަހު އެނބުރި ދިޔަމީހުން ދަމުން ދިޔައީ ރަދުންނާއި ރަދުންގެ ބޮޑުބޭބޭފުޅާ ދައުލަތުގެ ޤަދަރުހުރި ބައެއް ޢިއްޒަތްތެރިން ގޮވައިގެންނެވެ.
ކޮއިމަލާ
މީލާދީ ސަނަތުން 1117 ވަނަ އަހަރަކީ މަލަ ބާރީންގެ އިއްޒަތްތެރި ދަރިކޮޅުގެ ބޭފުޅެއްކަމަށްވާ ކޮއިމަލާ ރާއްޖެ ވަޑައިގެން އަހަރެވެ. ކޮއިމަލާ ރާއްޖެ ވަޑައިގަތީ އޭނާގެ ޢާއިލާއާއި އަރިހުގައި ގެންގުޅުއްވާ މީހުންނާވެސް އެކުގައެވެ. އޭނާ ފުރަތަމަ ވަޑައިގެން ހުންނެވީ މިހާރުގެ ނަމުންނަމަ މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގައެވެ. އޭނާ މާލެ ވަޑައިގަންނަވަން ދައުމަތުއެރުވީ ގިރާވަރު މީހުންކަމުގައި ބުނެވެއެވެ. މިކޮއިމަލާއަކީ އޭރު ރާއްޖޭގެމައްޗަށް ބާރު ފޯރުވައިގެން ތިބި ޗޯޅާއިންނާއި ހަނގުރާމަކުރައްވާ އެމީހުން ބަލިކުރައްވާ މުޅި ދިވެހިރާއްޖެ އެއް ވެރިކަމެއްގެ ދަށަށް ފުރަތަމަ ގެންނެވި ރަދުންނެވެ. ތީމުގޭ ދަރިކޮޅު ފެށުނީ މި ރަދުންނާއި ހަމައިންނެވެ. މި ރަދުންގެ ކޮލީނަންފުޅަކީ ތީމުގޭ މަހާބަރަނަ މަހާރަދުންނެވެ.
މަސްވެރިކަން
މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތެކެވެ. އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އިންޖީނު ދޯނި 1974 ވަނަ އަހަރު ތަޢާރަފްވުމުންނެވެ. ދެން 1982 ވަނަ އަހަރު އަލިފުށީ ބޯޓުޔާޑުގައި ބޮޑެތި ދޯނިފަހަރު ބަނދެ، ބޭނުންކުރަންފެށީމައެވެ. މަސްވެރިކަން ދަނީ ތަރައްޤީ ވަމުންނެވެ.
ފެލިވަރު ކާރުޚާނާ
1978 ވަނަ އަހަރަކީ ޅ. އަތޮޅު ފެލިވަރުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް ހުޅުވުނު އަހަރެވެ. މި ކާރުޚާނާގެ ސަބަބުން ދިވެހި ކަނޑުތަކުގެ ސާފު ތާހިރު މަސް މުޅި ދުނިޔެއަށް ތަޢާރަފްވެގެން ދިޔައެވެ.
އިނގިރޭސީންގެ ހިމާޔަތުގެދަށަށް ރާއްޖެ ދިއުން
އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުމަށް މެދުވެރިވި ސަބަބުތަކެއް އެބަހުއްޓެވެ. އެއްސަބަބަކީ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރާއި މާލޭގެ ބައެއް ޢިއްޒަތްތެރި ބޮޑުންގެ ޢާއިލާއަކާ ދެމެދު އުފެދުނު ބޮޑު ދެބަސްވުމެވެ. މިކަމުގެތެރެއިން ރަދުން އަވަހާރަކޮށްލެއްވުމަށް ރޭވި ރޭވުމާއި، ދެކޮޅުވެރިވި ފަރާތްތަކުން ބޭރު ގައުމުތަކުން އެހީ ހޯއްދަވަން މަސައްކަތްޕުޅުކުރެއްވުން ހިމެނެއެވެ. ކަންތައްތައް މިހެން ހުރީތީ އޭރުގެ ރަދުންގެ ފަރާތްޕުޅުން އިނގިރޭސި ދައުލަތުގެ ގަވަރުނަރެއްގެގޮތުން ސިލޯނުގައި ހުންނެވި، ސަރ އާރތާރ ހެމިލްޓަން ގޯޑްންއަށް 1887 ޑިސެމްބަރ 16 ގައި ފޮނުއްވި ފަތްކޮޅެއްގައި އިނގިރޭސި ދައުލަތުގެ ހިމާޔަތަށް އދިވަޑައިގެންފައި އޮތުމާއެކު އެ ފަތްކޮޅުގައި އެދިގައި އޮތްގޮތަށް އިނގިރޭސީންގެ ހިމާޔަތަށް ދިވެހި ދައުލަތް ދިއައީއެވެ.
އިނގިރޭސީންގެ އަތުން މިނިވަންވުން
1987 ވަނަ އަހަރު ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވަނީ އެއްބަސްވުމެއް ވެފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުތުރުން ހއ. ކެލާގައްޔާއި ދެކުނުން ސ. ގަމުގައި އިނގިރޭސީން ތިބުމަށް ހުއްދަކުރެވުނެވެ. މިގޮތުން ސ. ގަމުގައި އިނގިރޭސީން މަރުކަޒެއް އަޅާ އެތަނުގައި ދާދި ފަހަކާޖެހެންދެން ތިއްބެވެ. ދިވެހިރާއްޖެއަށް، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން އެއްފަރާތްވެ އަމިއްލަ ފައިމައްޗަށް ތެދުވެވުނީ، 1965 ވަނަ އަހަރުގެ ޖުލައި މަހުން 26 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީއޭރުގެ ވަޒީރުލް އަޢުޡަމް އަލްފާޟިލް އިބްރާހިމް ނާޞިރާ އިނގިރޭސި ހައިކޮމިޝަނަރ މައިކަލް ވޯކަރ އެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން
މީލާދީ ސަނަތުން 1903 ވަނަ އަހަރަކީ މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ( ދެވަނަ ފަހަރަށް ) ރައްޖޭގެ ރަސްކަމަށް އިސްކުރެވުނު އަހަރެވެ. މި ރަދުންނަށް ކޮލިލެވުނީ ހިޖުރީ ސަނަތުން 1322 ވަނަ އަހަރު ޖުމާދަލް ޢޫލާ މަހުން 23 ވީ ބުރާސްފަތި ދުވަހު އެވެ. މި ރަދުންގެ ރަސްކަމުގައި ޤައުމަށް ފައިދާހުރި އެތައް ކަމެއް ކޮސްދެއްވާފައި ވެއެވެ. ރައްޖޭގެ ފުރަތަމަ ޤާނޫން އަސާސީ އެކުލަވާލެވި، ތަޞްދީޤުކުރެވުނެވެ. އަދި ހަމަ އެހެން، ސިޔާސީ ދެކޮޅުވެރިކަމެއްގެ ސަބަބުން އުފެދުނު ފިތުނައެއްގައި ތަންތަނުގައި ހުޅުޖަހައި ރޯކުރުންފަދަ ކަންތައްތަކެއްވެސް ހިނގިއެވެ.
ދޮންބަންޑާރައިން
މީލާދީން 1166 ވަނަ އަހަރު، ހޮޅިން ( މަލާބާރީން ) ރާއްޖެ ހިފުމަށްފަހު 3 މަހާއި 20 ދުވަސް ވަންދެން ރާއްޖޭގައި ވެރިކަން ކުރިއެވެ. މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވާ މިނިވަން ކުރެއްވީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އާދެ! ދޮންބަންޑާރއިންނެވެ.
ބޮޑުރަސްގެފާނު
އައްސުލްޠާން އިބްރާހީމް (3 ވަނަ ) ސިރީ ސުންދުރަ ސުވަރުދަ ލޯކަ މަހާރަދުން (ކަލާފާނު) ޝަހީދުވެ ވަޑައިގަތީ މަލާބާރީންނާއި ކުރެވުނު ކަނޑުމަތީގެ ހަނގުރާމައެއްގައި މީލާދީން 17 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކަމަށް ލިޔެފައި ވެއެވެ. މަލާބާރީން ރަދުން ޝަހީދުކޮށް ރަދުންގެ ކޮއްކޯފުޅު ކަޅުތުއްކަލާ ( ފަހުން ބޮޑުރަސްގެފާނު ) ކަންނައްނޫރަށް ގެންދިޔައެވެ.
03 ނޮވެމްބަރ 1988
1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 03 ވަނަ ދުވަހަކީ ރާއްޖެ މިހާތަނަށް ދުށް އެންމެ ބޮޑު ޢުދުވާނާ ރާއްޖެ ކުރިމަތިލި ދުވަހެވެ. ރާއްޖެއާއި އަވަށްޓެރި ޤައުމެއްގެ މައި ސަރުކާރާ ވަކިވާން މަސައްކަތްކުރާ ގެރިއްލާ ޖަމާޢަތެއްގެ ބަޔަކު ގޮވައިގެން ދިވެހި ޚާއިނުންގެ ބަޔަކު ރާއްޖެ އައިސް ރާޖޭގެ ވެރިކަމާ ތޮޅެން ކުރި މަސައްކަތުގައި ދިވެހީންގެ ބަޔަކު ޝަހީދުކޮށްލިއެވެ. މާތް ﷲ ގެ ވާގިފުޅާއެކު ނަޞްރު ލިބުނީ ދިވެހީންނަށެވެ.
ބޮޑުރާޅު
ރާއްޖެއަކީ މިނިވަން، މުސްތަޤިއްލު ތާކަށް ވިޔަސް، ދުނިޔޭ ގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަށް ރާއްޖެއަށްވެސް އަންނަމުންދެއެވެ. މިގޮތުން،1987 އޭޕްރީލް 1 ވަނަ ދުވަހުގެރޭ މާލެއަށް އާދަޔާ ޚިލާފް ގޮތަކަށް ރާޅުއަރާކަމުގެ ރިޕޯޓެއް ލިބުނެވެ. ޖެހިގެން އައި ދުވަހު ހެނދުނު 11:00 ހާއިރު މާލޭގެ ހުޅަނގު ފަރާތާ ދެކުނު ފަރާތަށް ރާޅު އަރާ ވަރަށް ބޮޑެތި ގެއްލުންތަށް ލިބުނެވެ. ރައްޔިތުންނާއި މުދައު ސަލާމަތް ކުރުމަށް ސިފައިން މަސައްކަތް ކުރިއެވެ. ރާއްޖޭގެ އެހެން ހިސާބު ތަކަށްވެސް  ރާޅު އެރިއެވެ.
އިސްލާމީ މަރުކަޒު
1978 ވަނަ އަހަރު އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމް ރާއްޖާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޚިޔާލުފުޅަކީ ރާއްޖޭގައި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ ޚިޔާލުފުޅެވެ. މި ޚިޔާލުފުޅަށް ޙަޤީޤީ ސިފަގެންނަވަން ޢަމަލީގޮތުން ކުރެއްވެވި މަސައްކަތްޕުޅާއި ދަތުރުފުޅުތަކުގެ ނަތީޖާއަކަށްވީ ސަޢޫދީ އެރޭބިޔާއިންނާއި ނެގާރާ ބުރުނާއީ ދާރުއްސަލާމުންނާއި މެލޭޝިޔާއާއި ޕާކިސްތާނާއި އަލް ޢިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާ އާއި މިޞްރާއި ކުވޭތުފަދަ އެކުވެރި އިސްލާމީ ޤައުމުތަކުގެ އެހީގައި އެފަދަ މަރުކަޒެއް ބިނާކުރެއްވުމެވެ. 1982 ނިވެމްބަރ 11 ގައި ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވި މި ބިނާ ނިމުނީ ދެ އަހަރު ފަހުންނެވެ. ދައުލަތުގެ ބަޖެޓުންވެސް ބޮޑުބައެއް ހޭދަވެގެންނެވެ. މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް އެކުވެރި ދައުލަތްތަކުގެ ވެރިންފެންވަރުގެ ބޭފުޅުން ވަޑައިގަތެވެ. މަރުކަޒުގައި ފުރަތަމަ އިމާމުވެ ނަމާދުކުރެއްވީ މިޞްރުގެ ޖާމިޢުލް އަޒުހަރު އިމާމުލް އަކްބަރު އައްޝައިޚް ޖާދަލް ޙައްޤް ޢަލީ ޖާދަލް ޙައްޤް އެވެ. 
ވައިގެ ބަނދަރު
ރާއްގެއިން ގޮސް އައިސްވާ މީހުން ދާދި ފަހަކާ ޖެހެންދެންވެސް ގޮސް އައިސްވެ އުޅުނީ ކަނޑުމަގުންނެވެ. ރާއްޖޭގެ މީހުން ބޭރަށް ދިޔުމަކީ ވަރަށް ބޮޑުކަމެކެވެ. ބިނދޭސީން ރާއްޖެ އައުމަކީވެސް އެހާ މުހިއްމު ކަމެކެވެ. ކަންމިހެންއޮއްވާ، މާލެ ކައިރީގައި އޮތް މީހުން އުޅޭރަށެއް ކަމުގައިވާ ހުޅުލެއާއި އެރަށާ ވަރަށް ކައިރީގައި އޮތް ގާދޫއާ ގުޅާލާ، އެތާގައި ވައިގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފެށުނެވެ. މި މަސައްކަތް ފެށުނީ 04 އޭޕްރީލް 1960 ގައެވެ. ތަނުގައި އެޅުނު ރަންވޭގައި ފުރަތަމަ ބޯޓެއް ޖެއްސީ 1966  އޭޕްރީލް 12 ގައެވެ. އެފަހަރު ޖެއްސީ އެއަރ ސިލޯނުގެ ބޯޓެކެވެ. އޭގެފަހުން އެކިފަހަރުމަތިން މަރާމާތުކޮށް އައިކުރެވި ތަރައްޤީކުރެވުމަށް ފަހު މިއަދު މިއޮތީ ބައިނަލްއަގުވާމީ ފެންވަރުގެ ވައިގެ ބަނދަރެކެވެ.
ރާޖަރާޖާ ރަސްގެފާނު
މީލާދީ ސަނަތުން ފުރަތަމަ ގަރުނުގެ ތެރޭގައްޔާއި، އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން އިންޑިޔާގެ ރާޖާއިން ރާއްޖެޔާތޮޅެން ހަނގުރާމަމަތީ ނައުފަހަރު ފޮނުވަމުން ދިޔަކަން ތާރީޚީ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. މީލާދީ ސަނަތުން ފުރަތަމަ ގަރުނުގެ ތެރޭގައި ދެކުނު އިންޑިޔާގެ ނައުފަހަރު ދިވެހިރާއްޖެއަށާއި  ލަކުޑިދީބަށް ފޮނުވިކަމަށް ދެކުނު އިންޑިޔާގެ "ސަންގަމް" ލިޔުންތަކުގައި ލލިޔެފައިވާ ވާހަކަޔާއި ދެކުނު އިންދިޔާގެ ޕައްލަވަ ދަރިކޮޅުގެ ނަރަސިންހަ ވަރުމަން ރަސްގެފާނު ދިވެހިރާއްޖެޔަށާއި ލަކުޑިދީބުގެ މައްޗަށް ބާރުހިންގެވިކަމަށް މީލާދީ ސަނަތުން ހަތްވަނަ ގަރުނުގެ ލިޔުމެއްގައި ލިޔެފައިވާކަން މިގޮތުން ފާހަގަކޮށްލެވެއެވެ. މިގޮތުން އެންމެ މުހިއްމު ލިޔުމެއް ފެނިފައިވަނީ ދެކުނު އިންޑިޔާއިންގެ ޗޯޅާއިންގެ ލިޔުންތަކުގެ ތެރެއިންނެވެ.. އެލިޔުންތަކުގައިވާގޮތުގައި ޗޯޅާއިންގެ ރަސްގެފާނު ރާޖަރާޖާ ( 985މ އިން 1014މ އަށް) ދެކުނު އިންޑިޔާގެ ހުރިހާ ރަށެއް ފަތަހަކުރައްވާ އޮޅުދޫ ކަރައިގެ އުތުރުބައި އަތުލުއްވާ ދިވެހިރާއްޖެ ހިއްޕެވިއެވެ.
ފަތުރުވެރިކަން
ހުޅުލޭގައި އަލަށް ހެދުނު ވައިގެ ބަނދަރާ ގުޅިގެން ރާއްޖޭގައި ފަތުރުވެރިކަމުގެ މުސްތަޤުބަލެއް އޮތްތޯ ބަލަން ކަމާބެހޭ މާހިރުން އ. ދ. އިން އައިސް ހޯދުންތައް ހޯދިއެވެ. މިގޮތުން 1966 ވަނަ އަހަރު އައި މާހިރަކު ކަނޑައެޅީ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެއްވެސް މުސްތަޤުބަލެއް އޮތްތަނެއް ނޫންކަމުގައެވެ. އަހަރުތައް ފާއިތުވަމުންގޮސް 1971 ވަނަ އަހަރު ރާއްޖެއަށް ޝައުޤުވެރިކަން ދިން ދަތުރުވެރިޔަކު، ދިވެހި ޒުވާނަކާ ގުޅިގެން މިމަސައްކަތް ފެށޭތޯ ބެލިއެވެ. އިޓަލީއަށް އުފަން މިސްޓަރ ޖޯޖު ކޯބިންއާއި އަލްފާޟިލް އަޙުމަދު ނަސީމު ގެ މަސައްކަތުން ރާއްޖެގެނެވުނު ފަތުރުވެރިންގެ 22 މީހުންގެ ގުރޫޕް 1972 ވަނަ އަހަރު ފެބުރުއަރީ 16 ވަނަ ދުވަހު މާލެއައިސް ހަފުތާއެއްހާ ދުވަހު ތިއްބެވެ. ފަތުރުވެރިކަން އެހިސާބުން ފެށިގެން އައިސްފައިވާ ހިސާބުބަލާ ކޮންމެ މީހަކަށް އެއޮތީ ފެންނާށެވެ.
ބޮޑުތަދު
ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ (1939މ ން 1945މ. ށް) ފެށި އެހަނގުރާމައިގެ އަސަރު ދުނިޔެއަށް ފެތުރެން ފެށުމާއެކު ރާއްޖެއަށް ވަރަށް  ދަތި ދުވަސްވަރެއް އައެވެ. ރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން ޟަރޫރީ ބާވަތްތައް ގެންނަމުންދިޔަ ބޭރުގެ ވިޔަފާރިވެރިންގެ ބަނގަލާފަހަރު ދަތުރުތައް ހުއްޓި ރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހި ކާޑުބަލީގައި މީހުން މަރުވެ އުނު އޮރިޔާން ނިވާކުރެވޭވަރަށް ފޭރާން ނުލިބިވެސް ދިޔައެވެ.
ފުރަތަމަ ޖުމުހޫރިއްޔާ

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރުމުގެ ފެށުން ގުޅިފައިވަނީ ހިޖްރައިން 1362 ވަނަ އަހަރުގެ ރަބީޢުލް ޢައްވަލް މަހުގެ 2 ވަނަ ދުވަހު އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީ އިސްތިޢުފާ ދެއްވުމާއެވެ. އެކަމާއި ވިދިގެން ރައްޖޭގެ ރަސްކަމަށް އިންތިޚާބް ކުރެވުނު އަލްއަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމާއެކު، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނެގުނު ޢާއްމު ވޯޓަކުން ނިމުނީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް އޮތުމަށެވެ. މިގޮތުން 1953 މ. ޖެނުއަރީ 1 ގައި އުފެދުނު ޖުމްހޫރިއްޔާ އަކަށް މާގިނަ ދުވަހަކު ނުއޮވެވުނެވެ. ހިޖްރައިން 1372 ވަނަ އަހަރުގެ ޒުލްޙިއްޖާ މަހު 11 ވީ ހުކުރު ދުވަހު ފަޚާމަތުއް ރައީސް އަލްއަމީރު މުޙައްމަދު އަމީން ވެރިކަމުން ދުރުކުރެވުނު އިންގިލާބާ އެކު ޖުމްހޫރިއްޔާވެސް އުވުނީއެވެ.
ފުރަތަމަ ޤާނޫނު އަސާސީ
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ރަސްކަމުގައި އެކުލަވާލެވުނު ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށުނީ 1931 މ. މާރޗް 19 ގައި ކީރިތި މަހާރަދުން އެންގެވި އެންގެވުމާއި ގުޅިގެން އެއަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު (1351 ހ. ޝަޢުބާން 23 ) އެވެ. ޤާނޫނު އަސާސީ އެކުލަވާލުމަށް އުފެއްދެވި ކޮމިޓީގައި އޭރުގެ އިސް ޢާލިމުންނާއި ޢިއްޒަތްތެރިން ހިމެނެއެވެ. 92 މާއްދާގެ މައްޗަށް އެކުލެވިގެންވި މިޤާނޫނު އަސާސީ ކީރިތި މަހާރަދުން ތަޞްދީޤް ކުރައްވައި އިއްލާން ކުރެވުނީ 22 ޑިސެމްބަރ 1932 މ. ގައެވެ. ރާއްޖޭގައި  ފުރަތަމަ ފުލުހުން އުފެދުނީ މިޤާނޫނު އަސާސީ އާ ގުޅިގެންކަމަށް ބުނެވެއެވެ.
ދިވެހިރާއްޖެ އުފެދުން
މީގެ ދުއިސައްތަ ފަންސާސް މިލިއަން އަހަރުކުރިން ދުނިޔޭގެ ބިންއޮތީ އެއްބައްރަކަށް ހިކިފައެވެ. މި ބިމަށް "ޕެންގައިއާ" އޭ ކިއުނެވެ. މިބިން މީގެ 150 މިލިއަން އަހަރުގެ ކުރިން ބައިބައިވާން ފެށި ދުވަސްވަރު އުފެދުނު ކަނޑުތަކުގެ ތެރޭގައި އިންޑިއާ ކަނޑުވެސް ހިމެނުނެވެ. "ޕެންގައިއާ" ދެބައިވެ، "ގޮންޑުވާނާ ލޭންޑް" އާއި ލޯރޭޝިއަރ" މީގެ 136 މިލިއަން އަހަރުކުރިން ވަކިވުމާއިހަމައިން  ފެށިގެން، ދުނިޔޭގެ އެތެރޭގައި ވިރިކެކެމުންދިޔަ ހިލައިގެ ކަނޑުމަތީގައި ދުނިޔޭގެ ބައްރުތައް އުފުލާ ޕްލޭޓްތައް ދަތުރުކުރާން ފެށިއެވެ. މިގޮތުން އިންޑިއާ އެޕްލޭޓެއްގެ މަތީގައި ދަތުރުކުރަމުން ދިޔަ، ޕްލޭޓް މީގެ 53 މިލިއަން އަހަރުކުރިން ވަރަށް ހޫނުގަދަ ސަރަހައްދެއްގެ މަތިން ދަތުރކުރިއެވެ. މިގޮތުން އެ ޕްލޭޓުގައި އަލިފާން ފަރުބަދަ އުފެދެން ފެށިއެވެ. މި ސަރަހައްދުން އުތުރަށް މި ޕްލޭޓް ދަތުރުކުރަމުން ދިޔައިރު، މި ސަރަހައްދުން އުތުރަށް ދަތުރުކުރަމުން ދިޔަ ފަރުބަދަތަށް ހިހޫވަމުން، ފަހަތުން އައު ފަރުބަދަ އުފެދެމުން ދިޔައެވެ. އިންޑިއާގޮސް އޭޝިއާގެ ޕްލޭޓުގައި ޖެހިގެން މަޑުޖެހިލުމަށް ފަހު މި ފަރުބަދަތައް ކަނޑަށް ގެނބެމުން ދިއައެވެ. އަދި ގެނބެމުން ދިއަ ބަރުބަދަތަކުގެ ވަށައިގެން ލޮނުގަނޑު ޖެހޭ ހިސާބުގައި މުރަކަ އުފެދި، ފަރުތައް އުފެދި މިގޮތުން ރާއްޖޭގެ އަތޮޅުތައް އުފެދުނެވެ.
-          ދިވެހި ތާރީޚީ ފަތްފުށްތަކުން އެއްކުރެވުނު ތާރީޚީ ޞަފްޙާއެއް -