Tuesday, January 11, 2011

 
ދިރާސީ އައުއަހަރުގެ އުފަލަށް އެދޭނަމަ.......
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
                ދިވެހިރާއްޖޭގެ ލޮބުވެތި ދަރިވަރުންނަށާއި އެންމެހާ ބެލެނިވެރިން ގެ އިތުރުން ތަޢުލީމީ ދާއިރާގެ އެންމެހާ ސްޓާފުންނަށާއި ޚާއްޞަކޮށް މުދައްރިސުންނަށް  އުފާވެރި ދިރާސީ އައު އަހަރަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. މި މަރުޙަބާ، ތުޅާދޫގެ އެންމެހާ ދަރިވަރުންނަށާއި އަޅުގަނޑުގެ އުފަން ރަށުގެ އެންމެހާ ދަރިވަރުންނަށް ވަކިން  ޚާއްޞަކުރަމެވެ.
                 ލޮބުވެތި ދަރިވަރުންނޭވެ! މި އަދަކީ ދިރާސީ އައު އަހަރު ފެށުނު ދުވަސްކަމަށް ވިޔަސް ތިބާ އުފާ ކުރަންވީ ކޮން ސަބަބަކާއިހުރެހެއްޔެވެ؟ ފާއިތުވެ ދިއަ އަހަރަކީ ތިބާގެ ތަޢުލީމީ ޙަޔާތުން ފާއިތުވެ ދިޔަ އަހަރެކެވެ. ނަމަވެސް، އެ އަހަރުގައި ތަޢުލީމީގޮތުން ތިބާއަށް ލިބުނީ ކޮން އަރުތައެއްހެއްޔެވެ؟ ނިކަން ގިނިކަންޏާ އިނދެ މިކަމާ ފިކުރުކޮށްލަ ބަލާށެވެ. އައު އަހަރަށް ތައްޔާރުވުމަށް ތިބާ އައު ބޫޓާ ޔުނީފޯމު، އައު ފޮތްތަކާއި ދަބަސް ގަނެ ރީތިހާ ގަނޑުތައް ފޮތަށް ލައްވާ، ފޮނިގޮތް ގޮތަށް ނަންކަރުދާސްކޮޅުތައް ފަރުމާކޮށް ހަދައިފީމުއެވެ.
                 އެހެނަސް އައު އަހަރަކަށް ތައްޔާރުވުމަށް ކަނޑައެޅީ ކޮން އަޒުމެއް ހެއްޔެވެ؟ ހާސިލުކުރަން ކަނޑައެޅީ ކޮން ލަނޑުދަނޑިއެއް ހެއްޔެވެ؟
                  ލޮބުވެތި ބެލެނިވެރިންނޭވެ! ނިކަން ހޭއަރާ ވިސްނާތިއްބަވާށެވެ. ތިބާގެ ދަރިފުޅަށް ފައިބެ އަހަރު، ތަޢުލީމީ އާރުން ފޮނިމީރު ތާޒާފެން ބޯން ލިބުނީ ކިހާ މިންވަރަކަށް ތޯއެވެ؟ ތިބާގެ ދަރިފުޅަށްޓަކާ އެތައް ގިނަގުނަ ހޭދައެއް ތިބާ ކުރީމުއެވެ. އެހޭދަތަކުގެ އަގުކުރެވުނީ ކިހާ މިންވަރަކަށްތޯ ފަހެ ތިބާ ވިސްނަވާކަށް ނުވޭހެއްޔެވެ؟ ފާއިތުވެ ދިޔަ ވަގުތަކީ އަނބުރާ ލިބޭނެ ވަގުތެއް ނޫނެވެ. ހަމައެކަނީ ވެވޭން އޮތް ކަމަކީ ފާއިތުވިތަނުން، އިބްރަތް ހާސިލުކުރުމެވެ. އޭގެ އަލީގައި މުސްތަޤްބަލް ކުރެހުމެވެ. މިގޮތުން، ތިބާ މިއަދު އައު އަހަރަށް ތައްޔާރުވުމަށް އަގުބޮޑުހެންހީވާ ފޮތިން ޔުނިފޯމްކަނޑާ، ގޮތްގޮތަށް ކުރެހުން އެޅި ގަނޑުލައްވާ، ޒާތްޒާތުގެ ނަންކަރުދާސް ހައްދައިދީ، ކުލަކުލައިގެ ގަލަން ތިބާގެ ދަރިފުޅަށް ހޯދައިދިނުމުގައި އަވަދިނެތި އުޅެފީމުއެވެ.  އެހެނެއްކަމަކު، ތިބާގެ ދަރިފުޅަށް ފާއިތުވެ ދިޔަ އަހަރު އުނގެނުމުގެ މައިދާނުގައި ލިބުނު ކާމިޔާބާއި ނާކާމިޔާބުގެ މަތިން ހަނދުމަކޮށްދިނުމުގައި ހޭދަކުރެވުނީ ކިހާ ހިނދުކޮޅެއްތޯ ތިބާ އަމިއްލަފުޅަށް ވިސްނާލެއްވުން ކިއެއްތޯއެވެ؟
                 ޝަރަފްވެރި މުދައްރިސުންނޭވެ! ނިމިގެން ދިޔަ ދިރާސީ އަހަރު، ތިބާ ކުރި މަސައްކަތުގައި ކާމިޔާބު ލިބުނީ ކިހާ ވަރަކަށްތޯއެވެ؟ ތިބާއަށް ބަރޯސާކޮށް ހަވާލުކުރެއްވި، މުތްތަކަށް ގެނެސްދެވުނީ ކޮން އޮފްކަމެއްތޯ ތިބާ ނިކަންހުރެ ވިސްނާލެއްވުން ކީއްތޯއެވެ؟  މުދައްރިސުންނަކީ މުޖުތަމަޢުގެ މޭސްތިރިންނެވެ. ގައުމަށް ކިއްސަރު ގެންނަވަން ތިއްބެވި ހުނަރުވެރި ވަޑިންނެވެ. ތިއަ ބޭފުޅުން ބޭނުންވެލެއްވި ބައްޓަމެއް އެ އޮޑިއަށް ގެނެވިދާނެކަމުގެ ޝައްކެއް ކުރައްވާނެ ބޭފުޅަކު ނުހުންނާނެއެވެ. އެހެންކަމުން އައު އަހަރަކަށް ތައްޔާރުވާއިރު ތިބާގެ ދަރިވަރުންނާއި މެދު ފިކުރުކޮށްލުމަށް ކޮންމެ ދުވަހެއްގެވެސް ވަގުތުކޮޅެއް ޚާއްޞަކޮށްލެއްވުން ކިއެއްތޯއެވެ؟ އަބަދުވެސް ދަރިވަރުންގެ ތަޢުލީމީ ފެންވަރު "މިހާރަށްވުރެ" ރަނގަޅުކުރުމަށް "ދެން" ކުރެވިދާނެ ކަމަކާ ދޭތެރޭގައި ފިކުރުކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ، މުދައްރިސެއްގެ ހައިސިއްޔަތުން އަޅުގަނޑު މިވާހަކަ މި ދަންނަވަނީ، މިހާރުވެސް ދަރިވަރުންގެ މުސްތަޤްބަލާމެދު ފިކުރުކުރެއްވުމުގައި މުދައްރިސުން ވަގުތު ހޭދަކުރައްވާކަން ދެނެހުރެއެވެ. އެހެންނަމަވެސް ހިތް އެކަމަށް އެދޭލެއް ބޮޑުކަމުންނެވެ.