Saturday, April 9, 2011

 
ޅެންވެރީންނަށް ޝުކުރުވެރިވަމެވެ.
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
          ޅެންވެރިންގެ "ގަލަންކޮޅު"، ވިދުމާއި ފަނޑުވުން ބިނާވަނީ އެމީހުންގެ ވިސްނުމުގެ ދުރުމީ ހިންގޭ ދުރުގާތްކަމެއްގެ މައްޗަށެވެ. އެމީހުންގެ ނަޒަރުހުންނަންވާނީ ހަމައެކަނި ނޭފަތު ކުރިއަކަށް ނޫނެވެ. އެއަށްވުރެ ދުރަށް- މާދުރަށް ނަޒަރު ހިންގަންޖެހޭނެއެވެ. އަދި ހަމަ އެހެންމެ، އެމީހުންގެ ފިކުރުގެ ހުޅުދާން ފޯރަންވާނީ، އެމީހުންގެ ހިޔަންޏާ ހަމައަކަށްވެސް ނުމެނޫންމެއެވެ. ޅެންވެރިންނަކީ ފިކުރުގެ ވާދީގައި އެކޮޅަށާއި މިކޮޅަށް އަބަދުވެސް ދަތުރުފަތުރުކޮށް އުޅެން ޖެހޭ ބައެކެވެ. މުޖުތަމަޢުގައި ހަމަ މަގުން ކަސިޔާރުވެފައިވާ ކޮންމެ ފަރުދަކަށްވެސް،
އިންސާނީ ޖަޒުބާތާ ގުޅުންހުރި ކޮންމެ ކަމެއްގާމެ، އަމާން މަންޒިލުގެ ދުރު ރާސްތާ ފެންނާނެހެން، އާރުކާޓީއެއްގެ ދައުރު އަދާކުރެއްވުމަކީ ޅެންވެރިންގެ މަސްއޫލިއްޔަތެކެވެ.
ޅެންވެރިންނަކީ ބަހުގެ މާހިރުންކަމުގައި ނޫނީ ނުވާނެއެވެ. އަސަރުގަދަ ޅެމަކުން ހިތަށް ކުރާ އަސަރު އެނޫން ލިޔުމަކުން ކުރާ އަސަރަށްވުރެ ބޮޑުވާނެއެވެ. އިންސާނާގެ އިހުސާސްތަކަށް ހިތްހަމަޖެހުން ގެނުވާ އެއްޗަކަށް ލަވަ ވެގެންދަނީ ހަމައެކަނި އޭގައި އެކުލެވޭ މިއުޒިކެއްގެ ސަބަބަކުން ނޫނެވެ. ފޮދުފޮދުވަރުން ލޭކަރުނަތައް އޮހި ކޯތާފަތް ތެމެމުން ދަނީ، އެލަވައިގެ ޅެންވެރިކަމުގައިވާ އަސަރުގަދަ ބަސްކޮށާރެއްގެ ސަބަބުން ނޫންތޯއެވެ؟ ލަވައިގެ އަވައިގައިޖެހި ޚިޔާލީ ޗަމަނުގައި މަސްތުވަނީ، އެލަވައިގެ ޅެންވެރިކަމުގައިވާ މުނާޞަބު ބަސްކޮށާރުގެ ސަބަބުން ނޫންތޯއެވެ؟ މާޔޫސްކަމުގެ މޮޅިވެރި ހިތަށް ފިނިކަން ލިބެނީ، އެލަވައިގެ ޅެންވެރިކަމުގައިވާ މައުނަފުން ބަސްކޮށާރުގެ ސަބަބުން ނޫންހެއްޔެވެ؟  އެހެންކަމުން ދެކޮޅުވެވޭން ނެތް ޙަޤީޤަތަކީ، އިންސާނާގެ ޖަޒުބާތުގެ އެންމެ ފުނަށް އަސަރުކުރުވާ އެކައްޗަކީ ޅެންކަމެވެ. ބަހުގެ ޙަޤީޤީ ފަންނުވެރިންނަކީ ޅެންވެރީންކަމެވެ.
ޅެންވެރީންނަކީ ވަޠަނުގެ ޟަމީރެވެ. ގައުމެއްގެ ޙަޤީޤީ ޙާލަތު ބަޔާންކުރާ، "ހިތާއި ދުލަކީ" އެޤައުމެއްގެ ލިޔުންތެރީންނާއި ޅެންވެރީންނެވެ. ޤައުމުގެ އާދޭސް "އެންމެ އާދޭހާއެކު" ދަންނަވާނީ ޅެންވެރީންނެވެ. އެބައިމީހުން، ޤައުމު އަދު އޮތް ހާލަތާއި، އެހާލަތުން ހެޔޮ ހާލަތަށް ބަދަލުކުރަންވީމަގާއި، ބަދަލުވާންވީ ދަނޑިވަޅުތައް އަންގައިދެއެވެ. ޤައުމުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ކަންކަމުގެތެރެއިން، ދޯހަޅިވެފައިވާ ކަންކަން ސަމާލުކަމަށް ގެނުވައެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއި ގުޅިގެން، އެޤައުމެއްގެ ޠަބީއަތާއި ފޭރާމަށް އަންނަމުންދާ ބަދަލު އޮޅުންފިލުވައިދެއެވެ. ހެޔޮ ބަދަލެއްނަމަ ތަޢުރީފްކޮށް ހިތްވަރުދެއެވެ. ނޭދެވޭ ބަދަލެއްނަމަ އޮޅުންފިލުވައިދީ، ނަސޭހަތްތެރިވެއެވެ. ކިނބިހިނީގެ ފިޔަވަޅުންފެށިގެން އިސްތިއުމާރުވުމާ ހަމައަށްވެސް، އެޤައުމެއްގެ ދިރިރިއުޅުމުގެ ނިޒާމަށް އަންނަމުންދާ ބަދަލު ޅެންވެރީން ފިސާރި ހުޝިޔާރުވެތިބެ ބަޔާންކުރާނެތެވެ. ޤައުމުގެ ވިންދު "ޤައުމުގެ ޟަމީރު" ބުނެދޭނެއެވެ.
ޅެންވެރީންނަކީ މުއައްރިޚުންނެވެ. ޤައުމުގެ ތާރީޚު އަމާނާތްތެރިކަމާއެކު ޖީލުތަކަށް ދެމިގެންދާނެހެން ފޯރުކޮށްދިނުމުގެ މޭސްތިރީންނަކީ ޅެންވެރީންނާއި ލިޔުންތެރީންނެވެ. ޤައުމުގެ މާޒީ، "އިއާދަކުރަނީ" އެމީހުންނެވެ. ޤައުމެއްގެ މުސްތަޤުބަލުގެ ރާސްތާ ކުރަހައިދޭ ސަމްގާއަކީ ވެސް ހަމަ އެބައިމީހުންނެވެ. ޤައުމީ ބަޠަލުންނާއި، ޤައުމީ މުނާޞަބާތަކުގެ ޒިކުރާ އައުކޮށް އެއިން ހިތްވަރުދެނީ އެމީހުންގެ އަގުހުރި ވަގުތު ޤުރުބާންކޮށްގެނެވެ. ޖޯޝުން ފުރިގެންވާ، ފޯރިގަދަ ލަވަޔާއި، އަސަރުގަދަ ރިޕޯރޓްތަކުން އެންމެން އެއްހިތްކުރަމުންނެވެ. އެއީ އެބައިމީހުންގެ މަސްޢޫލިއްޔަތުކަން ހިތުންރުހި ޤަބޫލުކުރާތީއެވެ. ޤައުމުގައި މިއަދު ހިނގާ މުހިއްމު ހާދިސާތަކާއި ކާރިސާތައް ތާރީޚުގެ ފަތްފުށްތަކުގެ ތެރެއަށް މާޒީވާން ދޫކޮށްލަނީ ލިޔުމެއް/ޅެމެއްގެ ސިފައިގައެވެ. އިއާދަކުރަންޖެހިއްޖެ ކޮންމެ ހާލަތެއްގައި މަތާރަންފިލާމަތިން ނަގާ ހިރަފުސް ފޮޅާލައިގެންނަމަވެސް ބޭނުންކޮށްލެވޭނެފަދަ ގޮތަކަށް ރައްކާކުރެވިފައި "ތާރީޚް" ދެމިއޮންނަނީ އެމީހުން ކުޅަ ބުރަ މަސައްކަތެއްގެ ސަބަބުން ނޫންހެއްޔެވެ؟ ޤައުމުގެ ތަރިކައިގެ ތެރޭއަށް ވަދެ އެކުވަނީ މިފަދަ ފަތްފުށްތަކެވެ. ލިޔުންތެރީންނާއި ޅެންވެރީންނީ، ޤައުމުގެ ރައުސްމާލެވެ. ދީބުގެ މާޒީއާއި މުސްތަޤުބަލުގެ ބާނީންނެވެ.
ޅެންވެރީންނާއި ލިޔުންތެރީންނަކީ ވަރަށްވެސް މާތްބައެކެވެ. އިޙުތިރާމާއި ޤަދަރު ޙައްޤުބައެކެވެ. ނަމަވެސް މި ދެންނެވި އިޙުތިރާމާއި ޤަދަރުވެރި ބައެއްގެ ގޮތުގައި ދެމި ތިބުމަށް ހިންމަތްކުރަނީ ކިތައް މީހުންތޯއެވެ؟ ޒިންމާދާރުކަމާއެކު، ޙަޤީޤީ މައުލޫމާތުން ތާރީޚު މުއްސަނދި ކުރުމަށާއި، ޙަޤީޤަތް ހާމަކޮށްދީގެން ކަންކަން އޮޅުންފިލުވައިދިނުމަށާއި، ބަސް  "މިނިވަންކަމާއެކު" ބޭނުންކުރުމުގެ އިތުރުން، އިޖުތިމާޢީ މައްސަލަތަކުގެ ހައްލު ހޯދައިދީ/ އޮޅުންފިލުވައިދެމުންދަނީ "ލިޔުންތެރީންނާއި ޅެންވެރީންގެ" ތެރެއިން ކިތައް މީހުންތޯ ޟަމީރާ ސުވާލުކުރުންހުއްޓެވެ. އަތޮޅުވެރިންނަށް ހިއްޕެވޭނީ ވަލުގައޭކިޔާ، އެއްފަރާތްވެ އުނގުމައްޗަށް މަޑިސީލަ ލައިގެން ދުފަން ތިބޭތަން، މަދު ޅެންވެރީންގެ ފަރާތުންނަމަވެސް  ފެނެއެވެ. އެހެންނަމަވެސް ޅެންވެރީންނަކީ، ޙަޤީޤީ މާނާގައި ހަމަ ޅެންވެރީންނެވެ.
މިގޮތުން، ޤައުމުގެ ތާރީޚް ރައްކާތެރިކޮށްދެނީ ޅެންވެރީންނެވެ. ޤައުމުގެ އާދޭސް އަޅުގަނޑުމެންނަށް އިއްވައިދެނީ ޅެންވެރީނެވެ. އިސްސާނީ ޖަޒުބާތާ ގުޅުންހުރި ކަންކަމުގައި ހެޔޮގޮތް ބުނެދެނީވެސް ޅެންވެރީންނެވެ. ބަސް އޭގެ އެންމެ ފޮނިކަމާއި ފަޚުރުވެރިކަމާއި ތާޒާކަމާއެކު ދިރުވައިދެނީ ޅެންވެރީން ފިޔަވާ ދެވަނަ ބައެއް ނޫނެވެ. އެހެންކަމުން، ލިޔުންތެރީންނާއި، ޅެންވެރިންނަށް ޝުކުރުވެރިވުން ޙައްޤެއް ނުވޭތޯއެވެ؟ އެބައިމީހުންގެ މަސައްކަތަށް އައްސަރިބަހާ ސާބަސް ދޭންވީވަގުތު ފަހެ އަދިވެސް ނުޖެހެނީހެއްޔެވެ؟ އެންމެން އެއްހިތަކުން މިދުވަސް، އާދެ ޅެންވެރީންގެ ދުވަސް ފާހަގަކުރުން ކިއެއްތޯއެވެ؟