Thursday, May 30, 2013

މަންމަ ދުށް ނޭދެވޭ ބަދަލު!
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު

         ދަރިފުޅާއެވެ. މަންމައަކީ މިއަދު އުމުރުން ދުވަސްވެފައިވާ މީހެކެވެ. އިހުވެސް މަންމަގެ ޤަދަރާއި ކަރާމަތަށް އިޙުތިރާމުކުރީ ހަމަ މަންމަގެ ދަރީންނެވެ. މިއަދު ތިޔަ ދަރިންނަށްވެސް އެކަން ކުރެވޭނެއެވެ. އާދޭސްކޮށްފައި ބުނަމެވެ. މަންމަގެ އަބުރަށް ހުތުރުވާ ފަދަ ކަންކަން ނުކުރާށެވެ. އެހެންމީހުންގެ ކުރިމަތީގައި މަންމަ ލަދުން އިސްޖަހަން ޖެހޭފަދަ އެއްވެސް ކަމެއް ތިއިން އެއްވެސް ދަރިއަކު ކުރާކަށް މަންމަ ނޭދެމެވެ. މަންމަގެ ދަރިންނަކީ، މެހުމާނުންނަށް އިޙުތިރާމްކޮށް އެމީހުންގެ މައްޗަށް އޯގާތެރިވި ބައެކެވެ. އެކުވެރިކަމަށް ލޯބިކުރި އެއްބައިވަންތަ ބައެކެވެ. ވީއިރު މިއަދު އެހެން ނުވާންވީ ކޮން ސަބަބަކާހުރެހެއްޔެވެ؟

          ތެދެކެވެ. އޭރު މަންމަ ޒުވާނެވެ. މިއަދު މިވަނީ މަންމަ މުސްކުޅިވެފައެވެ. އެކަމަކު އެހާވެސް މުސްކުޅިއެއް ނޫންދޯއެވެ؟ ދަރިފުޅާއެވެ. އަޑު އަހާށެވެ. ދަރިފުޅުމެންގެ ކާބަފައިން މަންމަގެ އުނގުގައި ބޮޑުކުރީ ނުހަނު ލޯބިންނެވެ. އޭގެ ބަދަލު އެމީހުން ދިނީ ކިޔަމަންތެރިކަމާއެކުގައެވެ. އެކަމަކު ދަރިފުޅުމެންގެ ވިސްނުން ތިއަހުރީ ދިމާ އިދިކޮޅަށެވެ. ތިއިން ކޮންމެ ދަރިއަކުވެސް ނަލަހެއްދީ އަޚުލާޤީ ރިވެތި ފޭރާމަކުންނެވެ. ނަމަވެސް މިއަދު އެ ފޭރާމުގެ ހާލަކީ ކޮބާ ހެއްޔެވެ؟
          މަންމަ މިއަދު ޤަބޫލުކުރަނީ، މަންމަގެ އާދޭހުގައި ދަރިފުޅުމެން ކޮޅުފައިން ޖެހީކަމަށެވެ. މަންމަ މިއަދު އެގޮތަށް ޤަބޫލުކުރީ ، ވަރަށް ނާޒުކު ސަބަބަކާހުރެއެވެ. ބޮޑު ބަދަލަކާހުރެއެވެ. ސަބަބަކަށްވި ބަދަލެކެވެ. ހަމަ އެންމެ ސަބަބެކެވެ. މަންމަގެ އުނގުގައި ތިއަ ދަރިން ކަންކަން ކުރާނެ ގޮތަކީ "ހުޅަގުގެ ފަރަންޖީން" ކަންކުރާ އުޞޫލުކަމުގައި ނިންމި ނިންމުމެވެ. އާއެކެވެ. ދަރިފުޅާއެވެ. އަޑު އަހާށެވެ. އެދުވަހަކީ މަންމަގެ ހިތަށް އަސަރުކުރި ދުވަހެކެވެ. ވަރަށް އަސަރުކުރިދުވަހެކެވެ. ވަރަށް ރުއީމެވެ. އާދޭސްވެސް ކުރީމެވެ. ކަރުނައެޅީމެވެ.  އެކަމަކު، ތިއިން އެއްވެސް ދަރިއަކު މަންމަގެ އާދޭހުގެ އަޑެއް ނޭހީމުއެވެ. ކަރުނައިގެ އަގު ވަޒަނެއް ނުކުރީމުއެވެ. މިއަދު ތިއަ ދަރިން ތަޖުރިބާ ކުރަމުން ތިޔަ ދަނީ އޭގެ ސަބަބުން  ލިބުނު ހިތިކަމެވެ. ގިތިކަމެވެ.
          ފަރަންޖީންގެ އުޞޫލަށް މަންމަ ނުގަބޫލުވީ ކީއްވެގެންކަން މިއަދު ދަރިފުޅުމެންނަށް އެނގޭނެއެވެ. ގޭތެރެއަށް ތަފާތު ކުލަތައް ތައާރަފުވެއްޖެއެވެ. އާއިލާ ފިތުނަވެއްޖެއެވެ. މިތުރުން ހަތުރުންނަށް ވެއްޖެއެވެ. ނުމީހުން މީހުނަށް ވެއްޖެއެވެ. ނުރަނގަޅު ރަނގަޅަށް ވެއްޖެއެވެ. ނުސީދާ ސީދަލަށް ވެއްޖެއެވެ. ޙައްޤު ނުޙައްޤަށްވެ ނުޙައްޤު ޙައްޤަށް ވެއްޖެއެވެ. އިންސާފު ބޭއިންސާފަށް ވެއްޖެއެވެ. އަޚުލާގު ބަދު އަޚުލާޤަށް ވެއްޖެއެވެ. ކިޔަމަނުން ނުކިޔަމަން ވެއްޖެއެވެ. ތެދު ދޮގަށް ބަދަލުވެ އެންމެ ފަހުން އަޚުންނާއި އުޚުތުން ޤާޠިލުންނަށް ވެއްޖެއެވެ.
          ދަރިފުޅާއެވެ. މަންމަ މިހަދަނީ ދޮގުހެއްޔެވެ؟ އަޅެ އިންކާރު ކުރާ ދަރިއަކު މަންމައާ ދެކޮޅުހަދާބަލާށެވެ. ދެކޮޅުވެ ބުނާނެ އެއްޗެއް އެބައޮތްހެއްޔެވެ؟ ނެތެވެ. އާއެކެވެ. ދަރިފުޅާއެވެ. ތިޔަ ވިސްނުނީ ހަމަ ރަނގަޅަށެވެ. ހުރިހާވެސް ގޯހަކީ ތިޔަ "ހުޅަނގުގެ ފަރަންޖީ" އުޞޫލެވެ. ތިޔަ އުޞޫލު ބާޠިލްކޮށް ހަމަމަޤަށް އަންނާށެވެ. އިސްލާމީ ރިވެތި އުޞޫލު ޤާއިމްކުރާށެވެ. މަންފާ އޮތީ އެގޮތުގައެވެ. މަންމަގެ އުނގުގައި ދަރިފުޅުމެންނަށް އާރާސްތުވެވޭވީ އޭރުންނެވެ. މަންމަގެ ލޯބި ލިބޭނީ އޭރުންނެވެ. މަންމަގެ ހިމާޔަތަށް ތާއަބަދު އެދޭނަމަ މަންމަގެ މި ނަސޭހަތް އަޑުއަހާށެވެ. މަންމައަކީ ހަމަ މަންމައެވެ. ތިއިން ކޮންމެ ދިވެހި ދަރިއެއްގެވެސް މަންމައެވެ. ލޯބިވާ މަންމައެވެ. ދިވެހި ޤައުމެވެ.