Monday, May 27, 2013


އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު 
"ގައުމީ ދުވަސް" ފާހަގަކުރުމުގެ ޚިޔާލު އުފެދިގެން އައިގޮތާމެދު ތާރީޚީ ނަޒަރެއް
ތިންވަނަ ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް، އެޤައުމެއްގައި ފާހަގަކުރާ ޤައުމީ ދުވަހެއް އޮވެއެވެ. އެ ދުވަހަކީ، އެޤައުމެއްގެ ތާރީޚުގައި ކަޅާހުދުން ލިޔެވި، ފާހަގަކުރެވިފައިވާ ޤައުމީ އަބްޠާލުން ގެ ޛިކުރާ، ފުރިހަމައަށް އައުކުރާ ދުވެހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ޤައުމު ތަޖުރިބާކޮށްފައިވާ ތަފާތު ކަންކަމުގައި ޤައުމާއެކު، ނިޔާމަ ދަތުރަކަށް މަރުފަލިޖެހި،
ހަޤީޤީ ދިވެހި ދަރިންނާމެދު ފަޚުރުވެރިވާ ދުވަހެވެ. މި ދެންނެވި ފަދަ ކަންކަމުން އިބުރަތްލިބި، ހިނގަމުންދާ ޒަމާން ދެކެމުންދާ ޒުވާނުންގެ ހިތްތަކުގައި، ގައުމީ ރޫހު އަށަގެންނެވުމުގެ މަތިވެރި ނިޔަތުގައި ފާހަގަކުރާ ދުވަހެވެ.  އެކުވެރިކަމާއި ހުއްރިއްޔަތުގެ ދަންމަރު ތާޒާކުރުމުގެ ދުވަހެވެ. ޤައުމުގައި އުފެދުނު އަގުހުރި ދަރީންގެ ޚިދުމަތް ހަނދާންކޮށް، އެދަރީންނަށް ވެފައިވާ ދަރަނި އަދާކުރުމުގެ ގޮތުން، އެދަރީންނަށް އާޚިރަތުގެ ކާމިޔާބަށް އެދި ދުޢާ ދަންނަވާ ދުވަހެވެ.   
މިގޮތުން ދިވެހީން އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ،1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. ޤައުމީ ދުވަހެއް ފާހަގަކުރުމުގެ ވިސްނުން އައިދުވަހުންފެށިގެން، އެދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ދައުލަތުން ކަނޑައެޅީ، ދިވެހީންގެ ހުއްރިއްޔަތު މުޅީންހެން ނެތިގޮސް، ކަނުއަނދިރިކަމާއި އަޅުވެތިކަމުގެ އަނިޔާގައި އިސްތިއުމާރުވެފައި ވަނިކޮށް، މިނިވަންކަމުގެ އަލިގަދަ ނޫރުން މުޅި ދިވެހި އުއްމަތަށް އަލިކަން ފޯރި ދުވަހެވެ. 
އާދެ! ޤައުމުދެކެ ލޯބިވާ އެއްވެސް މުވާޠިނަކު އެދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރުމާމެދު ދެބަސް ނުވާނެކަން ޔަޤީނެވެ.  އެއީ، ޕޯރޗްގީޒުންގެ އިސްތިއުމާރުގެ ދަށުގައި 15 އަހަރާއި 6 މަސްވަންދެން، ހޭދަކުރުމަށްފަހު، ދިވެހި ދައުލަތަށް މިނިވަންކަމުގެ ނޭވާއެއް ލެވުނީ 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ވިލޭރޭ ކަމަށްވާތީއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. އާދެ! ބޮޑުތަކުރުފާނެވެ.

ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ، ރަބީޢުލްއައްވަލުމަހުގެ 1 ވަނަ ދުވަސް، އެއްޒަމާނެއްގައި ދައުލަތުން، " ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައިވެސް ފާހަގަކުރެއްވީތީއެވެ. އޭގެ ފަހުގެ ތާރީޚެއްގައި، ސިޔާސީގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައިވެސް ޤައުމީދުވަސް ފާހަގަކޮށްފައިވެއެވެ. މިނިވަންދުވަހުގެ ހަރަކާތްތަކާއި ޤައުމީ ދުވަހުގެ އިހުތިފާލީ ހަރަކާތްތައް އެއްދުވަހެއްގެ ގޮތުގައިވެސް ފާހަގަކުރެވުނު ޒަމާނެއް ދިވެހި ތާރީޚް ދެކެފައިވެއެވެ. އެއީ ޖުލައި 26 އެވެ. ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަހުގެ ގޮތުގައެވެ. މިކަން މިގޮތުގެމަތިން ހަމަޖައްސައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން ކުރެއްވި އިޢުލާނަކާއެކުގައި ކުރީގެ ޤައުމީ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްކަމަށާއި، އެދުވަހު އޮންނާނީ ޛިކުރުކުރުމާއި ދުޢާކުރުންކަމުގައި ހަމަޖެހުނެވެ.
_____________________________________________________________
އިޢުލާނުގެ ޚުލާޞާ
ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނުގައިވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ، ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.

އޭގެ ފަހުން ޤައުމީ ދުވަސް ފާހަގަކުރާގޮތަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް އައިސް، ހުކުރު މިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމުގެ އިތުރުން ކަމުވޮށިވެގެންވާ ކޮންމެވެސް ބޭފުޅަކު ދުވަހާ ގުޅޭގޮތުން ވާހަކަދައްކާލާ ފުއްދާލައެވެ.

އޭގެ އަހަރުތަކެއްފަހުން، މާރޗް 29 ވަނަ ދުވަހު އައްޑު އަތޮޅު ގަމުން އިނގިރާސިން ފޭބީތީ، އެމަހުގެ 19 ވަނަ ދުވަހަކީ ރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމިއެވެ. ނަމަވެސް މިގޮތުގައި މި ދުވަސް ފާހަގަކުރެވުނީ ހަމައެކަނި 1978 ވަނަ އަހަރުއެވެ. އެއީ އެއަހަރު، ދެވަނަ ޖުމުހޫރިއްޔާގެ ނިމުން އައިސް، ތިންވަނަ ޖުމްހޫރިއްޔާ ފެށި، ވެރިކަމަށް ރައީސް މައުމޫން ހަވާލުވެ، ދައުލަތް ހިންގުމުގެ ސިޔާސަތަށް ގެންނެވި ބަދަލުގެތެރެއިން، އޭރުގެ މަޖުލީހަށް ފޮނުއްވާ ފާސްކުރި، ބިލެއްގައި ރަސްމީކޮށް ފާހަގަކުރަންޖެހޭ ދެ ދުވަހުގެތެރާގައި ޤައުމީ ދުވަސް ހިމެނުނެވެ. އެއީ ޤައުމީ ދުވަސްކަމުގައި ނިންމެވި، ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހާއި މިނިވަންދުވަސް ކަމުގައި ކަނޑައެޅި ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.  ޤައުމީ ދުވަސް ކަނޑައެޅިގެން ދިޔައީ މިފަދައިންނެވެ.
އެހެންކަމުން ޤައުމީ ދުވަހުގެ ހެޔޮދުޢާއާއި ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް ދަންނަވަން.    - ނިމުނީ-